އައްޑޫ ސްޓޭޑިއަމް މަރާމާތު ނުކުރުމުން ކުރީ ސަރުކާރަށް ނިޒާރު ފާޑުވިދާޅުވެއްޖެ

އައްޑޫ މޭޔަރު އަލީ ނިޒާރު: އޭނާ ވަނީ އެސިޓީގެ ޒޯން ސްޓޭޑިއަމް މަރާމާތުނުކޮށްދިނުމުން ކުރީ ސަރުކާރަށް ފާޑުވިދާޅުވެފަ ---

ނިމިދިޔަ ސަރުކާރުން އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމް މަރާމާތުނުކޮށް ވީރާނާވާން ދޫކޮށްލި މައްސަލައިގައި އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ކުރީގެ ރައީސް އިބްރާހީމް މުޙަައްމަދު ޞާލިހްގެ ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

އައްޑޫ ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އެމްޑީޕީއަށް ނިސްބަތްވާ ނިޒާރު ވިދާޅުވީ، އައްޑޫ ސިޓީގެ ސްޓޭޑިއަމްއަކީ މިދިޔަ 10 ވަރަކަށް އަހަރުތެރޭ އެއްވަރަަަކަށްވެސް މަރާމާތު ކޮށްފައިވާ ތަނެއް ނޫން ކަމަށެވެ.

"މި ސްޓޭޑިއަމްއަކީ ގާތްގަނޑަކަށް ދިހަ ވަރަކަށް އަހަރު ވަންދެން އެއްވެސް މަރާމާތެއް ނުކޮށް، ދަވާދުކޮޅެއްގެ މިންވަރުވެސް ހާކާނުލެވި އޮތް ތަނެއް،" ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމްގައި ސްޕޯޓްސް މިނިސްޓަރު ހަރަކާތްތެރިވަނީ --- ފޮޓޯ/ސްޕޯޓްސް މިނިސްޓްރީ

ނިޒާރު ވިދާޅުވީ، އެ ސްޓޭޑިއަމްއަކީ އައްޑޫއަށް އަގު ބޮޑު ތަނަކަށްވާތީ އެތަން ވިރާނާވާން ދޫނުކޮށްލައި މަރާމާތު ކުރުމަށް މިދިޔަ ސަރުކާރުގައި އާދޭސް ދެންނެވި ކަމަށެވެ.

"އެހެންނަމަވެސް މިދިޔަ ސަރުކާރުން އެއްވެސް ކަމެއް ނުކޮށް މިދިޔަ ސަރުކާރުގެ ދައުރު ނިމިގެން ދިޔަކަން އަޅުގަނޑު ހަމަ ހިތާމަޔާއެކު ފާހަގަކުރަން،" ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމް --- ފޮޓޯ/ ސްޕޯޓްސް މިނިސްޓްރީ

އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ވަރަށް ކުޑަ މުއްދަތެއްގެ ތެރޭގައި މި ސަރުކާރުން އެ ސްޓޭޑިއަމްގެ މަރާމާތު މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މިފަހުން ބޭއްވި މުބާރާތަކަށް ތައްޔާރުވުމަށް އަވަސް މުއްދަތެއްގެ ތެރޭގައި ސްޓޭޑިއަމް މަރާމާތުކުރުމަށް ބަޔަކާ ހަވާލުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، އޭނާ ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒަށާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއަށް ޝުކުރު ދަންނަވާފައެވެ.

comment ކޮމެންޓް