ކެންސަރު ޖެހުނުކަން އިއުލާނުކުރެއްވި ފަހުން ޗާލްސް ދެއްވި ފުރަތަމަ ބަޔާނުގައި ސަޕޯޓަރުންނަށް ޝުކުރު

އިނިގިރޭސިވިލާތުގެ ރައީސް ޗާްލްސް ތިން ވަނަ. ފޮޓޯ/ސީބީއެސް ނޫސް

ކެންސަރު ޖެހިވަޑައިގެން ފަރުވާ ކުރައްވަމުންގެންދަވާކަން އާންމުކޮށް އިއުލާނުކުރެއްވި ފަހުން އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިން ވަނަ ފުރަތަމަ ފަހަރަށް ބަޔާނެއް ދެއްވައިފިއެވެ.

"ފާއިތުވި ދުވަސްތަކުގައި އަޅުގަނޑަށް ލިބުނު ތާއީދާއި ހެޔޮއެދުންތަކުގެ އެތައް މެސެޖުތަކަށް އެންމެ ހިތުގެ އަޑިން ޝުކުރު އަދާކުރަން" އިނގިރޭސި ޝާހީ އާއިލާއިން ނެރުނު ބަޔާނެއްގައި ޗާލްސް ވިދާޅުވެފައިވެއެވެ. އަދި އެފަދަ މެސެޖްތަކަކީ އެންމެ ހިތްވަރުލިބޭ މެސެޖްތައްކަން ކެންސަރުޖެހިފައިވާ އެންމެންނަށްވެސް އެނގޭނެ ކަމަށް ޗާލްސް ވިދާޅުވިއެވެ.

ޗާލްސްއަށް ކެންސަރު ޖެހިވަޑައިގެންފައިވާކަން އެނގުނީ މިދިޔަ މަހު ޕްރޮސްޓޭޓް ދުޅަވެގެން ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. އެއާއެކު، ޗާލްސް ވަނީ ޝާހީ ގަނޑުވަރުގެ ބައެއް މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން ދުރުވެވަޑައިގެންފައެވެ.

ސީބީއެސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޗާލްސްގެ އާންމު ސިއްހީ ހާލުކޮޅު ރަނގަޅެވެ. ކެންސަރު ބައްޔަށް ޗާލްސް ފަރުވާ ހޯއްދަވަމުން ދާ ކަމަށް ޝާހީ ގަނޑުވަރުގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެއީ ކޮން ބާވަތެއްގެ ފަރުވާއެއް ކަމެއް ހާމަކޮށްފައެއްނުވެއެވެ.

ޝާހީ އާއިލާއާ ގުޅުން ކެނޑިފައިވާ ޕްރިންސް ހެރީވެސް ވަނީ ބައްޕާފުޅަށް ކެންސަރު ޖެހިވަޑައިގެންފައިވާކަން އިއުލާނުކުރެއްވުމާއެކު އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އަނބިކަނބަލުން މޭގަން މާކެލްއާއެކު ހެރީ މިހާރު ދިރިއުޅުއްވަނީ އެމެރިކާގައެވެ.

އުމުރުފުޅުން 75 އަހަރުގެ ޗާލްސް އިނގިރޭސި ތަޚުތާ ހަވާލުވެޑައިގަތީ މަންމާފުޅު, ކުއީން އެލިޒަބަތް ދެވަނަ އަވަހާރަވުމާ ގުޅިގެން 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ.

comment ކޮމެންޓް