ގައުމިއްޔަތު ކިޔަވައިދޭން ފެށުމަށް 11 ސުކޫލެއްގައި ޕައިލެޓް ފްރޮގްރާމް ފަށައިފި

އިސްކަންދަރު ސްކޫލްގައި ޅެންވެރިންގެ ދުވަސް ފާހަގަކުރުން: ގައުމިއްޔަތު މާއްދާ ކިޔަވައިދޭން ފެށުމަށް 11 ސުކޫލެއްގައި ޕައިލެޓް ޕްރޮގްރާމްތައް ފަށައިފި ކަމަށް ރައީސް ވަނީ ވިދާޅުވެފައި --- ފޮޓޯ/ އިސްކަންދަރު ސްކޫލް

އަންނަ ދިރާސީ އަހަރު ވަކި މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތު ކިޔަވައިދޭން ފެށުމަށް 11 ސުކޫލެއްގައި އެޑިއުކޭޝަން މިނިސްޓްރީއިން ޕައިލެޓް ޕްރޮގްރާމް ފަށައިފި ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އާންމުންނަށް ރައީސް މުއިއްޒާ ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ޕްރޮގްރާމްގައި ލ. މާވަށު ސުކޫލުގެ ޕްރިންސިޕަލް ޒުލޭހާ ރަފީޢު ވަނީ ތައުލީމީ ދާއިރާގެ ތެރެއިން ގައުމިއްޔަތު ކިޔަވައިދޭން ފަށާނެ ދުވަހަކާ މެދު ސުވާލުކުރައްވައިފައެވެ.

"މިހާރު ކުރިއަށް ގެންދެވޭ ތައުލީމީ ސިޔާސަތުގެ ތެރެއިން ހިމެނޭ ގައުމިއްޔަތު މާއްދާ ކިޔަވައިދިނުމުގެ ބައިގައި ލ. އަތޮޅުގެ ސުކޫލުތަކުގައި ގައުމިއްޔަތުގެ މާއްދާ ކިޔަވައިދެމުނެއް ނުގެންދޭ. އެހެންވެ، އެ ފުރުސަތު ލިބޭނީ ކޮން އިރަކުތޯ؟" ޒުލޭހާ އެއްސެވިއެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ގައުމިއްޔަތު ކިޔަވައި ދިނުމަށް ތައްޔާރުވުމުގެ ގޮތުން މިހާރު ކުރިއަށްދަނީ ޕައިލެޓް ޕްރޮގްރާމް ކަމަށެވެ.

އެގޮތުން މިހާރު އެޑިއުކޭޝަން މިނިސްޓްރީއިން 11 ސުކޫލެއްގައި ގައުމިއްޔަތު މާއްދާގެ ޕައިލެޓް ޕްރޮގްރާމް ކުރިއަށްގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިިއެވެ.

"ދެން މިހުރިހާ ކަމެއް ނިމުނީމަ އިރާދަކުރެއްވިއްޔާމުން ދެން ފެށޭ ދިރާސީ އަހަރު ގައުމިއްޔަތު މާއްދާ ރޯލްއައުޓް ކުރެވިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ގައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި ކިޔަވައިދިނުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.

comment ކޮމެންޓް