މާލޭގައި ހަށިވިއްކާ 111 ތަނެއް އެބަހުރި: މިނިސްޓަރު

03 އޮގަސްޓް 2016: ހަށިވިއްކުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްގެން ގެންދަނީ: މާލޭ ސަރަހައްދުގައި ހަށިވިއްކާ 111 ތަނެއް އެބަހުރި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާލޭ ސަރަހައްދުން އެކަނި ވެސް އެކިއެކި ނަންނަމުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ 111 ތަނެއް ފާހަގަކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

މަސާޖުޕާލާތަކާއި ސްޕާތަކުގެ ނަންނަމުގައި ހަށިވިއްކާ މައްސަލަ މި ފަހުން ވަނީ ބޮޑުވެފައެވެ. ހަށިވިއްކުމުގެ ތުހުމަތުގައި ގިނަ ބަޔަކު ހައްޔަރު ވެސް ކުރެއެވެ.

ހޯމް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން މާލޭ ސަރަހައްދުގައި އެކިއެކި ނަންނަމުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ 111 ތަނެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

"ސެލޫންގެ ނަމުގައި އެހެންނަމަވެސް މިތާ ތެރޭގައި ގައިރުގާނޫނީ އަމަލުތައް ހިންގަމުންދާކަށް [ފާހަގަކުރެވިފައި]،" މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން، ބައެއް ތަންތަނަށް ޓޫރިސްޓު ވިސާގައި ބިދޭސީން ގެނެސްގެން، އެ މީހުން ލައްވައި ހަށިވިއްކުމުގެ ވިޔަފާރި ހިންގާކަން މިނިސްޓަރު ވަނީ ހާމަކުރައްވައިފައެވެ.

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: މިނިސްޓަރު ވިދާޅުވީ ހަށިވިއްކާ 111 ތަނެއް ފާހަގަކުރެވިފައިވާ ކަމަށް -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މޫސާ ނަދީމް

"މި ތަންތަނާ ދޭތެރޭގައި ގާނޫނީ ފިޔަވަޅު އެޅުމަށް އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން،" އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު އަމަލުކުރަމުން އަންނަ އުސޫލަކީ ހަށިވިއްކުމުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުވާ ތަންތަނުން ހައްޔަރުކުރެވޭ ބިދޭސީން ޑީޕޯޓުކޮށްލުން ކަމަށެވެ.

މީގެ އިތުރުން، މިނިސްޓަރު ވިދާޅުވީ ޑުރަގާ ދެކޮޅަށް އެކުލަވައިލާފައިވާ ޓާސްކްފޯހުން ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން، މިހާތަނަށް 41.4 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ރާ އަތުލައިގެންފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި، ގަވާއިދާ ހިލާފަށް އުޅޭ 183 ބިދޭސީއަކު އަތުލައިގަނެ، 83 މީހަކު ޑީޕޯޓުކޮށްލާފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަަދައްކަވަމުން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ، ގޭންގުތަކާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން 3،000 އަށްވުރެ ގިނަ މީހުން ހުއްޓުވައި އޭގެ ތެރެއިން 300 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި 16 ބިދޭސީއަކު ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި، ގޭންގުތަކުން ބޭނުންކުރާ 112 ވެހިކަލެއް ހުއްޓުވައި، 11 ވެހިކަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވިއެވެ.

comment ކޮމެންޓް