ރަފާ ސިޓީއަށް އިޒްރޭލުން ހަމަލާދޭން ނިންމުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި

އިސްރާއީލާއި ގާޒާ ގުޅޭ ބޯޑަރު ކުރިއަށްގެން ދިޔަ މުޒާހަރާއެއް: 58 މީހަކު މަރުވެފައިވޭ -- ފޮޓޯ: އަލްޖަޒީރާ

ޣައްޒާގެ ރަފާ ސިޓީއަށް އިޒްރޭލުން ހަމަލާ ދޭން ނިންމުމުން ދިވެހި ސަރުކާރުން އެކަން މިއަދު ކުށްވެރި ކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިސްރާއީލުން ހިންގަމުންދާ ގަތުލްއާއްމުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ އެތައް މިލިއަން ރައްޔިތުންނެއް ދިރިއުޅެމުން ދާ، އަދި އެ މީހުންނަށް ހަމައެކަނި ރައްކާތެރިކަމެއް އޮތް ދެކުނު ޣައްޒާގެ ރަފާ ސިޓީއަށް އަރައިގަތުމަށް ދިން އިންޒާރު ރާއްޖޭގެ ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަަމަށެވެ.

އަދި، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުން ގެންދާ ލާއިންސާނީ ހަމަލާތައް ވެސް ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފައެވެ.

އެ ބަޔާނުގައި ބުނީ އިސްރާއީލުން ދޭ ހަމަލާތަކާއި އިސްތިއުމާރީ ބާރުތަކުން އިންސާނީ އެހީތެރިކަމަށް ހުރަސްއެޅުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު ކަމެއް ކަމަށެވެ.

އަދި ބައިނަލްއަޤްވާމީ ކޯޓުން މިދިޔަ މަހުގެ 26 ވަނަ ދުވަހު ނެރުނު އަމުރުގައި ބުނެފައިވާ ވަގުތީ ފިޔަވަޅުތަކަށް އަމަލު ކުރުމަށް އިސްރާއިލުގެ ކަމާބެހެ ފަރާތްތަކަށް ޕްރެޝަރު ކުރުމަށްވެސް ރާއްޖޭގެ ސަރުކާރުން ވަނީ ގޮވައިލައިފައެވެ.

އަދި ރާއްޖެ އޮންނާނީ ފަލަސްތިނާ އެކު ކަމަށާއި އަބަދުވެސް ފަލަސްތީނަށް އެހީވުމުގައި ރާއްޖެ ދެމި އޮންނާނެ ކަމުގެ ޔަގީންކަން ވެސް ދިވެހި ސަރުކާރުން ވަނީ އެ ގައުމަށް ދީފައެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލު ފައުޖުތަކުން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 28،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގައި ޒަހަމްކޮށްލައިފައިވާ މީހުންގެ އަދަދު ވަނީ 67،000 އަށް އުފުލިފައެވެ.

comment ކޮމެންޓް