ތަހުގީގުން އެކުލަވާލި ލިސްޓެއް ކަމަށް ބުނެ ފަތުރަނީ ކޮމިޝަންގެ ލިސްޓެއް ނޫން: އޭސީސީ

އޭސީސީގެ ރައީސް އާދަމް ޝާމިލް: އެ ކޮމިޝަނުން ވަނީ، ސޯޝަލް މީޑިއާގައި އޭސީސީގެ ލިސްޓެއް ކަމަށް ބުނެ ފަތުރަނީ ސައްހަ ލިސްޓެއް ނޫން ކަމަށް ބުނެފައި --

ގެދޮރުވެރިޔާ ސްކީމަށް ޝަރުތު ހަމަވި މީހުންގެ ފޯމްތައް ތަހުގީގު ކުރުމަށް ފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެކުލަވާލި ލިސްޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ލިސްޓަކީ އެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓެއް ނޫން ކަމަށް އޭސީސީން މިއަދު ބުނެފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ 4،000 ފްލެޓަށް ޝަރުތު ހަމަވި މީހުންގެ ތެރެއިން، އޭސީސީން ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ފޯމްތަކުގެ ލިސްޓެއް ކަމަށް ބުނާ ލިސްޓެއް މިއަދު ސޯޝަލް މީޑިއާގައި ވަނީ ދައުރުކޮށްފައެވެ.

އޭސީސީން ބުނީ އެ ކޮމިޝަންގެ ތަހުގީގަށް ހޯދިފައިވާ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ތަހުގީގު ބޭނުމަށް ތައްޔާރު ކުރެވިފައިވާ ލިސްޓެއްގެ މައުލޫމާތުން މިހާތަނަށް ހިއްސާކޮށްފައި ވާނީ އެ މައްސަލަ ރައްދުވާ ހައުސިން މިނިސްޓްރީއާއި ކޮމިޝަނުން ޖަވާބުދާރީވާން ޖެހޭ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާތަކުގެ ކޮމެޓީއާ އެކަނި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ތަހުގީގުގައި ފާހަގަކުރެވުނު މުހިންމު ކަންކަމުގެ ތަފުސީލް ހާމަކޮށްފައިވާނެ ކަމަށާއި އިތުރު އެއްވެސް ފަރާތަކަށް އެ މައްސަލައާ ގުޅޭ މައުލޫމާތެއް ނުވަތަ ލިޔުމެއް ކޮމިޝަނުން ނުވަތަ ކޮމިޝަނުގެ މުވައްޒަފެއް ވެސް ހިއްސާކޮށްފައި ނުވާނެ ކަމަށް ބަޔާނުގައިވެއެވެ.

އޭސީސީން ވަނީ، އާންމު ރައްޔިތުންނާ ގުޅުންހުރި މިފަދަ ހައްސާސީ މައްސަލައެއްގައި ހަގީގަތް އޮޅުވާލުމަށް މީސްމީޑިއާގައި ހަގީގަތާ ޚިލާފު ވާހަކަ ފެތުރުމަކީ ރައްޔިތުންގެ ހިތުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށް ކުރާ ނާތަހުޒީބު، ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް ބުނެފައެވެ.

"ކޮމިޝަނުން ތަހުގީގު ކުރާ މައްސަލަތަކުގައި އާންމުންނަށް ދޭން ޖެހޭ މައުލޫމާތު ކޮމިޝަންގެ ރަސްމީ މީސްމީޑިއާ އެކައުންޓުތަކުންނާއި ނޫސްތަކުން ރަސްމީކޮށް މައުލޫމާތު ދީގެން، ހިއްސާކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައިވެއެވެ.

މީގެ އިތުރުން އޭސީސީގެ އެއްވެސް މަސައްކަތަކަށް އެއްވެސް މީހެއްގެ ނުވަތަ ފަރާތެއްގެ އެއްވެސް މިންވަރެއްގެ އެއްވެސް ނުފޫޒެއް ނުފޯރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށާއި ކޮމިޝަނުގެ އެންމެ މަތީ މަސްލަހަތަކީ ގާނޫނު ނަގަހައްޓައި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފުލެޓް ދިނުމަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު އާންމު ކުރުމުން، ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އޭސީސީން ޖިނާއީ ތަހުގީގެއް ފެށިއެވެ.

އެ ތަހުގީގާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ފުލެޓު ދޫކުރުން މަޑު ޖެހިފައި އޮތުމަށް ފަހު މިމަހުގެ އެކެއްގައި އޭސީސީން ވަނީ ބައެއް ކަންތަކަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފައެވެ.

އިއްޔެ ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ، އޭސީސީން ކުރިއަށް ގެންދިޔަ ތަހުގީގުން ޝަރުތުހަމަވެ، އިތުރު މައްސަލައެއް ހުރިކަން ފާހަގަވެފައިނުވާ ފޯމްތަކުގެ ލިސްޓެއް އެ ކޮމިޝަނުން ބުރާސްފަތި ދުވަހުގެ ރޭ އެ މިނިސްޓްރީއަށް ފޮނުވައިފައިވާ ކަމަށް ބުނެފައެވެ.

އެ ބަޔާނުގައިވާ ގޮތުން، އޭސީސީން ފޮނުވާފައިވާ ލިސްޓުގައި ހިމެނޭ ފޯމްތަކަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެކެވެ. އެހެންވެ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އިންތިޒާމުތައް އެ މިނިސްޓްރީން ކުރަމުންދާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ފްލެޓް ލިސްޓްގައި ހިމެނޭ ހައްގުވެރި ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ އިންތިޒާމްތައް ހަމަޖައްސާނީ އޭސީސީ އާއި އެޓާނީ ޖެނެރަލްގެ ލަފާގެ މަތިންނެވެ.

comment ކޮމެންޓް