ކަނޑުގެ މުއާހަދާއިން ކުޑަ ގައުމުތަކުގެ ފައިދާކުރުވަނިވި ބަދަލުތައް ގެނެވޭނެ: މިނިސްޓަރު

އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް --- ފޮޓޯ: މިނިސްޓްރީ

އދ.ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ, ބަޔޯޑައިވާސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން (ބީބީއެންޖޭ)ގައި ބައިވެރިވުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގެ ހިމާޔަތަށާއި ކަނޑުތައް ބެލެހެއްޓުމަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށް ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ބީބީއެންޖެގައި ބައިވެރިވުމަށް ނިންމުމަކީ ކަނޑުތައް ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވާނެ ކަމަށެވެ.

އެ މުއާހަދާގެ ދަށުން ދުނިޔޭގެ ކަނޑުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ މަސައްކަތްތައް ތަންފީޒު ކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށް ވެސް ތޯރިގް ވިދާޅުވިއެވެ.

މި މުއާހަދާއަކީ މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމަޔާތްކޮށް ރައްކާތެރިކުރުމަށާއި، ދެމެހެެއްޓެނިވި ގޮތެއްގައި ދިރުންތަކާއި ސަރަހައްދުތައް ބޭނުންކުރުމަށް އެކުލަވާލާފައިވާ މުއާހަދާއެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

https://sun.mv/188552

ރައީސް އޮފީހުން ބުނީ މި މުއާހަދާ އެކުލަވައިލެވުމަކީ، މާކަނޑުގެ ދިރުންތަކާއި މާހައުލު ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ގޮތުން ކުރި އެންމެ މުހިންމު މަސައްކަތް ކަމަށެވެ. އެފަދަ މުއާހަދާއެއްގައި ރާއްޖޭން ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށް ވެސް ރައީސް އޮފީހުން ފާހަގަކުރިއެވެ.

ރައީސް އޮފީހުން ބުނީ މި މުޢާހަދާގައި ދުނިޔޭގެ 83 ގައުމަކުން މިހާތަނަށް ސޮއިކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް