ސެޓްފިކެޓުން މޮޅު، ހުނަރެއް ނެތް ޖީލެއް؟

ރާއްޖޭގެ މެދުފަންތީގެ ރަނގަޅު ކުންފުންޏެއްގެ ވެރިއަކު ވިދާޅުވިއެވެ. ވަރަށް ފަހުން އެ އޮފީހުގެ ރިސެޕްޝަނިސްޓެއްގެ ވަޒީފާއަށް ހުޅުވާލުމާއެކު ކުރިމަތިލި މީހުންގެ ތެރޭގައި އޭ ލެވެލްގެ ގަދަ ދިހައެއްގެ ވަރަށް ކުރިން ޖާގަ ހޯދި ކުއްޖަކު ހިމެނެއެވެ. މަތީ ތައުލީމަށް ރާއްޖޭން ބޭރަށް ފުރަންވަންދެން ވަޒީފާގައި އުޅުމަށް ނިންމައިގެން ހުރި އެ ކުއްޖާއާ އިންޓަވިއޫ ކުރުމަށްފަހު އެ އޮފީހުން އޭނާއާ ހަވާލު ކުރީ ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ސިޓީއެއް ލިޔުމަށެވެ. ލެޕްޓޮޕުން އިންޓަނެޓް ކަނޑާލުމަށްފަހު އެ މަސައްކަތް ހަވާލު ކުރުމުން އެ ކުއްޖާއަށް ސިޓީއެއް ލިޔާކަށް ނޭނގުނެވެ. އުޅެއުޅެ ކުރިއަކަށް ނުދިޔައެވެ.

މިއީ ސްކޫލު ނިންމައިގެން ނުކުންނަ ކުދިން ވަޒީފާގެ މާހައުލަށް ތައްޔާރު ނޫން ކަމަށް ވިދާޅުވެ މަޝްހޫރު ވިޔަފާރިވެރިއަކު ކިޔައިދިން ހާދިސާއެކެވެ. މިފަދަ އެތައް ވާހަކައެއް އަޑުއިވެއެވެ. އޯލަވެލްއާއި އޭލަވަލްގެ އިތުރުން ޑިގްރީ އާއި މާސްޓާސް ނިންމައިގެން ވަޒީފާތަކާ ގުޅޭ ބައެއް ދިވެހީންގެ ފެންވަރު ދަށް ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ވަޒީފާ ދޭ މީހުންނާއި މުވައްޒަފުން މެނޭޖު ކުރަން ތިބޭ މީހުން އެންމެ އާއްމުކޮށް ދައްކާ އެއް ވާހަކައަކީ އެއީއެވެ.

ވޯލްޑް ބޭންކުން ހާމަކުރީ ބޮޑު ހަގީގަތެއް

މި ހަގީގަތަށް ބާރު ލިބޭ އަނެއް ހެއްކަކީ، ވޯލްޑް ބޭންކުން މިދިޔަ ހަފުތާގައި އާއްމުކުރި، ހިއުމަން ކެޕިޓަލް އިންޑެކްސް (އެޗްސީއައި)ގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ހާލަތު ހިމަނައި ނެރުނު ރިޕޯޓެވެ. އެ ރިޕޯޓް ބުނާގޮތުން ރާއްޖޭގެ ތައުލީމީ ފެންވަރު ދަށްވުމުގެ ސަބަބުން އިންސާނީ ވަސީލަތް ބިނާކުރަން ދަތިވެއެވެ. އެ ބޭންކުން ބުނީ، ރާއްޖޭގެ ކުއްޖަކު މަދަރުސީ ތައުލީމުގެ 12.4 އަހަރު ފުރިހަމަ ކުރާއިރު، އުނގެނުމަށް ހޭދަކުރަނީ އެންމެ 8.17 އަހަރު ކަމަށެވެ. އޭގެ ސަބަބުން ކުދިންގެ ކިޔެވުމުން 4.32 އަހަރު ގެއްލޭކަން އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

https://sun.mv/188420

މީގެ އިތުރުން، ވޯލްޑް ބޭންކުން ބުނީ މިހާރު ރާއްޖޭގެ އިންސާނީ ވަސީލަތްތައް ހުރި މިންވަރަށް ބަލާއިރު، އުފެއްދުންތެރިކަން ވަރަށް ބޮޑަށް ދަށްވާ ކަމަށެވެ. އެގޮތުން، މުސްތަގުބަލުގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ 23 އިންސައްތަ ދަށަށްދާނެ ކަމަށް އެ ބޭންކުން ވަނީ ލަފާކޮށްފައެވެ. މިއީ ވަޒީފާ އަދާކުރާ މީހުންގެ ނިސްބަތް ދަށްވުމުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް އެ ބޭންކުން ބުނެއެވެ. އަދި، ޚާއްސަކޮށް ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް މިކަމުން ފާހަގަވާކަން އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

މިހެން މިވީ ކީއްވެ؟

މީގެ 30 އަކަށް އަހަރު ކުރިއަށް ބަލާއިރު މަތީ ތައުލީމު ހާސިލު ކޮށްފައިވާ މީހުން ރާއްޖޭގައި އެހާ ގިނައެއް ނޫނެވެ. ސަރުކާރާއި އަމިއްލަ ވިޔަފާރިތައް ހިންގުމުގައި ބަރޯސާވާން ޖެހިފައި އޮންނަނީ ސާނަވީ ނުވަތަ މަތީ ސާނަވީ ތައުލީމު ހާސިލުކޮށް ނިންމާ މީހުނަށެވެ. މިއަދު ރާއްޖޭގެ ސިވިލް ސާވިސްއަށް ބަލާއިރު އެފަދަ ބޭފުޅުން ގިނައެވެ. މާ ބޮޑު ތައުލީމަކާއި ތަމްރީނެއް ލިބިފައި ނެތް ނަމަވެސް އޭގެ ތެރެއިން ގިނަ ބޭފުޅުންނަކީ މަސައްކަތު އަހުލާގު ވަރަށް ރަނގަޅު މީހުންނެވެ. އޭރު ކޮންމެހެން ބުނަން ޖެހިގެން ނޫނީ އޮފީހަށް ސަލާމެއް ނުބުނާނެއެވެ. ހަވާލު ކުރާ މަސައްކަތްތައް ނިންމުމާއި ހިދުމަތް ދިނުމަށް އިސްކަން ދެއެވެ.

"ކުރީގައި ގްރޭޑް 10 ނިމޭ ކުދިންނަކީ ޒިންމާ ނަގައިގެން މުޖުތަމައުގައި އުޅެން އެނގޭނެ މީހުން. އެ މީހުން ތިބޭނީ އަމަލީ މައިދާނަށް ތައްޔާރުވެފައި. އެކަނި ވެސް އުޅެން އެނގޭނެ. އެކަމަކު މިއަދު ގިނަ ކުދިން އެހެނެއް ނޫން،" 40 އަހަރު ވަންދެން ސަރުކާރަށް ހިދުމަތް ކުރެއްވުމަށްފަހު މިދިޔަ އަހަރު ރިޓަޔާ ކުރެއްވި ބޭފުޅަކު ވިދާޅުވިއެވެ.

މިހާ ބޮޑު ބަދަލެއް ޖީލަކަށް އައިއިރު ކޮށްލަން ޖެހޭ އެންމެ މުހިންމު ސުވާލަކީ މިހެން މިވީ ކީއްވެގެންތޯއެވެ؟

ދަރިވަރުންތަކެއް އެސެމްބްލީގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ޔުނިވާސިޓީއެއްގެ އެންމެ އިސް މަގާމު ފުރުއްވާފައިވާ ބޭފުޅަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިގޮތުގައި ރާއްޖޭގައި ދެމުން އަންނަ ތައުލީމުގެ ފެންވަރު އެހާ ދަށެއް ނޫނެވެ. ނަމަވެސް އިލްމު އުނގެނުމުގެ ހުނަރާއި އިލްމު އުނގެނުމަށް ކުރަން ޖެހޭ މަސައްކަތްތައް ދަނީ ދަށްވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ތަޖުރިބާގެ އަލީގައި އޭނާ ވިދާޅުވިގޮތުގައި ރާއްޖޭގެ ތައުލީމީ ސިސްޓަމް ބައްޓަން ވެފައި މުޅިން އޮތީ ޓެސްޓްތައް ތައްޔާރުވުމުގެ މައްޗަށެވެ. އެންމެ ކުޑައިރުންސުރެން ފެށިގެން މަތީ ތައުލީމާ ހަމައަށް މީހުން ތައްޔާރު ކުރެވެނީ ސުވާލަށް ޖަވާބު ދޭން ކަމަށް ވުމަކީ ފެންވަރު ދަށްވާ ސަބަބެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މުޅިން ވެސް ސުވާލަށް ޖަވާބު ދޭން ތައްޔާރު މި ކުރެވެނީ. އިލްމު އުނގެނެއް ދަހެއް ނުކުށްދެވޭ. ކަންކަމަށް ވިސްނައި ހައްލު ހޯދާކަށް ދަހެއް ނުކޮށްދެވޭ. މިއީ ފެންވަރު ދަށްވާ ސަބަބެއް،" މަތީ ތައުލީމު ފޯރުކޮށްދިނުމަށް 15 އަހަރަށް ވުރެން ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އެ ބޭފުޅާ ވިދާޅުވިއެވެ.

އެސައިމަންޓަކީ ކިޔަވާ ކުދިންގެ ފެންވަރު ވަޒަން ކުރާ އެންމެ މުހިންމު އެއް ވަސީލަތް ކަމަށްވާއިރު ރާއްޖޭގައި ބައެއް ކިޔަވާ ކުދިން އެސައިމަންޓް ހަދާ ގޮތަކީ ސިއްރެއް ނޫނެވެ. މީހަކާ ހަވާލުކޮށްގެން އެކަން ކޮށް އުޅުމަކީ ހިނގާ ކަމެކެވެ. އެކަން ބޮޑު ވިޔަފާރިއަކަށް ވެފައި އޮންނަތާ ވެސް އެތައް ޒަމާނެއް ވެއްޖެއެވެ. ސޯޝަލް މީޑިއާގައި ޕޭޖްތައް ހަދައިގެން އަގަށް އެސައިމަންޓް ހަދައިދޭ އެތައް ބަޔަކު ރާއްޖޭގައި އުޅެއެވެ. އެ ވިޔަފާރި އެހާ ފުޅާ ވެފައިވަނީ އެކަމަށް ޑިމާންޑް ބޮޑުވުމުންނެވެ.

މީގެ ނަތީޖާއަކީ ކޮބާ؟

ރާއްޖޭގެ މަސައްކަތު އާބާދީގައި ބިދޭސީން އިންތިހާއަށް ގިނަވެފައި ޚާއްސަކޮށް އިސް މަގާމުތަކުގައި ބިދޭސީން ތިބޭ ސަބަބުތަކެއް އޮވެއެވެ. އެއީ ދިވެހީންނާއި ބިދޭސީންނާ ދެމެދު ތަފާތު ކުރަނީ ކަމަށް ބުނެ ބަހަނާއަކުން ނިންމާލެވޭކަށް ނެތެވެ. ހަގީގަތަކީ ބިދޭސީންނަށް ގިނަ ފަހަރަށް ބަރޯސާވާން ޖެހެނީ ބައެއް ދިވެހީންގެ މަސައްކަތު އަހުލާގު ނުހުރުމާއި މަސައްކަތަށް ފަރުވާތެރި ނުވުމުގެ ސަބަބުންނެވެ. މިހެން މިކަންވުމުގެ ސަބަބުން ކޮންމެ މަހަކު މުސާރައިގެ ގޮތުގައި ރާއްޖޭން ގިނަ އަދަދެއްގެ ފައިސާ ބޭރުވެއެވެ. އަދި، ގިނަ ދިވެހީންނަށް އެކަށީގެންވާ އާމްދަނީއެއް ނުލިބި އެކަހެރިވާން ޖެހެއެވެ. މިއީ ގައުމުގެ ތަރައްގީއަށް އޮތް ހުރަސްތަކެވެ.

ފެންވަރު ދަށް މުވައްޒަފުން ގިނަވުމަކީ ގައުމަކަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެއީ ތައުލީމީ ގޮތުން ފެންވަރު ދަށް މަސައްކަތްތެރިން ދުނިޔޭގެ އިގްތިސާދުގައި ވާދަކުރަން އުނދަގޫވެ، ގައުމުގެ އިގްތިސާދީ ކުރިއެރުމުގެ ފުރުސަތު ހަނިވާނެތީއެވެ. އެކަށީގެންވާ ހުނަރާއި ފެންވަރު ނެތުމުގެ ސަބަބުން، ރަނގަޅު މުސާރަލިބޭ ވަޒީފާތައް ހޯދުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެ، ވަޒީފާ ގެއްލުމާއި، ވަޒީފާ ގެއްލޭ މިންވަރު އިތުރުވުމަކީ ވެސް ގައުމަށް ކުރިމަތިވާނެ ބޮޑު މައްސަލައެކެވެ.

އިކޮނޮމިކް މިނިސްޓްރީއިން ކުރިޔަށްގެންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގްރާމްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އިނޮވޭޝަނާއި އުފެއްދުންތެރިކަން ކުރިއެރުވުމަށް ފެންވަރު ރަނގަޅު ތައުލީމަކީ ވަރަށް މުހިންމު އެއްޗެކެވެ. ކިތަންމެ މަތީ ފާހެއް އޮތް ސެޓްފިކެޓެއް އޮތްނަމަ ވެސް މީހާގެ ކިބައިގައި އެ ގާބިލުކަން ނެތްނަމަ އިނޮވޭޓިވްއެއް ނުވެވޭނެއެވެ. އޭގެ ސަބަބުން އިނޮވޭޓިވް ޙައްލުތަކެއް ހޯދުމަށާއި، އެކި ދާއިރާތަކުން އުފެއްދުންތެރިކަން އިތުރުކުރުމަށް ދަތިތަކެއް ކުރިމަތިވާނެއެވެ.

ފަތުއަޑު ކިޔާފައި ކުރިއަށްދާ ދުނިޔޭގެ ގައުމުތަކުގެ ފަހަތުގައި ތިބީ އިންގިލާބީ ސިކުނޑިތަކެވެ. އެ މީހުންގެ އާ އީޖާދުތަކާއި ތަފާތު އުފެއްދުންތަކެވެ. އެ މީހުންނަށް އެ ހުނަރު ގިނަ ފަހަރަށް ލިބެނީ ފެންވަރު ރަނގަޅު ތައުލީމުގެ ސަބަބުންނެވެ.

ފެންވަރު ދަށް ތައުލީމުގެ ސަބަބުން ދެން ކުރިމަތީވާ އަނެއް ގޮންޖެހުމަކީ ހިއުމަން ކެޕިޓަލް ޑިވެލޮޕްމެންޓަށް ދިމާވާ މައްސަލަތަކެވެ. އެއީ ފަރުދުންގެ އިލްމާއި ހުނަރާއި ގާބިލުކަން އަންގައިދޭ، ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށާއި، މުޅި ގައުމުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ފެންވަރު ދަށް ތައުލީމުގެ ސަބަބުން ރާއްޖޭގެ އިންސާނީ ކެޕިޓަލް ތަރައްގީކުރުމަށް ހުރަސްއެޅި، އިޖުތިމާއީ އަދި އިގުތިސާދީ ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެ، ދިގު މުއްދަތުގެ ތަނަވަސްކަން ހޯދުމުގެ ގާބިލުކަމަށް ހުރަސްއެޅިގެންދެއެވެ. ޖިއޯ ޕޮލިޓިކްސްގައި ވިޔަސް އަދި އިގްތިސާދީ ގޮތުން ކަމަށް ވިޔަސް ގައުމުތަކާ ވާދަކޮށް ކުރިއަށް ދެވޭނީ ވަރަށް ތޫނުފިލި ވެގެންނެވެ. ނޫނީ ދުނިޔެ ތަރައްގީ ވެގެންދާއިރު ގައުމު ބާކީވާނެއެވެ.

ހަމައެކަނި ހުނަރެއް ނޫނެވެ. މަސައްކަތު އަހުލާގު ނެތުމަކީ ވެސް ރާއްޖޭގެ މަސައްކަތު މާހައުލަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ގަވައިދުން އޮފީހަށް ނައުމާއި ގަޑިއަށް އިހުތިރާމް ނުކުރުމާއި އަންގާ އެންގުންތަކަށް ތަބާނުވުންފަދަ އެތައް މައްސަލައެއް ހިމެނެއެވެ. ބިދޭސީންނަށް ގިނަ ފަހަރަށް ބަރޯސާ ވާން ޖެހެނީ ބައެއް ދިވެހިންގެ މިފަދަ އަހުލާގުގެ ސަބަބުންނެވެ.

އެހެން ކަމުން ރާއްޖެ އަނެއް ހަރުފަތަށް ގޮސް ގައުމުގެ ތަރައްގީގެ ދުވެލި ބާރު ކުރަން ބޭނުންވާނަމަ ރަނގަޅު މީހުން ބިނާ ކުރުމަކީ އެންމެ އިސްކަން ދޭން ޖެހޭ ދާއިރާއެވެ. އެކަން ވާނީ އިދާރާތައް ގުޅިގެން ދުރުރާސްތާ ޕްލޭނެއް ހަދައިގެންނެވެ. ރާއްޖޭގައި ދެވޭ ތައުލީމުގެ ފެންވަރު ވަރަށް ރަނގަޅު ކުރަން ޖެހެއެވެ. އިމްތިހާނަށް ހަމައެކަނި ހިތުދަސްކޮށް ދިނުމުގެ ބަދަލުގައި ވިސް ނަން ދަސްކޮށްދޭން ޖެހެއެވެ. ނޫނީ ދުނިޔެ މިހާ ބާރު މިނުގައި ތަރައްގީވަމުން އަންނައިރު ދިވެހިން ބާކީވާނެއެވެ. ހަގީގީ މާނައިގައި ގައުމިއްޔަތު ރައްކާތެރި ކުރެވޭނީ މިފަދަ ކަންކަމަށް ސަމާލުކަންދީ ހައްލު ކޮށްގެންނެވެ.

comment ކޮމެންޓް