އަކްރަމް އަފީފުގެ ތިން ޕެނަލްޓީއާ އެކު ގަތަރުން އޭޝިއަން ކަޕް ކާމިޔާބުކޮށްފި

ޤަތަރުން އޭޝިއަން ކަޕް ކާމިޔާބުކުރުން -- ފޮޓޯ/ އަރަބް ނިއުސް

އޭއެފްސީ އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޤަތަރުން ހޯދައިފިއެވެ.

އަމިއްލަ ޤައުމުގައި ކުޅުނު މި މުބާރާތް ޤަތަރުން ކާމިޔާބު ކޮށްފައިވަނީ ރޭ ކުޅުނު ފައިނަލް މެޗުގައި އުރުދުންއާއި ބައްދަލުކޮށް 3-1 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. ޤަތަރު ވެފައިވަނީ ޖެހިޖެހިގެން ދެ ފަހަރަށް މި ތަށި ކާމިޔާބުކުރި ފަސްވަނަ ޤައުމަށެވެ. ޤަތަރުން ވަނީ އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އުރުދުންއިންނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެފައިވަނީ ޤަތަރުންނެވެ. މެޗުގައި ޤަތަރުން ކާމިޔާބުކުރި ތިން ލަނޑު ވެސް ޖަހާފައިވަނީ އެ ޓީމަށް ލިބުނު ތިން ޕެނަލްޓީންނެވެ.

ފުރަތަމަ ޕެނަލްޓީ 22 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަކްރަމް ރަފީފެވެ. އެކަމަކު، ދެވަނަ ހާފު ފެށިގެން ގިނައިރުތަކެއް ނުވެ އުރުދުންއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ލަނޑު ޖެހީ ޔަޒާން އަލް ނައިމަތުއެވެ.

އޭގެ ހަތް މިނެޓުފަހުން ގަތަރުން ވަނީ އިތުރު ޕެނަލްޓީއެއް ކާމިޔާބުކޮށްފައެވެ. އެ ލަނޑު ވެސް ޖެހީ އަފީފެވެ. އިތުރު ވަގުތުގައި މެޗުގެ ތިންވަނަ ޕެނަލްޓީ ކާމިޔާބުކޮށް ގަތަރުން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދައިފައެވެ.

މި ކާމިޔާބީއާ އެކު ޤަތަރު ވެފައިވަނީ 2004 ވަނަ އަހަރަށް ފަހު އޭޝިއަން ކަޕްގެ ތަށި ދިފާއުކުރި ފުރަތަމަ ޓީމަށެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ޔިލީ ޓޮޕް ސްކޯރާގެ އިނާމް ހާސިލްކޮށްފާވަނީ ފައިނަލް މެޗުގައި ޤަތަރުގެ ތަރިއަކަށް ވެގެންދިޔަ އަކްރަމް އަފީފެވެ. އެންމެ މޮޅު ގޯލް ކޯޕަރަކަށް ހޮވުނީ ޤަތަރުގެ މެޝާލް ބަރްޝާމެވެ.

comment ކޮމެންޓް