ޕާކިސްތާނުގެ އިންތިހާބާ ގުޅިގެން އެމެރިކާ، ޔޫކޭ އަދި އީޔޫގެ ކަންބޮޑުވުން

ޕާކިސްތާނުގެ އިންތިހާބުގެ އިންސާފުވެރިކަމާމެދު އެމެރިކާ، އިނިގިރޭސިވިލާތް އަދި ވިލާތުގެ އިއްތިހާދުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ފޮޓޯ/ރޮއިޓާސް

ޕާކިސްތާން އާންމު އިންތިހާބާ ގުޅިގެން އެމެރިކާ، އިނގިރޭސިވިލާތް އަދި ވިލާތުގެ އިއްތިހާދު (އީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ބާއްވައިފައިވާ އެ އިންތިހާބުގެ ނަތީޖާ މިހާތަނަށްވެސް ހާމަކޮށްފައި ނުވާތީ، އިންތިހާބުގެ އިންސާފުވެރިކަމާމެދު އެ ގައުމުތަކުން ވަކިވަކިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމެރިކާ އާއި އީޔޫއިން ވަނީ އިންތިހާބާ ދިމާކޮށް އެކްޓިވިސްޓުން ހައްޔަރު ކުރުމާއި އެ ނޫން ވެސް އިންތިހާބުގައި ހިނގައިދިޔަ ކަންކަމުގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ގޮވައިލައިފައެވެ.

އޭގެ އިތުރުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އަޅާފައިވާކަން ފާހަގަކޮށް މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ދެކޮޅަށް ހިންގާ އަނިޔާވެރިކަންވެސް ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ އިންތިހާބާ މެދު ކަންބޮޑުވުން ފާޅުކޮށް، ޕާކިސްތާނުގެ އަސްކަރިއްޔާއިން އިންތިހާބަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.

ސިޔާސީ ޕާޓިތަކާއި ކެންޑިޓޭޓުންނަށް ކުރާ އަނިޔާވެސް އދގެ އިންސާނީ ހައްގުތަކާބެހޭ އިދާރާއިން ވަނީ ކުށްވެރިކޮށްފައެވެ. އިންތިހާބާ ދިމާކޮށް ޕާކިސްތާނުގައި ދޭ ހަމަލާތައް އިތުރުވެ، އެތައް ބަޔަކު ވަނީ މަރުވެފައެވެ.

އާންމު އިންތިހާބުގައި ވާދަކުރެއްވި ޕާކިސްތާނުގެ އެންމެ ވާދަވެރި ދެ ކެންޑިޑޭޓުން ކަމަށްވާ އެ ގައުމުގެ ކުރީގެ ދެ ބޮޑު ވަޒީރުން ކަމަށްވާ އިމްރާން ހާނާއި ނަވާޒް ޝަރީފްވެސް ވަނީ ކާމިޔާބު އިއުލާނުކުރައްވައިފައެވެ.

އެ އިންތިހާބުގައި އެއް ޕާޓީއެއްގެ ގޮތުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލް-އެން) ޕާޓީންނެވެ. ނަމަވެސް, ޚާން ވިދާޅުވީ, އިންތިޚާބުގައި ބޮޑު އަގުލަބިއްޔަތަކުން އޭނާގެ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) ޕާޓީން ކުރި ހޯދާފައިވާ ކަމުގައެވެ.

ސަރުކާރުން ކުރިމަތިކުރުވި ފިއްތުންތަކާ ގުޅިގެން އޭނާގެ ޕާޓީގެ ގިނަ ކެނޑިޑޭޓުން ވާދަ ކުރައްވާފައި ވަނީ މިނިވަން ކެނޑިޑޭޓުންގެ ގޮތުގައެވެ. އިންތިހާބުގައި އެންމެ ގިނަ ވޯޓު ކާމިޔާބު ކޮށްފައި ވަނީ މިނިވަން ކެނޑިޑޭޓުންނެވެ. އެގޮތުން 98 މިނިވަން ކެނޑިޑޭޓުން ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިތައް ކަށަވަރު ކުރައްވާފައިވާއިރު, އެއީ އިމްރާނަށް ތާއިދުކުރައްވާ ހިފާފައިވާ ކެނޑިޑޭޓުންނެވެ. ޝަރީފްގެ ޕީއެމްއެލް-އެނަށް ލިބުނީ 69 ގޮނޑިއެވެ. އަދި, ތިން ވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ބިލާވަލް ބުއްޓޫ ޒަރްދާރީގެ ޕާކިސްތާން ޕީޕަލްސް ޕާޓީންނެވެ.

comment ކޮމެންޓް