އިސްރާއީލުން ރަފަހްއަށް އަރައިގަތުން ހުއްޓުވުމަށް ސަލާމަތީ މަޖީލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ސައުދީން ގޮވައިލައިފި

އިސްރާއީލުގެ ހަަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ޣައްޒާގެ ކުޑަކުދިން ކާނާ ހޯދުމަށް ކިޔޫގައި. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

އިސްރާއީލުން ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހް ސިޓީއަށް އަރައިގަތުން ހުއްޓުވުމަށް އދ ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ސައުދީ އަރަބިޔާއިން ގޮވައިލައިފިއެވެ.

ސައުދީ ޕްރެސް އޭޖެންސީން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން ފިލަން މަޖުބޫރުވި ލައްކައެއްހާ އާންމުންނަށް ރައްކާތެރިކަން ލިބިފައިވާ ރަފަހް ސިޓީއަށް އަމާޒުކޮށް އިސްރާއީލުން ދޭ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި ތިބި މީހުންނަށް އިންތިހާއަށް ނުރައްކާވާނެ ކަމަށެވެ. އަދި އެ ސިޓީގައި ތިބި ޣައްޒާގެ އާންމުންނަށް މަޖުބޫރުކޮށްގެން އެ ސަރަހައްދުން ނެރުން ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށްވެސް ސައުދީން ނެރުނު ބަޔާނުގައިވެއެވެ.

އެއާއެކު ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓައިލުން މުހިންމު ކަމަށާއި ރަފަހް ސިޓީއަށް އިސްރާއީލުގެ ފައުޖުތަކުން އަރައި، ބައިނަލްއަގުވާމީ ގާނޫނުތަކަށް ހިލާފަށް އަމަލުކުރުމަކީ އދ ން އެކަން ހުއްޓުވަން ޖެހޭނެ ކަމަށްވެސް ސައުދީން ވަނީ ބުނެފައެވެ.

އިސްރާއީލު ފައުޖުން ރަފަހަށް އަރާނެ ކަމުގެ އިންޒާރު ދީފައި މި ވަނީ, ޢައްޒާގެ އުތުރާއި މެދުތެރޭ ރަށްތަކުގެ އިތުރުން ދެކުނުގައި ރަފަހާ އިންވެގެން އޮތް ހާން ޔޫނިސް ވެސް ސުންނާފަތި ކޮށްލުމަށް ފަހުއެވެ. ރަފަހަށް އެރުމުގެ ކުރިން, އެ ރަށުގައި ތިބި އާންމުން އެ ރަށުން ބޭލުމަށް ޔަހޫދީ ފައުޖުން ވަނީ އަމުރު ކޮށްފައެވެ. ނަމަވެސް, އެއީ ވާނެ ކަމެއް ނޫން ކަމުގައި ޣައްޒާގައި ހަރަކާތްތެރިވާ އެހީދޭ ޖަމާއަތްތަކުން ބުނެއެވެ.

ރަފަހަށް އިސްރާއީލު ސިފައިން އަރާނެ ކަމުގެ އިންޒާރު ދިނުމުން އެމެރިކާއިން ވެސް ވަނީ ނުރުހުން ފާޅުކޮށް, އެ ކަމަށް ތާއީދު ނުކުރާނެ ކަމަށް ބުނެފައެވެ.

ރަފަހަށް ދޭ ހަމަލާތައް ވަރުގަދަ ކުރުމަށް އިސްރާއީލު ފައުޖުތަކުން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި, އެ ސިޓީގައި ހާލުގައި ޖެހިފައިވާ 1.4 މިލިޔަނަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ސާމާނު ވެސް ފޯރުކޮށްދެމުން ނުދެއެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލު ފައުޖުތަކުން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 28،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގައި ޒަހަމްކޮށްލައިފައިވާ މީހުންގެ އަދަދު ވަނީ 67،000 އަށް އުފުލިފައެވެ.

comment ކޮމެންޓް