ތިލަމާލެ ބުރިޖުގެ 33.4 ޕަސެންޓް މަސައްކަތް ނިންމައިފި

އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުން ބުރިޖުގެ މަސައްކަތް ބައްލަވައިލެއްވުން: އެ ބުރިޖުގެ 33.4 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓްރީން ބުނޭ -- ފޮޓޯ/ އިންފްރާސްޓްރަކްޗާ މިނިސްޓްރީ

ތިލަމާލެ ބުރިޖު މަޝްރޫއުގެ 33.4 ޕަސެންޓް ނިމިފައިވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފިއެވެ.

މާލެއާއި ވިލިމާލެއާއި ގުޅީފަޅާއި ތިލަފުށި ގުޅާލުމަށް އަޅާ ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް، އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންނާއި އިންޖިނިއަރުން ވަނީ މިއަދު ބައްލަވައިލެއްވިއެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނި ގޮތުގައި އެ ބޭފުޅުން ބެއްލެވީ ވިލިމާލެ އާއި ގުޅީފަޅާ ދެމެދު ކުރަމުންދާ މަސައްކަތްތަކެވެ.

އޭގެ ތެރެއިން، ސްޓޭޓް މިނިސްޓަރު އިބްރާހީމް ތައާމް މުޙައްމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތިލަމާލެ ބްރިޖް މަޝްރޫއުގެ ޕައިލިން މަސައްކަތުގެ 54.4 މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުގެ މަސައްކަތް މިހާރު ހުރީ ތާވަލާ އަޅާ ބަލާއިރު 1.2 ޕަސެންޓު ކުރީގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިނިސްޓްރީއިން ދަނީ މި މަޝްރޫއު ކުރިއަށްދާއިރު ދިމާވެދާނެ ގޮންޖެހުންތައް ދިރާސާކޮށް، މަސައްކަތް މަޑުޖެހުމެއްނެތި ކުރިއަށް ގެންދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލާ އަޅަމުން،" ތައާމް ވިދާޅުވިއެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުން ބުރިޖުގެ މަސައްކަތް ބައްލަވައިލެއްވުން: އެ ބުރިޖުގެ 33.4 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓްރީން ބުނޭ -- ފޮޓޯ/ އިންފްރާސްޓްރަކްޗާ މިނިސްޓްރީ

ތިލަމާލެ ބުރިޖުގެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ. އެ މަސައްކަތާ އިންޑިއާގެ އެފްކޮންސްއިން ހަވާލުވީ 2021 ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުގައި، މި މަޝްރޫއު އެއްކޮށް ނިންމައިލެވޭނެ ކަމަށް ބޮޑަށް ގަބޫލުކުރެއްވެނީ 2026 ވަނަ އަހަރެވެ. ނަމަވެސް، އެ މަނިކުފާނު ބޭނުންފުޅުވަނީ އަންނަ އަހަރުގެ ކުރީކޮޅަށް އެ މަޝްރޫއު އެއްކޮށް ނިންމައިލަން ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންވެ، ކޮޕް 28 ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުވުމުން، ތިލަމާލެ ބުރިޖުގެ މަޝްރޫއު އަވަސްކޮށްދޭން އެދިވަޑައިގެންފައިވާނެ ރައީސް ވަނީ ވިދާޅުވެފައެވެ.

https://sun.mv/186700

އެ ބުރިޖުގެ މަޝްރޫއު ނިންމަން ފުރަތަމަ އެއްބަސްވީ މި އަހަރުގެ ނިޔަލަށެވެ. އެކަމަކު، ކުރީ ސަރުކާރުގެ ފަހު ދުވަސްކޮޅު ސޮއިކުރި އާ އެއްބަސްވުމެއްގައި ވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 30ގެ ނިޔަލަށް އެ މަޝްރޫއު ނިންމަން ޖެހޭ ތާރީޚު ފަސްކޮށްފައެވެ.

މިދިޔަ ޑިސެމްބަރާ ހަމައަށް، ތިލަމާލެ ބުރިޖު މަޝްރޫއުން ނިމިފައިވަނީ 29 ޕަސެންޓް މަސައްކަތެވެ.

comment ކޮމެންޓް