އިންސްޓަގްރާމަށް އޭއައި މެސެޖު ފީޗާއެއް އަންނަނީ

އިންސްޓަގްރާމުން އަންނަނީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި މެސެޖު އެޑިޓުކުރެވޭ ފީޗާއެއް ތައާރަފު ކުރަމުން -- ފޮޓޯ/ މޭޝެބްލް

މެޓާ ހިއްސާވާ އިންސްޓަގްރާމުން ޑައިރެކްޓް މެސެޖް (ޑީއެމް)އަށް އޭއައި ބޭނުންކޮށްގެން މެސެޖް ލިޔުމުގެ ފީޗާއެއް އިތުރު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މޮބައިލް ޑިވެލޮޕަރު އެލެސެންޑްރޯ ޕަލޫޒީ ވަނީ އޭއައިގެ އެހީގައި މެސެޖް ލިޔުމުގެ ފީޗާއާ ބެހޭ ތަފްސީލުތައް ލީކުކޮށްލައިފައެވެ. އޭނަ ހާމަކޮށްފައިވާ ގޮތުގައި މި ފީޗާ މަސައްކަތްކުރާނީ ގޫގުލްގެ މެޖިކް ކޮމްޕޯޒް މަސައްކަތް ކުރާ ގޮތަށެވެ. އެގޮތުން މެސެޖުތައް އަލުން ލިޔުމާއި، ޕެރެފްރޭޒްކޮށް، މެސެޖުތަކުގެ ސްޓައިލް އެޑްޖަސްޓް ކުރުމުގެ ފުރުސަތު އެ ފީޗާއިން ފަހިވާނެ ކަމަށް އޭނާ ބުންޏެވެ.

މިއީ އޮޕްޝަނަލް ފީޗާއެއް ކަމުން، އެ ފީޗާ ބޭނުންވާ މީހުން ޖެހޭނީ ޑީއެމްގައި ލިޔުން އިޚްތިޔާރުކޮށް "އޭއައިއާއެކު ލިޔުން" އޮޕްޝަން އިޚްތިޔާރުކުރަން ކަމަށްވެސް ޕަލޫޒީ ބުނެފައިވެއެވެ.

މިފީޗާއާ ބެހޭ ތަފްޞީލްތައް މިހާތަނަށް ލިބިފައިވަނީ ވަރަށް މަދުން ނަމަވެސް އެފީޗާ، އޭއައި ޕަވާޑް ޓެކްސްޓް އެޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ.

މިއީ އިންސްޓަގްރާމުން އޭއައި މެސެޖިން ތައާރަފުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން މިހާރުވެސް އޭއައި އެސިސްޓެންޓާ ސުވާލުކޮށްގެން ޖަވާބުތައް ހޯދެއެވެ. ނަމަވެސް މި ފީޗާގައި ސާފުކޮށް ޓެގް ކުރަން ޖެހޭ އިރު، އެޑިޓިން ގާބިލްކަން ނުލިބެއެވެ.

އިންސްޓަގްރާމްއާ ގުޅިފައިވާ އަނެއް ޕްލެޓްފޯމް ކަމަށްވާ ތްރެޑްސްއިން އަންނަނީ ބުކްމާކިން ފީޗާއެއް ޓެސްޓް ކުރަމުންނެވެ. މިފީޗާއިން، އިންސްޓަގްރާމްގެ ބުކްމާކް އޮޕްޝަނާ އެއްގޮތަށް، ފަހުން ބެލުމަށް ޕޯސްޓްތައް ސޭވް ކުރެވޭނެއެވެ. ރަސްމީކޮށް ރިލީޒް ކުރާނެ ތާރީޚެއް އަދި އިއުލާން ނުކުރި ނަމަވެސް ވަރަށް އަވަހަށް އެ ފީޗާގެ ބީޓާ ޓެސްޓިން ފަށާނެ ކަމަށް ބެލެވެއެވެ.

މި ކަންކަމުން ދައްކުވައިދެނީ މެޓާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އޭއައި ޕަވާޑް ފީޗާތަކަށް ސަމާލުކަން ދޭމިންވަރު އިތުރުވަމުން އަންނަ ކަމެވެ. މިއަޕްޑޭޓްތަކުގެ ސަބަބުން މި އެޕްލިކޭޝަންތަކަށް މީހުން އަހުލުވެރިވުމުގެ އިތުރުން އެތައް ފަސޭހަތަކެއްވެސް ލިބޭނެއެވެ.

comment ކޮމެންޓް