ކިނބިދުއާއި ވޭމަންޑޫ ގުޅުނީމާ މަތީ ތައުލީމުގެ ފުރުސަތުތައް ފަހިވާނެ: ރައީސް

ރައީސް ޑރ. މުއިއްޒު: އެ މަނިކުފާނު ވިދާޅުވީމާ އެއްފަސްވީމާ ޔުނިވާސިޓީ ތައުލީމުގެ ފުރުސަތުތައް ފަހިވާނެ ކަމަށް --

ތ. ވޭމަންޑުއާއި ކިނބިދޫ ކޯޒްވޭއަކުން ގުޅި، ދެ ރަށް އެއްފަސްވީމާ މަތީ ތައުލީމުގެ ފުރުސަތުތައް އިތުރަށް ފަހިވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އާންމު ރައްޔިތުންގެ ސުވާލުތަކަށް ސީދާ ރައީސް ޖަވާބުދެއްވައި 'ރައީސްގެ ޖަވާބު' ސިލްސިލާގެ މިއަދު ތ.ކިނބިދޫ، ނަރުގިސްވިލާ، ޢާއިޝަތު ވަސީލާ، ވަނީ އެ ރަށުގައި މަތީ ތައުލީމުގެ ފުރުސަތުތައް ފަހިވެފައި ނެތުމުގެ ކަންބޮޑުވުން ރައީސާ ހިއްސައި ކުރައްވައި އެކަން ހައްލުކުރައްވަން އެ މަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅާ ގުޅޭ ގޮތުން ސުވާލު އަމާޒުކޮށްފައެވެ.

އެ ސުވާލަށް ޖަވާބުއަރުވަމުން ރައީސް ވިދާޅުވީ، ކިނބިދޫގައި މިހާރު އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ފަހިވެފައި ނެތް ނަމަވެސް، އެ ރަށާއި ވޭމަންޑުއާ ގުޅުވައިލައި ނިމުމުން، އެ ކަމަށް ހައްލުތަކެއް އަންނާނެ ކަމަށެވެ. އެ ރަށުގައި ދިމާވެފައި އޮތް މައްސަލައަށް އެ މަނިކުފާނު ގެންގުޅުއްވައި އެއް ވިސްނުންފުޅަކީ އެއީ ކަމަށް ރައީސް ވިދާޅުވިއެވެ.

"ވޭމަންޑުއާއި މި ރަށާ [ކިނބިދޫ] ކޯޒްވޭއަކުން ގުޅައިލެވުނީމާ، އެއް ކަމަކަށް އެއްގަމުން ދެވޭގޮތް ވާނެ. އޭރުން އެއްފަސްވީ. އެއްފަސްވީމާ ލިބޭ ފައިދާތައް ހުންނާނެ، ތައުލީމު ހާސިލުކުރުމުގައި ވެސް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އެ ރަށުގައި މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކުރަން އެ ނޫން ވެސް ބައިވަރު މަގުތައް ހުންނާނެ ކަމަށެވެ. އެހެންވެ، އެ މައްސަލައަށް ވީހާ ވެސް އަވަހަކަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޖަވާބު އެރުވުމުން ވަސީލާ ވަނީ އިތުރު ސުވާލެއް އަމާޒުކޮށްފައެވެ. އެއީ، އެ ރަށުގައި ޔުނިވާސިޓީ ކެމްޕަހެއް ނެތުމުން ދިމައިވާ ދައްޗާ ގުޅޭ ގޮތުންނެވެ.

އެ ސުވާލުގެ ޖަވާބުގައި ވެސް ރައީސް މުއިއްޒު ވިދާޅުވީ، ކިނބިދުއާއި ވޭމަންޑޫ އެއްފަސްވެ، ކޯޒްވޭއަކުން ގުޅައިލެވުމުން އެ މައްސަލައަށް އެދެވޭ ހައްލެއް ހޯދައިދެއްވާނެ ކަމަށެވެ. އެ ކަން ކުރެވެން އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ޔުނިވާސިޓީގެ ކެމްޕަސް ގާއިމުކުރުން ވިޔަސް އެ ކަހަލަ ޔުނިވާސިޓީ ތައުލީމުގެ ފުރުސަތުތައް ހަމަ އެއްފަސްވެގެން އާބާދީ ބޮޑުވީމާ [ކުރެވޭނެ]. އޭރަށް އެހެން ރަށްރަށު މީހުން ވެސް އަންނާނެ. އެ ކަހަލަ ގޮތަކަށް އެކަން ކުރީމާ ރަނގަޅުވާނެ ކަންނޭނގެ،" ރައީސް ވިދާޅުވިއެވެ.

https://sun.mv/188446

އެ މަނިކުފާނު ވަނީ ވަރަށް ބޮޑު ސަމާލުކަމެއް ދީގެން އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ކޯޒްވޭއަކުން ދެ ރަށް ގުޅައިލުމަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ފަސް އަހަރުގެ ދައުރު ނިމުނުއިރު ވެސް މަޝްރޫއުގެ މަސައްކަތް ފެށިފައިނުވާއިރު، އެއްވެސް ކުރިއެރުމެއް ވެސް ލިބިފައެއް ނުވެއެވެ.

މި ހަފުތާގައި ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ ކިނބިދޫ - ވޭމަންޑޫ ކޯޒްވޭ ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

comment ކޮމެންޓް