ކަސްޓަމްސްގެ އާ ނިޒާމާއެކު ކުރިން ދެ ދުވަހުން ލިބުނު މުދާ، މިހާރު ދެ ގަޑިއިރުން ލިބޭނެ

އެއާ ކާގޯ އޮޓޮމޭޓެޑް ކަސްޓަމްސް ކްލިއަރެންސް ނިޒާމު ގާއިމުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ކަސްޓަމްސް

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން، ކުރިން ދެ ދުވަހުން ވެރިފަރާތަށް ލިބޭ މުދާ, މިހާރު ދެ ގަޑިއިރުގެ ތެރޭގައި ލިބޭނެގޮތަށް އެއާ ކާގޯ އޮޓޮމޭޓެޑް ކަސްޓަމްސް ކްލިއަރެންސް ނިޒާމު މިއަދު އިފްތިތާހުކޮށްފިއެވެ.

އަލަށް ތައާރަފް ކުރެވުނު ނިޒާމާ ގުޅިގެން މައުލޫމާތު ދެމުން ކަސްޓަމްސްއިން ބުނީ މި ނިޒާމުގައި، އޮންލައިންކޮށް ޚިދުމަތަކަށް ރިކުއެސްޓު ކުރެވި، ކުރިއާ ޚިލާފަށް މިހާރު ވެރިފަރާތުން ކަސްޓަމްސްއަށް އަންނަން ޖެހޭނީ އެ މީހަކު ބޭނުންވާ ގަޑިއެއް ހަމަ ޖެއްސުމަށްފަހު، މުދާ ކްލިއާ ކުރުމަށް ހަމައެކަނި އެ ގަޑިއަކަށް ކަމަށެވެ.

އަދި، ޝިޕްމެންޓް ބަލައި ފާސްކުރުމަށް އެސައިން ކުރެވޭ އޮފިސަރުގެ މައުލުމާތު އެސްއެމްއެސްގެ ޒަރީއާއިން މުދަލުގެ ވެރިފަރާތަށް، މި ނިޒާމުގެ ދަށުން އެނގިގެން ދާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ކަސްޓަމަސްއިން ބުނީ އަލަށް ތައާރަފު ކުރެވުނު މި ނިޒާމުގެ ސަބަބުން ކައުންޓަރަށް ޚިދުމަތް ހޯދަން އަންނަން ޖެހޭ މިންވަރު އެތައް ގުނައަކަށް ކުޑަ ކުރެވި، ރައްޔިތުންނާ ހަމައަށް މުދާ ފޯރުކޮށްދެވޭ ސްޕީޑު ވެސް އެތައް ގުނައެއް އަވަސް ވެގެން ދާނެ ކަމަށެވެ.

މި ނިޒާމު އިފްތިތާހު ކުރުމަށް މިއަދު ކަސްޓަމްސް އިމާރާތުގައި ބޭއްވި ހަފްލާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި ނިޒާމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ ޚިދުމަތްދޭން ބޭނުންވާ މިންވަރަށް އަވަހަށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

"ކުރިން ދެ ދުވަހުގެ ތެރޭގައި ލިބޭ ޚިދުމަތް، އެ ޚިދުމަތް ދެ ގަޑިއިރު ތެރޭ ލިބޭގޮތަށް ބައްޓަންވެގެން އަންނަ އައުމަކީ، އެއީ އަޅުގަނޑުމެން ދެކެން ބޭނުންވާ އަސްލު ތަރައްގި އަކީ. އެއީ ރައްޔިތުންނަށް ދޭން ޖެހޭ އަސްލު ޚިދުމަތަކީ. އެއީ އަޅުގަނޑުމްގެ ފަރާތުން ރައްޔިތުން އެދޭ ގޮތަކީ. އެއީ ދައުލަތުގެ މުވައްޒަފުންގެ ފަރާތުން ރައްޔިތުން އެދޭ އެދުމަކީ," މިނިސްޓަރު ވިދާޅުވިއެވެ.

އެއާ ކާގޯ އޮޓޮމޭޓެޑް ކަސްޓަމްސް ކްލިއަރެންސް ނިޒާމު ގާއިމުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ކަސްޓަމްސް

މިނިސްޓަރު ވިދާޅުވީ އާ ޓެކްނޮލޮޖީއެއް ނުވަތަ، މިހާރު ޚިދުމަތް ފޯރުކޮށްދޭ ވަރަށް ވުރެ ފަސޭހައިން އެ ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތެއް އޮތްތޯ އަބަދު ވެސް ބަލަން ޖެހޭ ކަމަށެވެ. އަދި، އެއަަށް ވުރެ ފަސޭހަ ގޮތެއް އޮތްނަމަ އެކަން ތަންފީޒުކުރަން މަސައްކަތްކުރަން ޖެހޭނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު ވަނި އެ ޚިދުމަތް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތްކޮށްދިން އެންމެންނަށް ޝުކުރު އަދާ ކުރައްވައިފައެވެ.

މީގެ އިތުރުން، މި ރަސްމިއްޔާތުގައި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު ވިދާޅުވީ މިއަދު އިފްތިތާހު ކުރި ޚިދުމަތަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ހަފުތާ 14 ގެ މަގުޗާޓުގައި ހިމެނޭ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އަދި، މި ނިޒާމުގެ ސަބަބުން ކަސްޓަމްސްގެ ޚިދުމަތްތައް ދެފުށް ފެންނަ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައެވެ.

"މިއީ ކަސްޓަމްސްގެ ޚިދުމަތްތައް ދެފުށް ފެންނަ ގޮތަށް ބަދަލުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް،" ވަހީދު ވިދާޅުވިއެވެ.

ޑެޕިއުޓީ ކޮމިޝަނަރު ވަނީ ކުރިއާ އަދި ޕޯސްޓުން ގެންނަ ތަކެތި %100 ސްކޭނު ކޮށްގެން ގެނެވޭ ގޮތަށް ހައްދަވައިދެއްވުމުން ހޯމް މިނިސްޓަރަށް ޝުކުރު އަދާ ކުރައްވައިފައެވެ.

comment ކޮމެންޓް