ތ. އަތޮޅަށް ރައީސް ދެއްވީ ގިނަ ރިސޯޓުތަކެއްގެ ޔަގީންކަން

ރައީސް މުއިއްޒު ތ. އަތޮޅުގައި: އެ މަނިކުފާނު ވިދާޅުވީ، ތ އަތޮޅަށް ގިނަ ރިސޯޓުތަކެއް ގެންގޮސްދެއްވާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

މިހާރު މުޅި ތ. އަތޮޅުގައި އެންމެ ރިސޯޓެއް އޮތް ނަމަވެސް، އެކަން ބަދަލުކޮށް ވަރަށް އަވަހަށް އެ އަތޮޅަށް ގިނަ ރިސޯޓުތަކެއް ގެންދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އާންމުންނަށް ރައީސް މުއިއްޒާ ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ޕްރޮގްރާމްގައި ތ. ވޭމަންޑޫ، ދޫނިގެ، އާދަމް ރިފާޒް ވަނީ އެ އަތޮޅުގައި ރިސޯޓުތައް މަދުވުމުގެ ކަންބޮޑުވުން ރައީސާ ހިއްސާކުރައްވައިފައެވެ.

އޭނާގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެ އަތޮޅަށް އިތުރު ރިސޯޓުތައް ގެންދިއުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި، ވަރަށް އަވަހަށް ގިނަ އަދަދެއްގެ ރިސޯޓުތައް އެ އަތޮޅުގައި ހުޅުވިގެންދާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ އަރުވައިފައެވެ.

މީގެ އިތުރުން، އެ އަތޮޅުގައި މިހާރަށް ވުރެ އިތުރު އެއާޕޯޓުތައް ތަރައްގީކުރުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރު، އެ މަނިކުފާނު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަނީ އެ އަތޮޅު ގުރައިދޫ އެއާޕޯޓުގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުން، އެ މަނިކުފާނު މިއަދު ވިދާޅުވީ، ވިލުފުށީގައި ވެސް އިތުރު އެއާޕޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިހާރު ވެސް އެ އަތޮޅު ތިމަރަފުށީގައި އެއާޕޯޓެއް އޮވެއެވެ.

"ތިން އެއާޕޯޓު އައުމުން ކަނެކްޓިވިޓީ އިތުރުވެގެން އެބަދޭ. މުޅި އިގުތިސާދަށް ގެންނަން މި މަސައްކަތްކުރާ ކުރިއެރުމުގެ ސަބަބުން އިންވެސްޓަރުން ރާއްޖެ އަންނަލެތް ގިނަވާނެ،" ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ، މިހާރު ކުރިއަށްދާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އެއްކޮށް ނިންމައިލެވުމާ އެކު ފަތުރުވެރިން އަންނަ މިންވަރު އިތުރުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެހެންވެ، މި އަހަރު ތ. އަތޮޅުގައި އިތުރު ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ފެށޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ތ އަތޮޅަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން: އެ މަނިކުފާނު ވަނީ އެ އަތޮޅުގެ ގިނަ ރަށްތަކަކަށް ޒިޔާރަތްކުރައްވާފައި -- ފޮޓޯ/ ރައީސް އޮފީސް

"މި އަތޮޅަށް އިރާދަކުރެއްވިއްޔާ ވަރަށް ޔަގީން، މި އަހަރު ވެސް ފެށޭވަރު ވާނެ އަދި މި ފަސް އަހަރު ތެރެއަށް ބަހާލައިގެން ގިނަ ރިސޯޓުތަކެއް މުޅި އަތޮޅުގެ އެކި ހިސާބަށް އެކި ދާއިރާތައް ކަވަރުވާގޮތަށް ގެނެސްދޭނަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

"ޒުވާނުންނަށް ރަށުގައި ތިބެގެން ކައިރި ރިސޯޓަކަށް ގޮސްގެން އާމްދަނީ ލިބޭނެ، ވަޒީފާ އަދާކުރެވޭނެ ފުރުސަތު ހޯދައިދޭނަން،"

ރައީސް ވިދާޅުވީ، އެހެން އަތޮޅުތަކުގައި ވެސް ޒުވާނުންނަށް ރަށާ ކައިރި ރިސޯޓުތަކުގައި ވަޒީފާ އަދާކުރެވޭނެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށެވެ.

comment ކޮމެންޓް