ނުފޫޒު ފޯރުވާ ކަމަށް ބުނެ، ބަންގްލަދޭޝްގައި 'އިންޑިއާ އައުޓް'ގެ ބޮޑު ކެމްޕޭނެއް

އިންޑިޔާގައި އުފައްދާ ކުރުކުރޭ ޗިޕްސް. ބަންގްލަދޭޝްގައި އިންޑިޔާގެ އުފެއްދުންތައް ބޮއިކޮޓްކުރަން އަންނަނީ ގޮވަމުން. ފޮޓޯ/އަލްޖަޒީރާ

އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ، ބަންގްލަދޭޝްގައި އިންޑިއާގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ގޮވަން ފަށައިފިއެވެ.

އެ ގައުމުގައި މިފަދަ ކެމްޕޭނެއް ފަށައިފައިވަނީ ބަންގްލަދޭޝްގެ އާންމު އިންތިޚާބަށް އިންޑިއާއިން ނުފޫޒުފޯރުވާ ކަމަށް ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާގެ ބައެއް އުފެއްދުންތައް ކަމަށްވާ ކައްކާ ތެލާއި، ލޯޝަން، އަދި ބޮލުގައިލާ ތެޔޮ ފަދަ އިންޑިއާގެ އުފެއްދުންތަކުގެ އާ ޝިޕްމަންޓުތައް ނަގަން ބަންގްލަދޭޝްގެ ގިނަ ފިހާރަތަކުން ވަނީ ދެކޮޅު ހަދައިފައެވެ. ބަންގަލަދޭޝްގެ ގިނަ ވިޔަފާރިވެރިން އަންނަނީ އިންޑިއާގެ އުފެއްދުންތައް ވިއްކަން ދެކޮޅު ހަދަމުންނެވެ.

އިންޑިއާއާ ދެކޮޅު ޝުއޫރުތައް ފާއިތުވެދިޔަ ދިހަ އަހަރުތެރޭގައި ވެސް ބަންގްލަދޭޝްގައި އަންނަނީ ފާޅުކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި ކްރިކެޓް ވޯލްޑް ކަޕުން އިންޑިއާ ބަލިވުމުން ބަންގްލަދޭޝްގައި ވަނީ އެކަމާ އުފާ ފާޅުކޮށްފައެވެ.

ނަމަވެސް އިންޑިއާއާ ދެކޮޅަށް ދައްކާ ވާހަކަތަކުގެ އަޑުގަދަވެފައި ވަނީ މިދިޔަ މަހު ބޭއްވި ބަންގްލަދޭޝްގެ އިންތިޚާބަށް ފަހުއެވެ. އިދިކޮޅު ފަރާތްތަކުން އިންތިޚާބު ބޮއިކޮޓް ކުރިއިރު، ބަންގްލަދޭޝްގެ ސިޔާސީ ކަންކަމަށް އިންޑިއާއިން ވަންނަ ކަމަށް ބުނެ ބޮޑު "އިންޑިއާ އައުޓް" ކެމްޕޭނެއް ވަނީ ފަށައިފައެވެ. އިންތިޚާބުން ބޮޑުވަޒީރު ޝެއިޚް ހަސީނާ ވަނީ ހަތަރުވަނަ ދައުރެއް ކަށަވަރުކޮށްފައެވެ.

އިންޑިއާއަކީ ޒަމާނުއްސުރެ ހަސީނާގެ ސަރުކާރާ ގާތް ގުޅުމެއް ބާއްވާ ގައުމެއް ކަމަށް ބަންގްލަދޭޝްގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.

ބޮއިކޮޓްކޮރަން ގޮވައިލުމާ ގުޅިގެން ބަންގްލަދޭޝްގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކައިފައެއްނުވެއެވެ.

މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހު އިންޑިއާގެ މުމްބާއީގައި ބޭއްވި ފޯރަމެއްގެ ބައިވެރިން ވަނީ ސަރަހައްދީ ބަދަލުތަކެއް އަންނަ ކަމަށް ހީވާ ދަނޑިވަޅެއްގައި އިންޑިއާގެ ޚާރިޖީ ސިޔާސަތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ފޯރަމްގައި އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖަޔަންޝަންކަރު ވެސް ބައިވެރިވެޑައިގެންނެވިއެވެ.

އިންޑިއާގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިގުތިސާދީ ގުޅުމަށް އަސަރުކުރާނެ ކަމެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އިންޑިއާއަކީ ބަންގްލަދޭޝްއަށް އެންމެ ގިނައިން މުދާ އެކްސްޕޯޓުކުރާ އެއް ގައުމެވެ. އެ ގައުމުން ބަންގްލަދޭޝްއަށް އެކްސްޕޯޓުކުރާ މުދަލުގެ އަގު އަހަރަކު ގޮތުން 12 ބިލިއަން ޑޮލަރަށް މައްޗެވެ.

މީގެ އިތުރުން، ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ތަކެތި އެކްސްޕޯޓުކުރުމުގައި ބަންގްލަދޭޝްއިން އޮންނަނީ ވަރަށް ބޮޑަށް އިންޑިއާއަށް ބަރޯސާވެފައެވެ. އިންޑިއާގެ ދަނޑުވެރިކަމުގެ އުފެއްދުންތައް އިމްޕޯޓްކުރާ އަހަރީ ކޯޓާއެއް ކަނޑައެޅުމާ ބެހޭ ގޮތުން ދެ ގައުމުން އަންނަނީ މަޝްވަރާތައް ވެސް ކުރަމުންނެވެ.

comment ކޮމެންޓް