ރާއްޖޭގައި ޕްރައިވެޓް ސެކްޓާ ކުރިއެރުވުމަށް އައިއެފްސީގެ އެހީ ހޯދުމަށް މަޝްވަރާކޮށްފި

އަލެހަންޑްރޯ އަލްވަރޭޒް ޑި ލާ ކެމްޕާ އަދި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގުގެ ބައްދަލުކުރެވުން -- ފޮޓޯ/ފިނޭންސް މިނިސްޓްރީ

ރާއްޖޭގެ ޕްރައިވެޓް ސެކްޓާ ތަރައްގީކުރުމުގައި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ)ގެ ހަރާކާތްތައް އިތުރަށް ފުޅާކުރުމާ ގުޅޭ ގޮތުން މިއަދު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ކުރިއަށް ދިޔައީ، އައިއެފްސީއިން ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަ މެނޭޖާ އަލެހަންޑްރޯ އަލްވަރޭޒް ޑި ލާ ކެމްޕާ އަދި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގުގެ ބައްދަލުކުރެއްވުގައެވެ.

ފިނޭންސް މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި، ދެ ބޭފުޅުންގެ މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވަނީ އައިއެފްސީގެ އެޑްވައިޒަރީ ޚިދުމަތްތަކާއި ރާއްޖޭގައި ޕްރައިވެޓް ސެކްޓާގެ ތަރައްގީގައި އައިއެފްސީގެ ޙަރަކާތް އިތުރުކުރުމަށެވެ.

އައިއެފްސީއިން ރާއްޖެ އާއި ސްރީލަންކާގެ މެނޭޖަރަށް އަލްވަރޭޒް ޑި ލާ ކެމްޕާ ހަމަޖެއްސީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

މި މަގާމާ ހަވާލުވެ އެނާ މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި، މަސައްކަތާ ހަވާލުވުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދޭނީ އައިއެފްސީގެ ފަރާތުން ރާއްޖޭގައި ކުރިއަށް ގެންދާ އިންވެސްޓްމެންޓްތަކަށް ލަފާ ދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމުގެ އިތުރުން އަމިއްލަ ވިޔަފާރިތައް ކުރިއަރުވައި ހަރުދަނާ ކުރުމަށެވެ. މީގެ ތެރޭގައި އަމިއްލަ ވިޔަފާރިތަކުން އާންމުންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުން ހިމެނެއެވެ.

އަލްވަރޭޒް ވިދާޅުވީ ފަތުރުވެރިކަމަކީ އެންމެ މައިގަނޑު ސިނާއަތް އަދި އިގްތިސާދުގެ އެންމެ މައިގަނޑު އަސާސް ކަމަށެވެ.

އަދި، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ އިތުރު ފުރުސަތުތައް ފަހި ކޮށްދޭނެ ކަމަށް ބުންޏެވެ. މީގެއިތުރުން، އައިއެފްސީގެ ފަރާތުން ރާއްޖެ އާއި ލަންކާގައި ކުރިއަށް ގެންދާ އިންވެސްޓްމެންޓްތައް ފުޅާކޮށް، އެންމެންގެ ބައިވެރިވުން އޮންނާނެ ފަދަ މުސްތަގްބަލެއް ބިނާ ކުރަން ދެ ގައުމަށް އެހީތެރިވެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައިއެފްސީ އަކީ އަމިއްލަ ވިޔަފާރިތައް ކުރިއަރުވައި ހަރުދަނާ ކުރުމަށް ފަންޑުކޮށްދޭ ބައެކެވެ. އެގޮތުން ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކަށް އައިއެފްސީއިން ފަންޑުކޮށްދޭން ފެށީ 1983 ވަނަ އަހަރުއެވެ.

comment ކޮމެންޓް