ތެލެސީމިއާ ބޭސް ފާމަސީތަކުން ނަގާ ގޮތަށް ގެނައި ބަދަލާއެކު ކަންބޮޑުވުން

ތެލެސީމިއާ ބޭސްނެގުން އެސްޓީއޯ ފާމަސީއަށް ބަދަލު ކުރުމާއެކު ތެލެސީމިއާ ޕޭޝަންޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ

ތެލެސީމިއާ ހުންނަ މީހުންނަށް ބޭނުންވާ ޑެސްފަރޯލާއި ބޭސް ފޯރުކޮށްދިނުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)އިން އެސްޓީއޯ ހަވާލުކުރުމުން، ތެލެސީމިއާ ހުންނަ މީހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސް ވޭތުވެ ދިޔަ 30 އަހަރު ފޯރުކޮށްދިނީ ހަމައެކަނި އެމްބީއެސްއިންނެވެ. އޭރު ޑޮކްޓަރަށް ދެއްކުމަށް ފަހު އެއް ފަންގިފިލާއަކުން އެކުދިންނަށް ބޭސް ލިބެއެވެ. ނަމަވެސް، އެކަން މިދިޔަ މަހު ސަރުކާރުން ބަދަލުކުރީ ކުރިއަށްވުރެ ލުއި ގޮތްތަކެއް ހޯދައިދިނުމަށް ފެށި މަސައްކަތުގެ ތެރެއިންނެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި، ތެލެސީމިއާއަށް ފަރުވާ ހޯދާ މީހަކު ބުނި ގޮތުގައި، ޑޮކްޓަރަށް ދެއްކުމަށްފަހު ބޭސް ސިޓީ ހިފައިގެން ފާމަސީއަށް ގޮސް ކިއުގައި ޖެހި ބޭސް ނެގުމަކީ އެމްބީއެސްއިން ބޭސް ނެގުމަށް ވުރެ އުނދަގޫ ކަމެކެވެ. އަދި ހަމައެކަނި ތެލެސީމިއާ ޕޭޝަންޓުން ބޭނުންވާ ބޭހެއް، އެމްބީއެސްގެ ބަދަލުގައި ފާމަސީން ފޯރުކޮށްދޭން ފެށުމަކީ މާނައެއް ނެތް ކަމެއްކަމަށް އޭނާ ލިޔެފައި ވެއެވެ.

"ދިފާއީ ނިޒާމު ބަލި، އިންފެކްޝަންތަކަށް ފަސޭހައިން ހުށަހެޅޭ ޕޭޝަންޓުން އެސްޓީއޯ ފާމަސީގައި މިބޭސް ހޯދުމަށް ކިއުގައި ޖެހި ބޭސް ހޯދަން މަޖުބޫރު ކުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އޭނާ ލިޔެފައި ވެއެވެ.

ތެލެސީމިއާއަށް ފަރުވާ ހޯދާ މީހުން ސިފަކުރާ ގޮތުގައި މިއީ އެމީހުންނަށް ދޭ ފަރުވާއަށް ލިބުނު ކުރިއެރުމެއް ނޫނެވެ. މިއީ ކުރިމަތިވި ހުރަހެކެވެ. އަދި މި ބަދަލު ގެނައީ އެމްބީއެސްގެ އިދާރީ ފަސޭހައަކަށް ކަމަށް ތެލެސީމިއާ ފަރުވާ ހޯދާ ބައެއް ކުދިން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭ ގޮތުން ހިޔާލު ފާޅުކުރި އިތުރު މީހަކު ބުނި ގޮތުގައި، ތެލެސީމިއާ ސެންޓަރުގެ މެނޭޖްމަންޓާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ސަމާލުކަމަށް މި މައްސަލަ ގެނައި ނަމަވެސް ކުރިން މިކަން އޮތް ގޮތަށް ބަދަލު ކުރަން އެމީހުން ވަނީ ދެކޮޅު ހަދައިފައެވެ. އަދި މިކަމާ ގުޅިގެން ޕޭޝަންޓުންގެ ޝަކުވާ އެމްބީއެސްއިން އަޑުއަހަން ބޭނުން ނުވާކަމަށް އެމީހުން ވަނީ ބުނެފައެވެ.

މި ބަދަލަކީ ގާނޫނު އަސާސީއާ ވެސް ހިލާފު ބަދަލެއް ކަމަށް ބައެއް މީހުން ތުހުމަތުކުރެއެވެ. އެގޮތުން ގާނޫނުގައި ބަޔާންކޮށްފައި ވަނީ، ތެލެސީމިއާ ކުދިންގެ ލޭގައި ޖަމާވާ ދަގަނޑުގެ މާއްދާތައް އެކުދިންގެ ހަށިގަނޑުގައި ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ޖަމާވިޔަ ނުދިނުމަށްޓަކައި އެ ކުދިންނަށް ދޭންޖެހޭ ފަރުވާ ދައުލަތުގެ ޚަރަދުގައި ތެލެސީމިއާ ސެންޓަރުން ހަމަޖައްސަން ޖެހޭނެ ކަމަށެވެ.

"ސެންޓަރުން ހަމަޖައްސަން ޖެހޭ ކަމެއް އެސްޓީއޯ ބޮލަށް ޖަހާފައި، އެސްޓީއޯގެ ޒިންމާއެއް ކަމަށް ބޭސް ދޫކުރުމަކީ ހެދުމަކީ ތެލަސީމިއާ ގާނޫނާ ވެސް ޚިލާފު ކަމެއް. މިކަންވީ އެންމެ އަވަހަކަށް ނުހުއްޓުވައިފި ނަމަ މިނިސްޓްރީ އޮފް ހެލްތަށް ދައުވާ ވެސް ކުރެވޭނެ،" ތެލަސީމިއާއަށް ފަރުވާ ހޯދަމުން އަންނަ މީހަކު ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގެ ބަހެއް ހޯދަން "ސަން"އިން މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ބަހެއް ލިބިފައިނުވެއެވެ. ނަމަވެސް، މިކަމާ ގުޅުން ހުރި މައުލޫމާތު ހިއްސާކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

comment ކޮމެންޓް