ޞާލިޙް ސަރުކާރުން ޓްރެފިކް ޖޫރިމަނާއިން 172 މިލިއަން ރުފިޔާ ހޯދި

މާޗް 2، 2021: ޓްރެފިކް ފުލުހުންތަކެއް: ޓްރެފިކް ޖޫރިމަނާގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ހޯދާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ފަސް އަހަރު ޓްރެފިކް ޖޫރިމަނާގެ ގޮތުގައި ޖުމުލަ 172،675،905 ރުފިޔާ ހޯދި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓްރެފިކް ޖޫރިމަނާގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ފުލުހުން ގިނަ އަދަދެއްގެ ފައިސާ ހޯދައެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ސަން'އިން އެދުނު މައުލޫމާތުތައް ހިއްސާކުރިއިރު ފުލުހުން ބުނެފައިވަނީ 17 ނޮވެމްބަރު 2018 އިން ފެށިގެން 17 ނޮވެމްބަރު 2023 ގެ ނިޔަލަށް 172،675،905 ރުފިޔާ ހޯދާފައިވާ ކަމަށެވެ.

އެކަމަކު، އެ ފައިސާގެ ތަފުސީލެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ.

މީގެ އިތުރުން، މިދިޔަ އަހަރު ނިމުނުއިރު ޓްރެފިކް ޖޫރިމަނާގެ ގޮތުގައި ނުލިބި 193 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށް ފުލުހުންގެ ހިސާބުތަކުން ދައްކައެވެ.

https://sun.mv/187590

އަދި، މިދިޔަ ފަސް އަހަރު ޖުމުލަ 2058 އުޅަނދު ވަނީ ޓޯކޮށްފައެވެ.

މިދިޔަ ފަސް އަހަރު 2،000 އަށްވުރެ ގިނަ އުޅަނދު ޓޯކުރިއިރު، ޕާކު ކުރާނެ ތަނެއް ނުދައްކައި ޕާކިން ސްޓިކާ ނުޖެހުމަކީ މިދިޔަ ސަރުކާރުގެ ވެސް އަދި މި ސަރުކާރުގެ ވެސް ވައުދެކެވެ.

މި އަހަރު ސަރުކާރު ބަދަލުވުމާ އެކު، ފުލުހުން ވަނީ ޕާކިން ޖާގަ ހޯދައިނުދީ ޕާކިން ސްޓިކާ ނުޖަހާނެކަން އިއުލާނުކޮށްފައެވެ. އެކަމަކު، އެކަން އާންމުކޮށް އިއުލާނުކުރުމާ އެކު ހަމައެއްލަމައެއް ނެތި މަގުތަކުގައި ޕާކުކުރުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ.

އެގޮތުން، މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުގެ ދެ ފަޅީގައި ޕާކުކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ.

comment ކޮމެންޓް