ދުނިޔޭގެ ހަތަރު ވަނައަށް އެންމެ މުއްސަނދި މީހަކަށް މާކް ޒަކަބާގް

މެޓާގެ އާމްދަނީ އިތުރު ކުރުމަށް ޒަކަބާގް ދަނީ ގިނަ ބަދަލުތަކެއް ގެންނަމުން ---

ފޭސްބުކްގެ މައި ކުންފުނި، މެޓާ ޕްލެޓްފޯމްސްގެ ބާނީ އަދި ސީއީއޯ މާކް ޒަކަބާގް ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ ހަތަރު ވަނައަށް އަރައިފިއެވެ.

ފޯބްސްގެ ރިއަލް ޓައިމް ބިލިއަނަރުންގެ ލިސްޓުން ބުނީ ޒަކަބާގްގެ މިލްކިއްޔާތު 27.6 ބިލިއަން ޑޮލަރު ނުވަތަ 19.88 ޕަސެންޓް އިތުރުވެ، 167 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ.

އެއީ މައިކްރޮސޮފްޓްގެ ކޯ ފައުންޑަރު ބިލް ގޭޓްސް އާއި އިންވެސްޓަރު ގުރޫ ވޮރެން ބަފެޓް އަދި އޮރެކަލްގެ ކޯ ފައުންޑަރު ލެރީ އެލިސަންގެ މައްޗަށް، 39 އަހަރުގެ ޒަކަބާގް ހޯދި ކުރިއެރުމެކެވެ.

ޒަކަބާގްގެ ކުރީގައި އުޅެނީ، ގާތްގަނޑަކަށް 194 ބިލިއަން ޑޮލަރާ އެކު ތިން ވަނައިގައި އޮތް އެމެޒޯންގެ ބާނީ ޖެފް ބެޒޯސް އާއި ދެ ވަނައިގައި 198 ބިލިއަން ޑޮލަރާ އެކު ސްޕޭސް އެކްސް އާއި ޓެސްލާ އަދި އެކްސްގެ ސީއީއޯ އީލޮން މަސްކްއެވެ.

ފްރާންސްގެ ފެޝަން ޕަވަހައުސް އެލްވީއެމްއެޗްގެ ޗެއާމަން އަދި ސީއީއޯ، ބާނާޑް އާނޯލްޓް، 74، ވަނީ 212 ބިލިއަން ޑޮލަރާ އެކު ލިސްޓްގެ އެއް ވަނައިގައެވެ.

ޒަކަބާގްގެ މާލީ ބަޔާނުގައި ބުނެފައި ވަނީ ހަތަރު ވަނަ ކުއާޓަރުގައި މެޓާއަށް ލިބުނު އާމްދަނީ ތިން ގުނައަށް ވުރެ އިތުރުވެ 14 ބިލިއަން ޑޮލަރަށް އަރާފައި ވާކަމަށެވެ.

އަހަރުން އަހަރަށް ލިބުނު އާމްދަނީ 25 އިންސައްތަ އިތުރުވެ 40.11 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، އެ ކުންފުންނިން މިދިޔަ އަހަރުތަކުގައި ވަނީ ޚަރަދު އަށް އިންސައްތަ ކުޑަކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޓާ ޕްލެޓްފޯމްސްގެ ހިއްސާގެ އަގު 20.3 އިންސައްތަ އުފުލި، ހުކުރު ދުވަހު ވަނީ 474.99 ޑޮލަރަށް އަރާފައެވެ.

މެޓާގައި ޒަކަބާގްގެ 13 ޕަސެންޓް ހިއްސާ އޮންނަ ކަމަށް ޓެކް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް