ހާލަންޑް ރެއާލާ ގުޅެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް ގާޑިއޯލާގެ ރައްދު

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ނޯވޭ ފޯވަޑް އާލިން ހާލަންޑް -- ފޮޓޯ/ ގެޓީ

މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވަޑް އާލިން ހާލަންޑް އެ ކްލަބުގައި ހުރީ އުފަލުގައި ނޫން ކަމަށް ބުނެ، ރެއާލް މެޑްރިޑާ ގުޅެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ރައްދުދީފިއެވެ.

ދާދި ފަހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސިޓީއާ މެދު ހިތްހަމަނުޖެހުންތަކެއް ހުރުމުން މިސީޒަނަށްފަހު ހާލަންޑް ރެއާލްއާ ގުޅުމަށް ބޭނުންވެއެވެ. ނަމަވެސް އެކަމަށް ރައްދުދެމުން ގާޑިއޯލާ ބުނެފައިވާ ގޮތުގައި، ކުރިއަށްއޮތް އަހަރުތަކުގައި ވެސް ހާލަންޑް ހުންނާނީ ސިޓީގެ ކުޅުންތެރިއެއްގެ ގޮތުގައި ކަމަށެވެ.

"ރެއާލްއާ ގުޅޭ ވާހަކަތަކަށް ޖަވާބުދެވޭނީ މީޑިއާއަށް. އެއީ އެ މީހުންނަށް އަހަރެމެންނަށް ވުރެ ގިނަ މައުލޫމާތުތައް އެނގޭހެން ހީވަނީ. ހާލަންޑް ހުރީ އުފަލުގައި. އެހެން އެއްވެސް ގޮތަކަށް އަހަރެމެންނަށް އިހުސާސެއް ނުވޭ. މީހުން ކިޔާ އެއްޗެހި އަހަރެމެންނަށް ކޮންޓްރޯލެއް ނުކުރެވޭނެ،" ނޫސްވެރިންނާ ވާހަކަދައްކަމުން ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ހާލަންޑަށް އާ ޓީމަކަށް ހޭނެން ވަގުތު ނަގާ ކަމަށް ބުނެވެން ނޯންނާނެ ކަމަށާއި ކްލަބާ ގުޅުނު ފުރަތަމަ ދުވަހުން ފެށިގެން އޭނާގެ ފެންވަރު ދައްކަމުންދާ ކަމަށެވެ. އަދި ހާލަންޑް އުފަލުގައި ނުހުންނަ ނަމަ، އޭނާ ނިންމުން ނިންމާނެ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

ސިޓީގެ "ގޯލު މެޝިން" ހާލަންޑްގެ ފަޔަށް މިދިޔަ ޑިސެމްބަރު މަހު ލިބުނު އަނިޔާއަށްފަހު، އޭނާއަށް ގިނަ މެޗުތަކެއް ގެއްލުނެވެ. ހާލަންޑް އެނބުރި ކުޅުމަށް އައިސްފައިވަނީ މިދިޔަ ބުދަ ދުވަހު ބާންލީ އަތުން 3-1ގެ ނަތީޖާއަކުން ސިޓީ މޮޅުވި މެޗުގައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. ސިޓީ އާއި އެއްވަނައިގައި އޮތް ލިވަޕޫލާ ދެމެދު ފަސް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ނަމަވެސް ލިވަޕޫލުން ވަނީ ސިޓީއަށްވުރެ އިތުރަށް އެއް މެޗު ކުޅެފައެވެ.

comment ކޮމެންޓް