މެލޭޝިޔާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބުގެ ޖަލު ހުކުމް ލުއިކޮށްދީފި

މެލޭޝިޔާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު. ފޮޓޯ/ސީއެންއެން

ހިޔާނާތުގެ ކުށް ސާބިތުވެ 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ މެލޭޝިޔާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ޖަލު ހުކުމަށް ބޮޑު ލުޔެއް ދީފިއެވެ.

މިހާރު ދީފައިވާ ލުއީގެ ދަށުން ނަޖީބު ޖަލުގައި ހުންނަވަން ޖެހޭނީ 12 އަހަރުގެ ބަދަލުގައި ހަ އަހަރެވެ.

ޖަލު ހުކުމް ކުޑަ ކޮށްދިނުމުގެ އިތުރުން ނަޖީބު ކޮށްފައިވާ ޖޫރިމަނާވެސް ވަނީ ކުޑަކޮށްދީފައެވެ. އެގޮތުން އޭނާގެ ޖޫރިމަނާ 50 މިލިއަން ރިންގިޓް (10.6 މިލިއަން ޑޮލަރު) ވަނީ ކުޑަ ކޮށްދީފައެވެ. ނަމަވެސް ޖޫރިމަނާ ދައްކައި ހަލާސްކުރަން ދިން މުއްދަތު ކަމަށްވާ އޮގަސްޓް 23، 2028 އަށް އަށް ޖޫރިމަނާ ނުދައްކައިފި ނަމަ ޖަލު ހުކުމަށް އަހަރެއް އިތުރުކުރާނެ ކަމަށް މެލޭޝިޔާގެ ފެޑެރަލް ޓެރަރީސް ޕާޑްން ބޯޑުން ބުނެއެވެ.

ހިޔާނާތުގެ މައްސަލަ ސާބިތުވެ ނަޖީބަށް ޖަލު ހުކުމް އިއްވީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. މަގާމުގެ ނުޒޫފު ބޭނުންކޮށްގެން ވަން މެލޭޝިއާ ޑިވެލޮޕްމަންޓް ފަންޑް (1އެމްޑީބީ) ގެ 210 މިލިއަން ރިންގިޓް (46.8 މިލިއަން ޑޮލަރު) އަށް ޚިޔާނާތްތެރިވިކަން ނަޖީބުގެ މައްޗަށް ވަނީ ސާބިތުވެފައެވެ. އޭނާ ވަނީ އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފައެވެ. ނަމަވެސް މެލޭޝިއާގެ އެންމެ މަތީ ކޯޓުން ވަނީ އެ ހުކުމް ދަމަހައްޓައިފައެވެ.

މެލޭޝިޔާގެ ބޮޑު ވަޒީރުކަން ނަޖީބު ކުރައްވައިފައި ވަނީ 2009 އަހަރުން 2018 ވަނަ އަހަރުގެ ނިޔަލަށެވެ.

ނަޖީބުގެ އަނބިކަނބަލުން ރޮސްމާ މަންސޫރްގެ މައްޗަށް ވެސް ރިޝްވަތަށް އެދުމާއި ރިޝްވަތު ގަބޫލުކުރުމުގެ ތިން ދައުވާއެއް ސާބިތުވެ ސެޕްޓެމްބަރު 1، 2022 ގައި ހުކުމްކުރިއެވެ. އެ ތިން ދައުވާ ސާބިތުވެ 10 އަހަރަށް ޖަލަށްލައި، 970 މިލިއަން ރިންގިޓުން އޭނާ ވަނީ ޖޫރިމަނާ ކޮށްފައެވެ.

1އެމްޑީބީ ފަންޑު އުފެއްދީ 2009 ވަނަ އަހަރު ނަޖީބު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވެއެވެ. އެ ފަންޑަށް މެލޭޝިޔާ ސަރުކާރުން އެތައް ހޭދައެއް ވަނީ ކޮށްފައެވެ. ގައުމުގެ އިންވެސްޓްމަންޓްތަކަށް ހާއްސަ އެ ފަންޑުން ނަޖީބާއި އޭނާގެ ބައިވެރިން ވަނީ އެތައް މިލިއަން ޑޮލަރަކަށް ހިޔާނާތްތެރިވެ އަގުބޮޑު ގެދޮރާއި މުދަލާއި އަގުބޮޑު ތަކެތި ގަނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް