އެންގުމަކާނުލައި ގާނޫނާ ޚިލާފަށް މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރި ސަބަބު ބުނެދޭން އެދެފި

ރާއްޖޭގެ މަސްދޯނިތަކަކަށް އެރި އިންޑިއާ ސިފައިން --

ރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުގެ ތެރޭ މަސްވެރިކަން ކުރަމުން އައި ދިވެހި މަސްދޯނިތަކަކަށް، އެއްވެސް އެންގުމަކާ ނުލައި، ގާނޫނުތަކާ ޚިލާފަށް، އިންޑިއާ ސިފައިން އެރި ސަބަބު ބުނެދޭން ރާއްޖޭގެ ޚާރިޖީ ވުޒާރާ މެދުވެރިިކޮށް އިންޑިއާ ސަރުކާރުގައި އެދިފައިވާކަމަށް ދިފާއީ ވުޒާރާއިން މިރޭ ބުނެފިއެވެ.

ދިފާއީ ވުޒާރާއިން މިރޭ ނެރުނު ބަޔާނެއްގައިވަނީ، ރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން އަންނަނިކޮށް ދިވެހި މަސްދޯނިތަކަށް، އިންޑިއާ ސިފައިން އެރީ ރާއްޖޭގެ ކަމާ ބެހޭ އެއްވެސް އިދާރާއަކަށް އެންގުމަކާ ނުލައި، ކަމަށެވެ.

އަދި ރާއްޖޭގެ ސަރަހައްދުގައި، އިންޑިއާއިން ހިންގީ ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި، އުސޫލުތަކާ ޚިލާފު އޮޕަރޭޝަނެއްކަމަށާއި އެ އޮޕަރޭޝަނުގެ ތަފްސީލް ދިވެހި ސަރުކާރާ ހިއްސާކުރުމަށް ވެސް އިންޑިއާގައި އެދިފައިވާނެކަމަށް ދިފާއީ ވުޒާރާއިން ވަނީ ބުނެފައެވެ.

އެ ބަޔާނުގައިވަނީ، މިދިޔަ ބުދަ ދުވަހު، އދ. މަހިބަދޫއަށް ނިސްބަތްވާ އަސުރުމާ-3 ދޯނި މަސްވެރިިކަން ކުރަމުން އައީ ހއ. ދިއްދޫގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުގައިކަމަށެވެ.

މަސްވެރިކަން ކުރަމުން އަންނަނިކޮށް ބޭރުގެ އަސްކަރިއްޔާއެއްގެ ބަޔަކު އަރައި ތިބިކަމުގެ މައުލޫމާތު ލިބުމާއެކު ދޯނީގެ ލޮކޭޝަން ކަށަވަރުކުރުމަށްފަހު އެމްއެންޑީއެފް ނޮދަން އޭރިއާގެ އޮޕަރޭޝަނެއްގައި އެ ވަގުތު ހަރަކާތްތެރިވި، އެމްއެންޑީއެފް ކޯސްޓްގާޑް އުޅަނދު "ޝަހީދު އަލީ" އެ ސަރަހައްދަށް ދަތުރުކުރިކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި އެ ވަގުތު އެ ދޯނީގައި ތިބި މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވުނު ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

https://sun.mv/188153

އެ މިނިސްޓްރީން ބުނީ އަސުރުމާ-3ގެ އިތުރުން އެހެން ދެ މަސް ދޯންޏަކަށް ވެސް ބޭރުގެ ސިފައިން އެރިކަން އެމްއެންޑީއެފަށް އެނގުނީ އެ ވަގުތު އެ ތަނަށް ދިއުމުން ލިބުނު މައުލޫމާތުން ކަމަށެވެ.

ދިފާއީ ވުޒާރާއިން ބުނީ ތިން މަސްދޯންޏަށް ވެސް އަރައިފައިވަނީ އިންޑިއާގެ ކޯސްޓްގާޑުގެ ޝިޕް 246 އާއި ޝިޕް 253އަށް ނިސްބަތްވާ ބޯޑިން ޓީމުންކަމަށެވެ.

މިކަމާ ގުޅިގެން މީގެ ކުރިން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން އޮފިޝަލަކު "ސަން"އާ ވާހަކަ ދައްކަމުން ބުނީ، ޔޫނިއަންގެ ސަމާލުކަމަށް މިކަން އައީ އެ ދޯނިން ގުޅާ އެކަން ހިއްސާކުރުމުން ކަމަށެވެ.

https://sun.mv/188217

ދޯނީގެ ކެޔޮޅާ ހަވާލާދީ ޔޫނިއަނުން ބުނީ، "އަސުރުމާ 3" ދޯންޏަށް ފުރަތަމަ އެރީ ހަތަރު ސިފައިން ކަމަށެވެ. އެއަށްފަހު އިތުރު ދެ ސިފައިން އެރިކަމަށް ޔޫނިއަނުން ބުންޏެވެ.

ސިފައިން މަަސައްކަތް ކުރީ ދޯނީގައި ބޭނުންކުރާ ސެޓެލައިޓު ފޯނުގެ ނަމްބަރު ހޯދަން ކަމަށާއި އެ ވަގުތު ދޯނީގެ ކެޔޮޅު މަސައްކަތް ކުރީ ކޯސްޓް ގާޑަށް ގުޅައިގެން އެ މީހުންގެ އިރުޝާދުގެ ދަށުން ކަމަށް ވެސް ޔޫނިއަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް