ވިލިމާލެ މޫދަށް އެރޭ ސަރަހައްދު ހިމާޔަތްކުރަނީ

ވިލިމާލެ: ވިލިމާލޭ މޫދަށް އެރޭ ސަރަހައްދުން ހިމާޔަތް ކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިންމަވައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިލިމާލޭގެ މޫދަށް އެރޭ ސަރަހައްދު ހިމާޔަތްކުރަން ނިންމާފައި ވާކަމަށް ރައީސް ޑރ. މުޙައްމަދު މުުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާ މެދުވެރިކޮށް އާންމުންނަށް ރައީސާ ސުވާލުކުރެވޭ ސިލްސިލާއެއް ކަމަށްވާ "ރައީސްގެ ޖަވާބު"ގައި، ވިލިމާލޭގައި މޫދު ބުޅާ ޑައިވް ސެންޓަރު ހިންގާ ޒޫނާ ނަސީމް ވަނީ އެ ރަށުގެ މޫދަށް އެރޭ ސަރަހައްދު ހިމާޔަތް ކޮށްދެއްވުމަށް ރައީސްގެ ކިބައިން އެދިފައެވެ. އަދި އޭނާ ފަދަ، ޑައިވް ސެންޓަރުތައް ހިންގާ މީހުންނަށް ފަސޭހަ ވާނޭ ސަރަހައްދަކުން ސެންޓަރު ހިންގަން ބިން ހަމަޖެހޭނެ އުސޫލެއް އެކުލަވައި ދިނުމަށް ވެސް ޒޫނާ އެދުނެވެ.

"...ފަސޭހައިން މިކަހަލަ އޮޕަރޭޝަނެއް ހިންގޭނެ ހިސާބަކުން ކޮންމެވެސް ގޮތަކަށް ބިންކޮޅެއް ދިގު މުއްދަތަކަށް ލިބޭނެ ކަހަލަ ގޮތެއް ހަމަޖެހިގެން ދިއުން. އެންމެންނަށް ފެއާކޮށް، ވަކި މީހަކަށް ނޫން،" ޒޫނާ ބުންޏެވެ.

އެ ހުށަހެޅުން އަޑުއެއްސެވުމަށްފަހު ރައީސް ވިދާޅުވީ، ވިލިމާލޭގެ މޫދަށް އެރޭ ސަރަހައްދު ހިމާޔަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ ޒޫނާގެ ތި ރިކުއެސްޓަކީ ވަރަށް ގިނަ މީހުންނަށް ފައިދާ ވާނެ ކަމަކަށް ވާތީ އެކަން އިރާދަކުރެއްވިއްޔާ ކުރަން ނިންމާފައިވާ ކަމެއް ވީމަ ޒޫނާ ތި ރިކުއެސްޓް ކުރި ގޮތަށް ތިކަން ހަމަޖެހިގެން ދާނެ،" ރައީސް ވިދާޅުވިއެވެ.

ޑައިވިން ސެންޓަރުތަކަށް ބިން ހަމަޖެއްސުމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ދިވެހިންނަށް ޓްރެއިނިން ދިނުމާއި މިފަދަ ކަންކަމަށް ބޭނުންވާ ފުރުސަތުތައް ވެސް ވިލިމާލެ އާއި މާލޭ ސަރަހައްދުން ޖާގަ ހުރި ތަންތަނުން ހަމަޖައްސައި ދެއްވާނެ ކަމަށެވެ.

މާލޭގައި މީހުން އާންމުކޮށް މޫދަށް އެރި އުޅެނީ ޓްރެކް ސަރަހައްދާއި ރަސްފަންނާއި އާޓިފިޝަލް ބީޗަށެވެ. އެތަންތަން ފެތުމާއި ކަސްރަތު ކްލާސްތަކަށް ވެސް ބޭނުން ކުރާއިރު، އެތަންތައް ނަޖިސްވުމުގެ މައްސަލަ ބައެއް ފަހަރު ފެންމަތިވެއެވެ.

އެހެންވެ، ވިލިނގިއްޔަކީ މާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ މީހުން ވެސް މޫދަށް އެރެން ދިޔުމަށް ޚިޔާރު ކުރާ ރަށެކެވެ.

comment ކޮމެންޓް