އިންޑިއާ ސިފައިން ބޭލުމުގެ އިތުރު މަޝްވަރާތައް މިއަދު ކުރަނީ

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ބައްދަލުކުރެއްވުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

އެކި އަސްކަރީ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ އަވަށްޓެރި އިންޑިއާގެ ސިފައިން އަނބުރާ ގެންދިޔުމުގެ ދެވަނަ ރަސްމީ މަޝްވަރާ ބައްދަލުވުން, މިއަދު އިންޑިއާގައި ކުރިއަށްދާނެއެވެ.

މިކަމާ ގުޅިގެން މީގެ ކުރިން، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދިރް ޖައިސްވަލް ވިދާޅުވީ އިންޑިއާގެ ސިފައިން އަނބުރާ ގެންދިޔުމުގެ މަޝްވަރާތައް ދެން ކުރާނީ އެ ގައުމުގައި ކަމަށެވެ.

މިއަދު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖެއާއި އިންޑިއާއިން މަޝްވަރާކުރަން ޖެހޭ ކަންކަމާ ގުޅިގެން ދެ ގައުމުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ ހައި ލެވެލް ކޯ ގްރޫޕުގެ ދެ ވަނަ ބައްދަލުވުުން މިއަދު ނިއު ދިއްލީގައި ކުރިއަށް ދާނެ ކަމަށެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެ ލީޑަރުން އެއްބަސްވެވަޑައިގަތް ގޮތަށް އެކުލަވައިލާފައިވާ ހައި ލެވެލް ކޯ ގްރޫޕުގެ ބައްދަލުވުންތަކެއް ކަމަށް އެ ބަޔާނުގައި ވެއެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމާ ގުޅޭ ގޮތުން އުފައްދާފައިވާ މަތީ ފަންތީގެ ކޯ ގްރޫޕުގެ ފުރަތަމަ ބައްދަލުވުން މިދިޔަ މަހުގެ 15ވަނަ ދުވަހު ފޮރިން މިނިސްޓްރީގައި ވަނީ ބާއްވައިފައެވެ. އެ ބައްދަލުވުމުގެ ބައިވެރިންގެ ތެރޭގައި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު ހިމެނިވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން އެ ދުވަހު ބުނީ، ދެ ގައުމުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެގޮތުން ދެ ގައުމުގެ މަސްލަހަތު އޮތް ތަފާތު ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށާއި އޭގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތަކަށް އެއްބާރުލުން ދިނުމާ ގުޅޭ ވާހަކަތައް ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ މަޝްވަރާގެ ތެރެއިން، ދެ ގައުމުން ވަނީ އެއްބާރުލުން އިތުރުކުރުމަށާއި އިންޑިއާ ސިފައިން ގެންދިޔުން އަވަސް ކުރުމަށް އެއްބަސްވެފައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ރައީސާއި މޯދީ ދުބާއީގައި ބައްދަލުކުރެއްވީ، ކޮޕް28 ސަމިޓުގެ ހަވާސާގައެވެ.

comment ކޮމެންޓް