ބައްސާމަށް މަނީ ލޯންޑްރިންއާއި ހިޔާނާތުގެ ދައުވާ އުފުލައިފި

ފެބްރުއަރީ 19، 2020: 19 އެފްއޭއެމްގެ އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލް: އޭނާގެ މައްޗަށް ވަނީ ހިޔާނާތުގެ ދެ ދައުވާއެއް އުފުލާފައި - ސަން ފޮޓޯ/ އަހްމަދު ސައީދު

ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)އަށް ދުނިޔޭގެ ފުޓުބޯޅަ އިދާރާ (ފީފާ)އިން ފޮނުވި 10،000 ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ އަމިއްލަ ކަންކަމުގައި ބޭނުންކޮށްފައިވާތީ، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ޚިޔާނާތާއި މަނީލޯންޑްރިންގެ ދައުވާ އުފުލައިފިއެވެ.

އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، އެފްއޭއެމްއަށް ފީފާއިން ފޮނުވި ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްވެ، އެ ފައިސާ ބޭނުންކޮށްފައިވާ ބޮޑު މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. ފުލުހުން އަންނަނީ އެ މައްސަލައިގައި ހިމެނޭ ވަކިވަކި ޓްރާންސެކްޝަންތައް ތަހުގީގު ކުރަމުންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، ބައްސާމްގެ މައްޗަށް ޚިޔާނާތުގެ ދައުވާ އުފުލާފައިވަނީ ފީފާއިން 2018 ވަނަ އަހަރު އެފްއޭމަށް ޖަމާކުރި 10،000 ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ އަމިއްލަ ކަންކަމުގައި ބޭނުން ކުރިކަމުގެ ތުހުމަތުގައެވެ.

އެގޮތުން، އެފްއޭއެމްގެ އެކައުންޓުން 10،004 ޑޮލަރު ބައްސާމްގެ އަމިއްލަ ބޭންކް އޮފް މޯލްޑިވްސް އެކައުންޓަށް ޖަމާކުރަން ހުށަހަޅައި، ބޭންކު ޗާޖުގެ ގޮތުގައި ފަސް ޑޮލަރު ކެނޑުމަށް ފަހު ޖުމުލަ 9،999 ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އޭނާ އެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވަނީ ޑޮލަރުގެ ގަތުމުގެ މުއާމަލާތެއް ކަމަށް ބުނެއެވެ.

އެކަމަކު، އެ ޑޮލަރަށްވާ ފައިސާ އެއްވެސް އިރެއްގައި އެފްއޭއެމްގެ އެކައުންޓަށް ވަދެފައިނުވާ ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.

މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

https://sun.mv/188140

ބައްސާމްގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ، އަމިއްލަ އެކައުންޓަށް 9،999 ޑޮލަރު ޖަމާކުރުމަށް ފަހު، އެ ފައިސާގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ އޭނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓުގެ ވިޔަފާރީގެ ކަންކަމަށް ބޭނުންކޮށްފައިވާތީއެވެ. އަދި، ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފުލެޓުގެ އެޕާޓްމެންޓުގެ ކުލި ދައްކަން ވެސް އޭގެ ތެރެއިން 2،000 ޑޮލަރު ބޭނުންކޮށްފައިވާ ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.

އެހެންވެ، އެފްއޭމްގެ ފައިސާއިން ގެއްލުނު 10،000 ޑޮލަރު ދައުލަތަށް ނަގައިދޭން ދައުވާގައި ވަނީ އެދިފައެވެ. މި ކުށް ސާބިތުވެއްޖެ ނަމަ އޮންނަ އަސާސީ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ބައްސާމްގެ މައްޗަށް އުފުލި ދެ ދައުވާ ވެސް މިހާރު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ.

އެފްއޭއެމްގެ ޚިޔާނާތާ ގުޅޭ މައްސަލަ ފުލުހުން އަދިވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން، އިއްޔެ ފުލުހުން ބުނީ، އެފްއޭއެމަށް ކޮވިޑު ދުވަސްވަރު ލިބުނު 1.9 މިލިއަން ޑޮލަރަށް ވެސް ޚިޔާނާތްވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެ މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްވި ކަމަށް ކުރެވޭ ތުހުމަތު ބައްސާމް ވަނީ ތަކުރާރުކޮށް ދޮގުކުރައްވައިފައެވެ.

އެ އިދާރާގެ ޚިޔާނާތުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ ޕްރޮސެކިއުޓާ ޖެނެރަލްގެ އަމުރަށް 22، އޮކްޓޫބަރު 2023 ގައެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެފްއޭއެމް ހައުސް ވެސް ބަލައި ފާސްކޮށް، އެ ތަނުން ހެކީގެ ގޮތުގައި ބައެއް ތަކެތި ގެންގޮސްފައެވެ.

comment ކޮމެންޓް