މެލޭޝިއާގެ 17 ވަނަ ރަސްގެފާނު ތަހުތުގައި ވެޑުވައިފި

މެލޭޝިޔާގެ އައު ރަސްގެފާނު ސުލްތާން އިބްރާހީމް. ފޮޓޯ/ރޮއިޓާސް

މެލޭޝިޔާގެ ދެކުނުގައި އޮންނަ ޖޮހޯ ސްޓޭޓްގެ ރަސްގެފާނު ސުލްތާން އިބްރާހީމް އެ ގައުމުގެ ރަސްކަމުގެ ތަހުތަށް ވެޑުވައިފިއެވެ.

ސުލްޠާން އިބްރާހީމް ރަސްކަމުގެ ހުވާ ކުރައްވާފައިވަނީ އެ ކަމަށް ހާއްސަކޮށްގެން ބޭއްވި ކުލަގަދަ ހަފުލާއެއްގައެވެ. އެ ހަފުލާ ބާއްވާފައިވަނީ ކުއާލާ ލަމްޕޫރުގައި ހުންނަ މެލޭޝިޔާގެ ރަސްމީ ގަނޑުވަރުކޮޅުގައެވެ.

މެލޭޝިޔާގައި ރަސްކަމަކީ ރަމްޒީ ބާރެކެވެ. ނަމަވެސް ފަހަކަށް އައިސް އެ ގައުމުގެ ރަސްކަލުންގެ ބާރާއި ނޫފޫޒު ގައުމީ ކަންކަމުގައި ވަނީ ވަރުގަދަކޮށްފައެވެ.

މެލޭޝިޔާގައި އޮންނަ ރަސްކަމުގެ ތަފާތު ނިޒާމެއްގެ ދަށުން ނުވަ ޝާހީ އާއިލާއެއް އެ ގައުމުގައި އޮވެއެވެ. އެއިން ކޮންމެ އާއިލާއެއްގައި އެންމެ އިސްކޮށް ހުންނަވަނީ ރަސްކަލެކެވެ. މުޅި ގައުމުގެ ރަސްކަން ކުރައްވަނީ އޭގެ ތެރެއިން އެއް ރަސްކަލެކެވެ. އަދި، ކޮންމެ ފަސް އަހަރަކުން ރަސްކަން އެހެން ޝާހީ އާއިލާއެއްގެ ރަސްގެފާނާ ރަސްކަން ހަވާލު ކުރެއެވެ.

އުމުރުން 65 އަހަރުގެ ސްލްތާނު އިބްރާހީމަކީ ސަރުކާރު ހިންގުމުގެ ކަންކަމުގައި ބަސްވިދާޅުވާ ބޭފުޅެކެވެ. ނަމަވެސް އޭނާއަކީ މެލޭޝިޔާގެ ބޮޑު ވަޒީރުކަން ކުރައްވަފައިވާ އަދި ކުރައްވަމުން ގެންދަވާ ބޭފުޅުންނާ ގާތް ގުޅުމެއް ވެސް ބާއްވަވަމުން އަންނަ ބޭފުޅެކެވެ.

ސުލްތާން އިބްރާހީމަކީ ކާމިޔާބު ވިޔަފާރިވެރިއެއް ވެސް މެއެވެ. އަގުބޮޑެތި ކާރާއި ސައިކަލު ފަދަ އުޅަނދުފަހަރަށް ލޯބި ކުރައްވާ އިބްރާހީމްގެ ވިޔަފާރި ކުންފުނިތަކުން ރިއަލް-އެސްޓޭޓްގެ ދާއިރާއިން ފެށިގެން ގޮސް މައިން ކުރުމުގެ ދާއިރާގައި ވެސް ހަރަކާތްތެރިވެއެވެ.

މެލޭޝިޔާގެ ސިޔާސީ މަޝްރަޙު ހޫނުވެ ހަމަނުޖެހުމެއް އުފެދިދާނެ ކަމަށް ރަސްގެފާނަށް ފެނިވަޑައިގަންނަވާ ދަނޑިވަޅެއްގައި އެ ޤައުމުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރުމުގެ ބާރު ރަސްގެފާނަށް އޮވެއެވެ.

މެލޭޝިޔާގެ 13 ސްޓޭޓްގެ ތެރެއިން ޖޮހޯއަކީ އެންމެ ބާރުގަދަ ސްޓޭޓްގެ ގޮތުގައި ބެލެވެއެވެ. އެ ޤައުމުގެ ސްޓޭޓްތަކުގެ ތެރެއިން އަމިއްލަ އަސްކަރިއްޔާއެއް އޮތް ހަމައެކަނި ސްޓޭޓަކީ ވެސް ޖޮހޯއެވެ. މެލޭޝިޔާއަށް އިނގިރޭސިންގެ ކިބައިން މިނިވަންކަން ލިބިފައި ވަނީ 1957 ވަނަ އަހަރުއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް