ކާޑު ލިމިޓް ބޮޑުކުރަން މި ވަގުތު ދަތިތަކެއް އެބަހުރި: މިނިސްޓްރީ

ބީއެމްއެލް އިން ހުޅުމާލޭގައި އޭޓީއެމް މެދުވެރިކޮށް ޑޮލަރު ނެގުމުގެ ހިދުމަތް ފެއްޓެވުމަށްފަހު --- ފޮޓޯ: ބީއެމްއެލް

ރާއްޖޭން ބޭރުގައި ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކްރެޑިޓް އަދި ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓު އިތުރު ކުރުމަށް މި ވަގުތު ދަތިތަކެއް އެބަހުރި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ޑޮލަރު ނެގޭ ލިމިޓު މާދަމާއިން ފެށިގެން ބޮޑުކުރަން ސަރުކާރުން ނިންމައފައި ވަނިކޮށް ފިނޭންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، މިކަމާ ގުޅިގެން ބީއެމްއެލް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)، އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއެކު މަޝްވަރާތައް ކުރަމުން އަންނަކަމަށެވެ.

އަދި މި ސިޔާސަތު ތަންފީޒު ކުރަން މިވަގުތު ދަތިތަކެއް ހުރި ނަމަވެސް، ރާއްޖޭގެ މިވަގުރު ޑޮލަރު ޑިމާންޑް އަދި ހުރި ހުރަސްތައް ދެނެގަންނަމުން ދާކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ، ކާޑު ލިމިޓު ބޮޑުކުރުމުގެ ފައިދާ ސީދާ ދަރިވަރުންނަށް ލިބުނުކަން ޔަގީން ކުރުމަށް ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލްކުރާ ދަރިވަރުންގެ އަދާހަމަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ ރަސްމީ ރިޒާވް އިތުރު ކުރުމަށާއި ބޭންކިން ނިޒާމަށް މާރުކުރެވޭ ޑޮލަރުގެ ނިސްބަތް އިތުރު ކުރުމަށް ވެސް މަސައްކަތް ކުރާކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިދިޔަ މަހުގެ 25ގައި ސަރުކާރުން ނިންމައިފައިވަނީ، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ނެގެން އޮންނަ ލިމިޓު 750 ޑޮލަރުން 1200 ޑޮލަރަށް އިތުރުކުރާށެވެ.

ބީއެމްއެލްއިން އެ މަޝްވަރާތައް ކުރަމުން އަންނައިރު، މި މަހުގެ ތެރޭގައި އެ ބޭންކުގެ ބޯޑަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން މިދިޔަ ހަފުތާގެ ތެރޭގައި ބީއެމްއެލްގެ ހުރިހާ ނޮންއެކްޒެކެޓިވް މެންބަރުން ވަކިކޮށްފައިވެއެވެ. ނަމަވެސް، އޭގެ ތެރެއިން ދެ ޑިރެކްޓަރަކު ފަހުން ވަނީ މަގާމަށް އައްޔަންކޮށްފައެވެ.

މީގެ އިތުރުން، މި މަހުގެ ތެރޭގައި ޑޮލަރު ލިބުމުގައި ދަތިތަކެއް ކުރިމަތިވެ އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ)ތަކަށް ޑޮލަރުން ފައިސާ ހަމަޖައްސަން ދަތިވެފައިވާ ކަމަށް ބައެއް ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ބޭންކުތަކުން ކަނޑައަޅާފައި އޮންނަ ޑޮލަރު ލިމިޓު އުވައިލުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް މީގެ ކުރިން ވިދާޅުވީ، ޑޮލަރު ލިމިޓު އުވައިލުމުގެ ކަންކަން ކުރިއަށް ގެންދަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. އެހެންވެ، ފުރަތަމަ މަރުހަލާގައި އަދި ޑޮލަރު ލިމިޓު 1،200 ޑޮލަރަށް ބޮޑުކުރާނީ ބޭރު ގައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް އެކަނި ކަމަށެވެ.

ޑޮލަރު ލިމިޓުކުރުން އެއީ ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނާއި އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހީންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

comment ކޮމެންޓް