ޑޮލަރު ލިމިޓު ބޮޑުކުރުން މާދަމާ، އެކަމަކު އަދިވެސް މަޝްވަރާގައި

އޭޓީއެމް މެދުވެރިކޮށް ޑޮލަރު ނަގަނީ: ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ލިމިޓު އިތުރުކުރަން ސަރުކާރުން ނިންމި ނަމަވެސް، އެ ބަދަލު ގެނެވޭނެ ކަމާ މެދު ސުވާލު ވަނީ އުފެދިފައި --- ފޮޓޯ: ބީއެމްއެލް

ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް މަހަކު ޑޮލަރު ނެގޭ ލިމިޓު މާދަމާއިން ފެށިގެން ބޮޑުކުރަން ސަރުކާރުން ނިންމާފައިވީ ނަމަވެސް، އެ ބަދަލު ގެނެވޭނެކަން ކަށަވަރުކޮށްދޭން ބީއެމްއެލްއިން މިއަދު ދެކޮޅު ހަދައިފިއެވެ.

މިދިޔަ މަހުގެ 25 ގައި ސަރުކާރުން ނިންމާފައިވަނީ، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ނެގެން އޮންނަ ލިމިޓު 750 ޑޮލަރުން 1200 ޑޮލަރަށް މާދަމާ އިތުރުކުރާނެ ކަމަށެވެ.

ބީއެމްއެލްއިން މިއަދު "ސަން"އަށް ބުނީ، ކާޑުތަކުން ޑޮލަރުގެ މުއާމަލާތްކުރެވޭ ލިމިޓް އިތުރުކުރުމާ ގުޅޭގޮތުން އެ ބޭންކުން ފިނޭންސް މިނިސްޓްރީއާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ ބަދަލާއެކު ޑޮލަރު ބޭނުންވާނެ މިންވަރާއި މި ބަދަލުގެ ބޮޑު ކުޑަމިނާއި މިގޮތަށް ލިމިޓް އިތުރު ކުރާނެ ނިޒާމެއް ގާއިމްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

"ބޭންކުން ކަސްޓަމަރުންނަށް ޑޮލަރުގެ އެހީތެރިކަން ދެވެން އޮންނަނީ ބޭރު ފައިސާ ގަތުމަށް ބޭންކަށް ލިބިގެންދާ އަދަދެއްގެ މައްޗަށް ބިނާކޮށެވެ." ބޭންކުން ބުންޏެވެ.

ނަމަވެސް، މާދަމާ ޑޮލަރު ލިމިޓު އިތުރު ކުރެވޭނެ ކަމާ މެދު ސީދާ ޖަވާބެއް ބޭންކުން ނުދެއެވެ.

ބީއެމްއެލްއިން އެ މަޝްވަރާތައް ކުރަމުން އަންނައިރު، މި މަހުގެ ތެރޭގައި އެ ބޭންކުގެ ބޯޑަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން މިދިޔަ ހަފުތާގެ ތެރޭގައި ބީއެމްއެލްގެ ހުރިހާ ނޮންއެކްޒެކެޓިވް މެންބަރުން ވަކިކޮށްފައިވެއެވެ. ނަމަވެސް، އޭގެ ތެރެއިން ދެ ޑިރެކްޓަރަކު ފަހުން ވަނީ މަގާމަށް އައްޔަންކޮށްފައެވެ.

މީގެ އިތުރުން، މި މަހުގެ ތެރޭގައި ޑޮލަރު ލިބުމުގައި ދަތިތަކެއް ކުރިމަތިވެ އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ)ތަކަށް ޑޮލަރުން ފައިސާ ހަމަޖައްސަން ދަތިވެފައިވާ ކަމަށް ބައެއް ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ބޭންކުތަކުން ކަނޑައަޅާފައި އޮންނަ ޑޮލަރު ލިމިޓު އުވައިލުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް މީގެ ކުރިން ވިދާޅުވީ، ޑޮލަރު ލިމިޓު އުވައިލުމުގެ ކަންކަން ކުރިއަށް ގެންދަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. އެހެންވެ، ފުރަތަމަ މަރުހަލާގައި އަދި ޑޮލަރު ލިމިޓު 1،200 ޑޮލަރަށް ބޮޑުކުރީ ބޭރު ގައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް އެކަނި ކަމަށެވެ.

ޑޮލަރު ލިމިޓުކުރުން އެއީ ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނާއި އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހީންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

comment ކޮމެންޓް