ފޮފާނާ، ލޯނުގެ ދަށުން އަލް އެތިފާގަށް

އަލް ނަސްރުގެ މިޑްފީލްޑަރު ސެކޯ ފޮފާނާ -- ފޮޓޯ/ ގެޓީ

އަލް ނަސްރުގެ މިޑްފީލްޑަރު ސެކޯ ފޮފާނާ، ލޯނު އެއްބަސްވުމެއްގެ ދަށުން އަލް އެތިފާގާ ގުޅިއްޖެއެވެ.

އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން)ގައި އައިވަރީ ކޯސްޓަށް މިވަގުތު ކުޅެމުންދާ އުމުރުން 28 އަހަރުގެ ފޮފާނާ، އެތިފާގަށް ގެންދިޔައީ ދާދިފަހުން އެ ކްލަބު ދޫކޮށް އަޔެކްސްއާ ގުޅުނު އިނގިރޭސި މިޑްފީލްޑަރު ޖޯޑަން ހެންޑަސަންގެ ބަަދަލުގައެވެ.

އިނގިރޭސި ފުޓުބޯޅަ ލެޖެންޑް ސްޓީވަން ޖެރާޑްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އަލް އެތިފާގާ ފޮފާނާ ގުޅުނީ ހަ މަސް ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން މިސީޒަނުގެ ބާކީ ބައިގައި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަސްރުން ފޮފާނާ ނުފެންނާނެއެވެ.

ސައުދީ ޕްރޯ ލީގުގައި އަލް ނަސްރު މިވަގުތު އޮތީ ދެވަނައިގައެވެ. އެޓީމާއި އެއްވަނައިގައި އޮތް އަލް ހިލާލާ ދެމެދު އޮތީ ހަތް ޕޮއިންޓުގެ ފަރަގެކެވެ. ނަމަވެސް ލީގު ތާވަލުގެ އަށްވަނައިގައި މިވަގުތު އޮތް އަލް އެތިފާގާއި އަލް ނަސްރާ ދެމެދު 21 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ފޮފާނާ މިވަގުތު ތައްޔާރުވަމުންދަނީ އެފްކޮންގެ ކުއާޓާ ފައިނަލުގައި މާލީއާ ދެކޮޅަށް ނުކުތުމަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

comment ކޮމެންޓް