ރަސްފަރީ ފަރު އިޔާދަކުރުމުގެ މަޝްރޫއަށް ދިރާގުން އެހީ ފޯރުކޮށްދީފި

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީގެ "ރެސްޓޯ ރަސްފަރީ" ޕްރޮޖެކްޓް ކުރިއަށްގެންދިޔުމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދިނުން -- ފޮޓޯ/ ދިރާގު

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ "ރެސްޓޯ ރަސްފަރީ" ޕްރޮޖެކްޓް ކުރިއަށްގެންދިޔުމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އީޕީއޭއިން 2021ވަނަ އަހަރު ފަށާފައިވާ މި ޕްރޮޖެކްޓަކީ ރަސްފަރީ ފަރަށް އާގު ބޯޓެއް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތައް
އިޔާދަކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

ދިރާގުން ބުނީ މި ޕާޓްނާޝިޕްގެ ދަށުން އީޕީއޭގެ ރިސްޓޯރޭޝަން ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. މީގެ އިތުރުން ފަރު އިޔާދަކުރުމުގެ މަސައްކަތް ކުރާ ޓީމްތަކަށް އެކުންފުނިން ޑައިވިން ކިޓްތައްވެސް ހަދިޔާކޮށްފައިވާ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ، މި މަޝްރޫއުގެ ދަށުން ފަރު އިޔާދަކުރުމަށް ޓަކައި ފަސް އަހަރުގެ މުއްދަތަކަށް އަލުން މުރަކަ އިންދައި، ނާސަރީތަކުގައި އާލާކުރާ މުރަކަތައް ފަރަށް ބަދަލުކުރާނެ ކަމަށެވެ.

އެކުންފުނީގެ ދަރުމަވެެރިންވެސް ދާދިފަހުން މުރަކަ އިންދުމުގެ ހަރަކާތުގައި ބައިވެރިވެފައިވާކަން ދިރާގުން ފާހަގަކުރިއެވެ.

ރަސްފަރީ މެރިން ޕްރޮޓެކްޓެޑް އޭރިއާ ސައިޓުގައިވާ ފަރަކީ އެތަކެއް ތަފާތު ދިރޭތަކެތި ދިރިއުޅެމުންދާ ސަރަހައްދަކަށްވާތީ މި ފަރު އިޔާދަކުރުމަކީ
ބަޔޯޑައިވާސިޓީ ހިމާޔަތް ކުރުމަށް އެޅޭނެ ވަރަށް ބޮޑު ފިޔަވަޅަކަށް ވާނެ ކަމަށް އެކުންފުނިން ބުންޏެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، ދިރާގާ ގުޅިގެން މި ޕްރޮޖެކްޓު ކުރިއަށް ގެންދިޔުމަކީ އެ އިދާރާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ޕްރޮޖެކްޓްގެ ދެމެހެއްޓެނިވި ކާމިޔާބީއަށްޓަކައި މި މަޝްރޫޢުގެ ކޮންމެ މަރުހަލާއެއްގައި ވެސް ކަމާގުޅުންހުރި ފަރާތްތަކުގެ ހަރުދަނާ ބައިވެރިވުމާއި
އެއްބާރުލުން ވަރަށް މުހިންމު،" ނައީމް ވިދާޅުވިއެވެ.

ރަސްފަރި ފަރަށް އެރި އުޅަނދުގެ ސަބަބުން 8876 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބުނު އިރު، އޭގެ ތެރެއިން 2882 އަކަމީޓަރުގެ ސަރަހައްދަކުން ދިރޭތަކެތި ވަނީ އެއްކޮށް ނެތިގޮސްފައި ކަމަށް އީޕީއޭއިން މީގެ ކުރިން ބުނެފައިވެއެވެ.

ރަސްފަރީ ފަރަކީ 1995އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރަކަށް ވާއިރު އެ ސަރަހައްދަކީ މާލެ އަތޮޅުގައި ޑައިވަރުންގެ މެދުގައި އެންމެ މަގުބޫލު އެއް ފަރެވެ. އަދި ގުދުރަތީ ރީތިކަމުން ފުރިފައިވާ ތަފާތު ދިރުންތައް އެ ފަރުގައި ދިރިއުޅެއެވެ.

comment ކޮމެންޓް