ރަސްމާލޭގައި 15،000 ހައުސިން ޔުނިޓު އަޅަން ޗައިނާ ކުންފުންޏަކުން ހުށަހަޅައިފި

ފުށިދިއްގަރު ފަޅު ހިއްކަން ފެށުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ތަޞައްވުރުގައި ހިމެނޭ އެންމެ ބޮޑު މަޝްރޫއުކަމަށްވާ ކ. ފުށިދިއްގަރުފަޅު ހިއްކައި، ތަރައްގީކުރާ ރަސްމާލޭގައި 15،000 ހައުސިން ޔުނިޓު އެޅުމުގެ ޝައުގުވެރިކަން ޗައިނާ ކުންފުންޏަކުން ފާޅުކޮށްފައިވާކަމަށް ސަރުކާރުން އިއްޔެ ބުނެފިއެވެ.

ކެބިނެޓުން ނިންމި ކަންކަން ހާމަކުރުމަށް، ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފައިވަނީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ)އިން ކަމަށެވެ.

މިއީ ހިޔާ މަޝްރޫއުގެ މަސައްކަތް ވެސް ކުރި ކުންފުންޏެވެ. މި މަޝްރޫއުގެ އިތުރުން ވެސް އެ ކުންފުނިންވަނީ މާލޭ އާއި ވިލިމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކެއް ވެސް ތަރައްގީކޮށްފައެވެ.

"15،000 މޮޑިއުލަށް ހައުސިން ޔުނިޓު އެޅުމަށް ޓަކައި ޗައިނާގެ ކުންފުންޏެއް ކަމުގައިވާ ސީއެސްސީއީސީ އިންޓަނޭޝަނަލް ކޮންސްޓްރަކްޝަނުން ޝައުގުވެރިކަން ފާޅުކުރައްވައި ހުށަހަޅައިފައިވާ ޕްރޮޕޯސަލާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއާ ގުޅިގެން ކޮސްޓް އަދި ކޮލިޓީއާ ގުޅުންހުރި ކަންތައްތަކުގައި އިތުރަށް ނެގޯޝިއޭޝަންތަކެއް ކުރިއަށް ގެންދިއުން އެންމެ ރަނގަޅުކަމުގައި ނިންމެވުން،" ނާޒިމް ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލޭގައި 30،000 ހައުސިން ޔުނިޓް ޗައިނާގެ އެހީގައި އަޅާނެ ކަމަށް، އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ވަނީ މި މަހުގެ 11ވަނަ ދުވަހު ވިދާޅުވެފައެވެ.

https://sun.mv/187229

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއޫއެއްގައި މިނިސްޓަރު އަލީ ހައިދަރު ވިދާޅުވީ މި 30،000 ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެއް ފަހަރާ ކަމަށެވެ.

ޗައިނާއާއެކު ވެވުނު އެއްބަސްވުންތަކުގެ ތެރޭގައި ރަސްމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމުގެ އިތުރުން އެތަނުގައި އަސާސީ އެހެނިހެން ހިދުމަތްތައް ގާއިމްކުރުމާ ގުޅޭ އެއްބަސްވުންތަކެއް ވެސް ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ ތެރޭގައި ފެނާއި ނަރުދަމާގެ ހިދުމަތާއި މަގުތައް ތަރައްގީކުރުން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއުއަކީ ރާއްޖޭގައި ބޯހިޔާވަހިކަމަށް ހާއްސަކުރެއްވިގެން ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫއުއެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް އަށް މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށް ވަނީ އަމާޒު ހިފާފައެވެ.

comment ކޮމެންޓް