ގުޅީފަޅުން 100 ހެކްޓަރުގެ ބިން ހިއްކައިފި

ގުޅިފަޅު ބިން ހިއްކަނީ. މިހާރު 150 ހެކްޓަރުގެ ތެރެއިން 100 ހެކްޓަރު ބިން ވަނީ ހިއްކައިފައި -- ފޮޓޯ/ މިނިސްޓްރީ

ކ. ގުޅީފަޅު ހިއްކުމަށް ނިމިދިޔަ ސަރުކާރުން ފެށި މަޝްރޫއުގެ ދަަށުން، މިހާތަނަށް 100 ހެކްޓަރުގެ ބިން މިއަދަށް ހިއްކައި ނިމިފައިވާކަމަށް އިންފްރާންސްޓަކްޗާ އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެމަޝްރޫގެ ދަށުން ހިއްކަން ޖެހޭ 150 ހެކްޓަރުގެ ތެރެއިން 100 ހެކްޓަރުގެ ބިން މިއަދު ހިއްކައި ނިމިފައިވާ ކަމަށެވެ.

މީގެކުރިން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވީ ގުޅީފަޅުން ބިން ހިއްކުމުގެ މަސައްކަތް ވަރަށް ބާރު ދުވެލީގައި، މެދުކެނޑުމެއް ނެތި ކުރަމުން އަންނަކަމަށެވެ.

މި މަޝްރޫއާ ގުޅޭގޮތުން މީގެ ކުރިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ނިންމާފައި އޮތީ ގުޅީފަޅު ހިއްކަން 24 މިލިއަން ކިއުބިކް މީޓަރުގެ ވެލި އަޅަން ކަމަށެވެ.

ނަމަވެސް މި ސަރުކާރުން ނިންމާފައި ވަނީ އިތުރު 21 މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދު ހިއްކައި، 85 ހެކްޓަރުގެ ބިން ގުޅީފަޅަށް އިތުރު ކުރަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ 'ބިންވެރިޔާ ސްކީމް' އާއި 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ހުޅުމާލެއާއި ހުޅުމާލެއިން މަދުވެގެން 1000 ގޯއްޗާއި ގުޅީފަޅުން މަދުވެގެން 2000 ގޯއްޗާއި ގިރާވަރު ފަޅު ހިއްކައިގެން ވެސް މަދުވެގެން 2000 ގޯތި މާލޭ ރަށްވެހިންނަށް ދޭން އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފައިވެއެވެ.

comment ކޮމެންޓް