ސިއްހީ ހާލަތްތަކަށާއި ގެއްލޭ މީހުން ހޯދުމަށް، ހެލިކޮޕްޓަރު އަލުން ބޭނުން ކުރަނީ

ސިއްހީ ހާލަތްތަކަށާއި ގެއްލޭ މީހުން ހޯދުމަށް، ހެލިކޮޕްޓަރު އަލުން ބޭނުން ކުރަން ސަރުކާރުން ވަނީ ނިންމާފައި --

ސިއްހީ ކުއްލި ހާލަތްތަކުގައި މީހުން އުފުލުމަށާއި ގެއްލިގެން މީހުން ހޯދުމަށް، ހެލިކޮޕްޓަރު އަލުން ބޭނުން ކުރަން ސަރުކާރުން މިއަދު ނިންމައިފިއެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތަފުސީލުތައް ހާމަކުރަން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ، ހެލިކޮޕްޓަރު އަލުން ބޭނުންކުރަން ފެށުމާ ގުޅޭ ކަރުދާހެއް ޓްރާންސްޕޯޓް މިނިސްޓްރީން ހުށަހަޅާފައިވުމުން އެކަމާ ގުޅޭ ގޮތުން ކެބިނެޓުން މަޝްވަރާކުރި ކަމަށެވެ.

ނާޒިމް ވިދާޅުވީ، ކެބިނެޓުން ނިންމާފައި ވަނީ އެ މަސައްކަތްތަކަށް ދެ އިންޖީނުލީ ހެލިކޮޕްޓަރު ބޭނުން ކުރުމަށް ކަމަށާއި އެހެން އާންމު ޚިދުމަތްތަކަށް އެ ހެލިކޮޕްޓަރު ބޭނުންކުރަން ވާނީ ހުއްދަ ދީފައިވާ ހެލިޕޯޓަކުން ކަމަށް ކެބިނެޓުން ކަނޑައަޅާފައިވާ ކަމަށެވެ.

"އަދި ވާދަވެރި ބީލަމެއްގެ ތެރެއިން ނުވަތަ ރެސްޓްރިކްޓެޑް ޓެންޑާއެއްގެ ތެރެއިން ހެލިކޮޕްޓަރު އުދުއްސޭނެ ބަޔަކު ހޯދުން އަދި އެފަދަ ފަރާތްތަކަށް ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތުގެ އެކްސްކްލޫސިވިޓީއެއް ދިނުން،" ނާޒިމް ވިދާޅުވިއެވެ.

ހަމައެއާއެކު، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)ގެ މިންގަނޑުތަކާ އެއްވަރަށް ދިވެހި ވައިގެ ދަތުރުފަތުރުގެ ނިޒާމު ގެނައުމަށް ޓަކައި އެކުލަވާލައްވާފައިވާ މަދަނީ ވައިގެ ދަތުރުފަތުރުގެ އާ ބިލަށް، މި ސިޔާސާތުތަކާ ގުޅޭ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނެސް މަޖިލީހަށް އަލުން ހުށަހަޅަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެލިޕޯޓަށް ޖާގަ ހަމަޖެއްސުމަށާއި އިތުރު ސަރަހައްދެއްގައި ހެލިޕޯޓެއް ހަދަން ޖެހޭނަމަ އެކަމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ވެސް ކެބިނެޓުން ފާސްކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމަށް، މި ދާއިރާގެ ތަޖުރިބާކާރަކު ހޯދުމަށާއި އެ ޚިދުމަތާ ގުޅިގެން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ބޭނުންވާ އޮފީސް ޖާގައާއި ފައިސާ ހަމަޖައްސައި ދާއިރާއަށް ބޭނުންވާ މީހުން ހޯދުމަށް މުސާރައިގެ އޮނިގަނޑެއް އެކުލަވާލަން ވެސް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގައި މީގެ 20 ވަރަކަށް އަހަރު ކުރިން ވެސް ހެލިކޮޕްޓަރުގެ ޚިދުމަތް ދިން ނަމަވެސް، އެކްސިޑެންޓެއްގެ ސަބަބުން އެ ޚިދުމަތް ހުއްޓާލީއެވެ.

comment ކޮމެންޓް