ހޯއްގޮވާ ކެއްސުން ބަލީގެ އިތުރު ކޭސްއެއް ފެނިއްޖެ

ގއ. ވިލިނގިލި: އެ ރަށުން ވަނީ ހޯއްގޮވާ ކެއްސުން ބަލީގެ އިތުރު ކޭސްއެއް ފެނިފައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރާއްޖޭގައި ކޮންޓްރޯލްކޮށްފައިވާ ބައްޔެއް ކަމަށްވާ، ހޯއްގޮވާ ކެއްސުން ބަލީގެ އިތުރު ކޭސްއެއް ގއ. ވިލިނގިލިން ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) މިއަދު ބުނެފިއެވެ.

މިހާތަނަށް މި ބައްޔަށް ތިން ކުޑަކުދިން ޕޮޒިޓިވްވެފައިވާއިރު އިއްޔެ އެ ރަށުން އިތުރު ކޭސްއެއް ވަނީ ފެނިފައެވެ.

މިކަމާ ގުޅިގެން އެޗްޕީއޭއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި ކޭސްއަކީ ކުރިން ފެނުނު ކޭސްތަކާ ގުޅުން ހުރި ކޭސްއެއް ކަމެއް މިހާތަނަށް ބެލި ބެލުމަށް އެންގިފައިނުވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ، ބަލި ފެތުރުން، މަދު ކުރުމަށް ގއ. އަތޮޅު ހޮސްޕިޓަލްގައި ޓާސްކްފޯހެއް އެކުލަވާލައި ކޮންޓެކްޓް ޓްރޭސިންނާއި ކޮންޓެކްޓުންގެ ތެރެއިން އަލާމާތްތައް ހުރި ފަރާތްތަކަށް ބޭސް ދެމެން އަންނަ ކަމަށެވެ.

އަދި، ހަތް އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ ކުދިން ދެނެގަނެ ވެކްސިން ދިނުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި މި ބައްޔާއި ގުޅުންހުރި 161 ކޮންޓެކްޓުން ހޯދިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިހާތަނަށް ބެލިބެލުމުން އަލާމާތްތައް ހުރި 23 ކޮންޓެކްޓުން ހޯދިފައިވާއިރު، އަލާމާތްތައް ހުރި 17 މީހެއް ޓެސްޓުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހަމައެހެންމެ، މި ބަލިން ރައްކާތެރިވުމަށް 27 މީހަކަށް ޕްރޮފައިލެކްސިސް ދެވިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

ހޯއްގޮވާ ކެއްސުން އަދި އަރިދަފުސް ރޯގާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް ބައްޔާ ގުޅުންހުރި އަލާމާތެއް ހުރިނަމަ މީހުން ގިނަ ތަންތަނަށް ނުދިޔުމާއި މާސްކު ބޭނުން ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި، އިންފްލުއެންޒާއާއި ކޮވިޑް ވެކްސިން ފުރިހަމަކޮށް ސެނިޓައިޒާ ބޭނުންކޮށް ގިނައިން އަތްދޮވުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.

https://sun.mv/187791

ހޯއްގޮވާ ކެއްސުން ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. އެ ބަލި ޖެހުމުން ފުރަތަމަ ފެންނާނީ އާންމު ރޯގާތަކުގައި ވެސް ފެންނަ އަލާމާތްތަކެވެ. މީގެ އިތުރުން ހަފުތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސާ، މި ކެއްސުން ގިނަ ދުވަހަށް ދިގުލައިގެންދެއެވެ.

އެ ބަލި ޖެހުމުން ތުއްތު ކުދިންގެ ފަރާތުން އިތުރު އަލާމާތްތައް ފެނިދާނެއެވެ. ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާ ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް މި ބަލި ޖެހިއްޖެ ނަމަ، ބަލީގައި މާ ބޮޑު އަލާމާތްތަކެއް ނުފެނިދާނެއެވެ.

comment ކޮމެންޓް