ސްޓޭޑިއަމެއް ގާއިމްކުރަން ގަލޮޅު ދަނޑު ސަރަހައްދު އެކަށީގެން ނުވޭ: މިނިސްޓަރު

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު: މިނިސްާޓރު ވިދާޅުވީ ޒަމާނީ ފެންވަރުގެ ސްޓޭޑިއަމްއެއް ގާއިމްކުރުމަށް ގަލޮޅު ދަނޑު އޮތް ސަރަހައްދަކީ އެންމެ އެކަށީގެންވާ ތަނެން ނޫންކަމަށް-- ފޮޓޯ/ ސްޕޯޓްސް މިނިސްޓްރީ

ޒަމާނީ ފެންވަރުގެ ސްޓޭޑިއަމެއް ގާއިމްކުރުމަށް ގަލޮޅު ދަނޑު އޮތް ސަރަހައްދަކީ އެންމެ އެކަށީގެންވާ ތަނެން ނޫންކަމަށް ކުޅިވަރާބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޝަފީއު ވިދާޅުވީ، މި ސްޓޭޑިއަމް ގާއިމްކުރުމާއި ބެހޭގޮތުން ވަރަށް ގިނަ މަޝްވާރާތަށް ކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެ ސަރަހަައްދުގައި ސްޓޭޑިއަމެއް ގާއިމްކުރުމަށް ބަލާއިރު ގިނަ މައްސަލަތަކެއް ހުރި ކަމަށެވެ. އެގޮތުން، އެއީ ޓްރެފިކް ބާރުބޮޑު ސަރަހައްދެއް ކަމަށާއި ޖާގައާއި ސަލާމަތީ ކަންތައްތަކަށް ބަލާއިރު ވެސް މައްސަލަތައް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ސްޓޭޑިއަމްއެއް އަޅާ ކަމުގައި ވަނީނަމަ މީގެ 20 އަަހަރަށް ވިސްނަށް ޖެހޭނެކަމަށް އެނާ ވިދާޅުވިއެވެ. މީގެއިތުރުން، ވޯލްޑް ކްލާސް ސްޓޭޑިއަމެއް ރާއްޖޭގައި ވެސް ހުންނަން ޖެހޭނެކަމަށް އެނާ ވިދާޅުވިއެވެ.

''20 އަހަރު ވެގެން ދާއިރު ވެސް އެތަނަކީ އަޕްޑޭޓެޑް ތަނަކަށް ވެގެން ދާންޖެހޭނެ. އަދި އެތަން މެއިންޓެއިންކޮށް ބެލެހެއްޓޭނެ ގޮތެއް ވެސް ހަމަޖެހިގެންނޭ ދާންޖެހޭނީ،'' މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދަނޑު އެޅޭނެވަރުގެ ބޮޑު ބިމެއް ހޯދުމަށް އެ މިނިސްޓްރީން މަސައްކަތް ކުރަމުން ދާމަށެވެ. އަދި، ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ހެދުމާއެކު ގަލޮޅު ދަނޑު ވެސް ތަރައްގީކުރުންކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުގައި ކުޅިވަރުގެ ދާއިރާއިން މާލޭ ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު އެއް މަޝްރޫއަކީ ގަލޮޅު ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއެވެ.

ކުރީ ސަރުކާރުގެ ދައުރު ނިމެން ކައިރިވިއިރު ވެސް އާންމު ކޮށްފައިވަނީ ހަމައެކަނި ގަލޮޅު ދަނޑުގެ ކުރެހުންތައް ކަމަށް ބުނެ ބައެއް މީހުންގެ ފާޑުކިޔުން ވެސް އަމާޒުވެފައެވެ.

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގެ ރެނދުލާފައިވާ ސިޑިބަރިތައް ތަޅާލައި، ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް އިންޑިއާގެ ލޯން އެހީގެ ތެރެއިން 55 މިލިއަން ރުފިޔާގެ ބަޖެޓެއް މިދިޔަ ސަރުކާރުގައި ހަމަޖެއްސިއެވެ.

comment ކޮމެންޓް