ފްލެޓްގެ މައްސަލައަކީ 24 ގަޑިއިރު ހޭލާތިބެ ވެސް ނިންމަންޖެހޭ ކަމެއް: އާޒިމް

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް -- ފޮޓޯ: އާދަމް އާޒިމް

ކުރީގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން، ފުރަތަމަ އިއުލާންކުރި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ މައްސަލައަކީ 24 ގަޑިއިރު ހޭލާ ތިބެގެން ވެސް ނިންމަން ޖެހޭ މައްސަލައެއް ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މިރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ"ގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ފްލެޓް ހައްގު ފަރާތްތަކަށް ފްލެޓް ދިނުމުގެ މަސައްކަތް އަވަސްކޮށްދޭން ޖެހޭކަމަށެވެ. އޭރުން އެ އާއިލާތަކަށް ވެސް ހަމަޖެހޭ ދިރިއުޅުމެއް ލިބޭނެކަމަށް އާޒިމް ވިދާޅުވިއެވެ.

"މި ކަންކަމަކީ 24 ގަޑިއިރު ހޭލާ ތިބެގެން ވެސް އެ ބަ ލާއެއްޗެއް ބަލާފައި ކުރަން ޖެހޭ ކަންކަން. ރައްޔިތުން އަޅުގަނޑުމެންނަށް މުސާރަ ދީފައި މި ތިބެނީ 24 ގަޑިއިރު މަސައްކަތް ކުރަން،" އާޒިމް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުން ދިރިއުޅޭ ދަތި ހާލު ފާހަގަކޮށް އާޒިމް ވިދާޅުވީ ބަލަހައްޓައިގެން ނުތިބެވޭނެ ކަމަށެވެ.

މާލޭ ސިޓީގެ މޭޔަރުކަމަށް އާޒިމް މިދިޔަ ހަފުތާގައި ހުވާކުރެއްވިއިރު، ކެމްޕެއިންގައި އެންމެ ގަދައަށް އޭނާ ދެއްކެވި ވާހަކައަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތި ހޯދައިދޭނެ ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ، އެ މަޝްރޫއުތައް ހުއްޓައިނުލާ ކުރިއަށް ގެންދާނެކަމަށް ހުވާކުރެއްވި ރޭ ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

"އެރޭ ފުރަތަމަ ފަހަރަށް ރައިސުލްޖުމްހޫރިއްޔާ އެއްބަސްވެވަޑައިގަތް ގުޅީފަޅު ވެސް ހިއްކޭނެ ކަމަށާއި ގިރާވަރު ފަޅު ވެސް ހިއްކޭނެ ކަމަށާ އުތުރު ތިލަފަޅު ވެސް ހިއްކޭނެ ކަމަށާ ގުޅީފަޅުން ގިރާވަރު ފަޅަށް ބުރިޖު އެޅޭނެ ކަމަށާ އަދި ގިރާވަރު ފަޅުން އުތުރުތިލަފަޅަށް ބުރިޖު އެޅޭނެ ކަމަށް ރައީސް ވިދާޅުވި،" އާޒިމް ވިދާޅުވިއެވެ.

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން މިދިޔަ ސަރުކާރުން އާންމުކުރި ފްލެޓް ލިބޭ މީހުންގެ ލިސްޓުވެގެން ދިޔައީ ގިނަ ބަޔަކު ނުރުހުންވި ލިސްޓަކަށެވެ.

އެހެންވެ، އެ ލިސްޓުތައް ބާތިލުކުރުމަށް ވެސް މީގެ ކުރިން ރައްޔިތުން ގޮވައިލިއެވެ. އެ މައްސަލަ މިހާރު އޭސީސީންދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް