ވިސްނުން ކޮށިވުމަކީ ދިވެހިބަހުގެ ފަގީރުކަމެއް ނޫން: ޑރ. އަޝްރަފް

ޅެންވެރިންގެ ދުވަަސް ފާހަގަކުރުމަށް ގދ. ތިނަދޫގައި ބޭއްވި ރަސްމީ ޖަލްސާގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް ވާހަކަދައްކަވަނީ --

ވިސްނުން ކޮށިވުމަކީ ނުވަތަ، ބަހާމެދު އެކި ދާއިރާތަކުން ވިސްނައި ނަޒަރު ނުހިންގެވުމަކީ ދިވެހިބަހުގެ ފަގީރުވުމެއް ނޫންކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް މިރޭ ވިދާޅުވެއްޖެއެވެ.

އަޝްރަފް މިފަދައިން ވިދާޅުވީ، މި އަހަރުގެ ޅެންވެރިންގެ ދުވަަސް ފާހަގަކުރުމަށް ގދ. ތިނަދޫގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން އަޝްރަފް ވިދާޅުވީ، ދިވެހިބަހުން ވާހަކަދައްކަން ދިވެހިންނަށް އުނދަގޫވެ، އެހެނިހެން ބަސްތަކުން ވާހަކަދައްކާ މިންވަރު އާންމުވަމުންދާ ކަމަށެވެ.

އަދި، ދިވެހި ބަހުން ބުނަން ބޭނުންވާ ވާހާކަ އެހެން ބަހަކުން ބުނުމަށް ލަދުނުގަންނަ މީހުން އިތުރުވަމުން އަންނަކަމަށް އަޝްރަފް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަށް ދިވެހި ބަސް އުނދަގޫވެ، ދިވެހިން ބުނަންވީ އެއްޗެއް ބުނަން ނޭނގިގެން އެއްވެސް ލަދުވެތިކަމެއްނެތި ވިދާޅުވެވޭ ބައެއް ބޭބޭފުޅުންނަށް މި ވާހާކަ ދިވެހިބަހުން ބުނަން އަޅުގަނޑަށް ތަންކޮޅެއް އުނދަގުލޭ،" އަޝްރަފް ވިދާޅުވިއެވެ.

ޅެންވެރިންގެ ދުވަަސް ފާހަގަކުރުމަށް ގދ. ތިނަދޫގައި ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން ---

އެހެންވެ، އަޝްރަފް ވަނީ މުސްތަގުބަލުގައި ބަހާމެދު ފިކުރުކޮށް، އިތުރަށް ސަމާލުވެ ބަސް ދިރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އިލްތިމާސްކޮށްފައެވެ.

ހަމައެހެންމެ، އަންނަ 2025 ވަނަ އަހަރުގެ ޅެންވެރިންގެ ދުވަސް ޚާއްސަކުރުމަށް ހަމަޖެހިފައިވަނީ އަބްދުﷲ ޞާދިގު (ސޯދުބެ) ކަމަށް އަޝްރަފް ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދިނުމުގެ މަސައްކަތް ކުރުމަށް ދިރާސާކުރެވެމުން އަންނަކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މިރޭގެ ޖަލްސާގައި ވަނީ ވިދާޅުވެފައެވެ.

https://sun.mv/187915

މި ދުވަސް މި އަހަރު ރަސްމީކޮށް ޚާއްސަކޮށްފައިވަނީ ތިނަދޫ އަބްދުﷲ އަފީފް (އަފީފްބެ)އަަށެވެ. ހަމައެހެންމެ، މި ޖަލްސާގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމްގެ އިތުރުން އެކަޑަމީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް