ޕެރައެތުލީޓުންނަށް ޚާއްޞަ މުބާރާތެއް ބާއްވަން އެހީވާނަން: މިނިސްޓަރު

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު: މިނިސްާޓރު ވިދާޅުވީ ހުށަހަޅައިފިނަމަ ޕެރަ އެތްލީޓުންނަށް ރާއްޖޭގައި މުބާރާތް ބާއްވައިދޭން އެހީވާނެކަމަށް-- ފޮޓޯ/ ސްޕޯޓްސް މިނިސްޓްރީ

ޕެރަ އެތުލީޓުންނަށް ޚާއްޞަ ކުޅިވަރު މުބާރާތެއް ބާއްވަން އެކަމާ ގުޅުންހުރި އެސޯސިއޭޝަނަކުން އެދެފި ނަމަ، އެކަމަށް ސްޕޯޓްސް މިނިސްޓްރީން އެހީވާނެ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަބްދުﷲ ރާފިއު މިރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރުންނަށް ސުވާލުކުރެވޭ ގޮތަށް، އާންމުކޮށް ހުޅުވާލައިގެން ބާއްވާ 'އަހާ' ފޯރަމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރާފިއު ވިދާޅުވީ، އެ މިނިސްޓްރީއަށް އަމިއްލައަށް މުބާރާތެއް ނުބޭއްވޭނެ ކަމަށެވެ. ނަމަވެސް ޕެރަ އެސޯސިއޭޝަނުން އެފަދަ މުބާރާތެއް ބާއްވަން އެދެފި ނަމަ އެކަމަށް މަގުފަހިކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މިނިސްޓްރީއަކީ އެހެން މުއައްސަސާތަކާ ވާހަކަދައްކައިގެން މުބާރާތް ކޮންޑަކްޓް ކުރާ ބައެއް ނޫން. އެހެން ނަމަވެސް އެ ކޮންޑަކްޓު ކުރައްވާ ބޭފުޅުންނަށް ދޭން ޖެހޭ އެހީތެރިކަން އަޅުގަނޑުމެން ފޯރު ކޮށްދޭނަން،" ރާފިއު ވިދާޅުވިއެވެ.

މީގެ އިތުރުން، ޕެރެއެތުލީޓުން ރާއްޖެއިން ބޭރުގެ ބައެއް ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުމަށް ރާއްޖެއިން ބޭރަށް ދާއިރު ފައިސާގެ ދަތިކަން ކުރިމަތިވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، މިކަމަށް ހައްލެއް ހޯދަން އެސޯސިއޭޝަންތަކާ ވާހަކަދައްކައި މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ދެން އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ރިކުއެސްޓަކަށްވީ މުޅި އަހަރުގެ ޕްލޭން އަޅުގަނޑުމެންނަށް ދެއްވާށޭ. ހިންގަވާށޭ އެންމެ ލާސްޓް މިނިޓު ކޮމްޕްލިކޭޝައިން ސަލާމަތްވާން. އެހެންވީމަ އަޅުގަނޑުމެންނަށް ދެއްވާށޭ އަހަރުގެ ޕްލޭން ކުރިއާލާ،" ރާފިއު ވިދާޅުވިއެވެ.

އެ ހިއްސާ ކުރާ މައުލޫމާތުގައި، އެތުލީޓުން ދާން ނިންމާފައިވާ މުބާރާތާއި އެ މުބާރާތް އޮންނަ މަސް އެނގޭނެ ގޮތް ހަދައިދިނުމަށް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ސަބަބުން ވަގުތުން ފައިސާގެ ކަންކަން ހަމަޖެއްސުމުގެ ބަދަލުގައި، ދުރާލާ އެ ފައިސާ ހަމަޖައްސައިފައި ބެހެއްޓޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުގައި 2019 ވަނަ އަހަރު ވަނީ ޕެރަލިމްޕިކް ކޮމިޓީއެއް އުފައްދައިފައެވެ. އެއަށްފަހު، މިއީ ޕެރަ ކުޅިވަރުތަކުގެ ގޮތުގައި ޕެރަ އެތުލެޓިކްސް، ޕެރަ ބެޑްމިންޓަން އަދި ޕެރަ ސްވިމިން ވަނީ ތައާރަފުކޮށްފައެވެ.

comment ކޮމެންޓް