'ފައިޓާ'އާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ރައްދު ދީފި

ފިލްމު 'ފައިޓާ"ގެ ޕްރޮމޯޝަން އިވެންޓެއްގައި ފިލްމުގެ ބައެއް ކާސްޓުން ޑައިރެކްޓަރު ސިދާތުއާ އެކު-- ފޮޓޯ/ ބޮލީވުޑްހަންގާމާ

ފިލްމު "ޕަތާން"ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ކުރިއަށް އޮތް ފިލްމު "ފައިޓާ"އާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ސިދާތު ރައްދު ދީފިއެވެ.

ޕާކިސްތާނުގެ ފިލްމީ ތަރިން ކަމަށްވާ ހާނިޔާ އާމިރު، އަދުނާނު ސިއްދީގީ އަދި ޒާރާ ނޫރު އައްބާސް ފަދަ ތަރިން ވަނީ ފިލްމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑު އުފުލައިފައެވެ.

މި ފިލްމަކީ 2019 ވަނަ އަހަރު ޕާކިސްތާނަށް ނިސްބަތްވާކަމަށް ބުނާ ޓެރަރިސްޓުންތަކެއް ދިން ޕުލްވާމާ ހަމަލާއަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ މައިގަނޑު ބޮޑު ބައެއް އަމާޒުކޮށްފައިވަނީ ދެ ޤައުމުގެ މެދުގައި ނަފުރަތު އުފެދުމަށް ފުރުސަތުދެވޭ ބީދައިން ކަމަށް ބުނެ ޕާކިސްތާނުގެ ފިލްމީ ތަރިން ވަނީ މި ފިލްމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ފިލްމު "ފައިޓާ"ގެ ޕްރޮމޯޝަން އިވެންޓެއްގައި ނޫސްވެރިން މިކަމާ ގުޅިގެން ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބު ދެމުން ސިދާތު ބުނެފައިވަނީ، "ފައިޓާ"ގައި ދައްކުވައި ދެނީ ޤައުމަކާ ދެކޮޅަށް ކުރާ ހަނގުރާމައެއް ނޫން ކަމަށާއި އެއީ ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައެއް ކަމަށެވެ. ފިލްމުގެ ޓްރެއިލާ ބެލުމަށް ފަހު ގޮތެއް ނިންމުމުގެ ބަދަލުގައި ތިއޭޓަރުތަކަށް ގޮސް ފާޑުކިޔުމަށް ސިދާތު ވަނީ ގޮވާލާފައެވެ. ފިލްމުގައި ގެނެސްދޭ ވާހަކައިގެ ހަގީގަތް އެންމެ ރަނގަޅަށް އެނގޭނީ އޭރުން ކަމަށް ކުޅަދާނަ ޑައިރެކްޓަރު ވަނީ ބުނެފައެވެ. ސިދާތު ބުނެފައިވަނީ މި ފިލްމަކީ ގައުމިއްޔަތަށް ލޯބިކުރާ ބަޔަކު އުފެއްދި ފިލްމެއް ކަމަށާއި އިތުރު އެހެން ސަމާލުކަމެއް ފިލްމަށް ލިބުން އޭނާ ނޭދޭ ކަމަށެވެ.

ފިލްމު 'ފައިޓާ'ގެ މުހިއްމު ރޯލްއިން ފެންނަ އެކްޓަރު ކަރަން ސިންގް ގްރޯވާ ޑައިރެކްޓަރު ސިދާތުއާ އެކު-- ފޮޓޯ/ އިންޓަނެޓް

ރިތިކް ރޯޝަނާއި ދިޕިކާ ޕަދުކޯން ފުރަތަމަ ފަހަރަށް އެކީގައި ސްކްރީނުން ފެންނަ މި ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން އަނިލް ކަޕޫރު ވެސް ފެންނާނެއެވެ.

އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން މާދަމާ ސިނަމާތަކުގައި ދެއްކުމަށް ތައްޔާރަށް އޮތް ފިލްމު "ފައިޓާ" އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ފިޔަވައި ގަލްފްގެ އެހެން ޤައުމު ތަކުގައި ދެއްކުން ވަނީ މަނާކޮށްފައެވެ.

comment ކޮމެންޓް