އެއްވެސް އިރަކު ރައީސް ކަމަކު ނުދޭ، އެކުގައި ނުތިބީ ސިޔާސަތުތައް ގަބޫލުނުކުރީމަ: ޑިމޮކްރެޓްްސް

ދި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު: ޑިމޮކްރެޓްސްއިން ވަނީ ވެބްސައިޓުތައް ބްލޮކްކުރުން ކުށްވެރިކޮށްގައި -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރާއެކު މަސައްކަތް ނުކުރަން ނިންމީ، ތަކުރާރުކޮށް ވެސް ޑިމޮކްރެޓުން ގަބޫލުކުރާ ސިޔާސަތުތައް ސަރުކާރަށް ހުށަހެޅުމުން ވެސް އެ ކަންކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ގަބޫލުފުޅުނުކުރެއްވުމުން ކަމަށް ދަ ޑިމޮކްރެޓްސްއިން މިއަދު ބުނެފިއެވެ.

އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ރައީސް ހަސަން ލަތީފް ވިދާޅުވީ ވަކި ޕާޓީއެއް ހަދައިގެން ސިޔާސީ މަސައްކަތަށް އެ ބޭފުޅުން ނިކުތީ އެމްޑީޕީގެ ސިޔާސަތުތައް ކަމުނުދާތީ ކަމަށެވެ.

އަދި ވަކި ކަމަކާ ދެކޮޅުވުމަކީ ދެން ހުރި ކަންކަން ބަލައިގަތުން ނޫންކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެކަކު ކުރާ ކަންކަން ކަމުނުދިޔުން އެއީ އޭގެ ޒާތުގައި ދެން އެހެން މީހުން ކުރާ ކަންކަން އަދި ކަމުދިޔުމެއް ނޫން. [ރައީސް] ޑރ. މުއިއްޒު އަޅުގަނޑުމެންނަށް އެއިރު ވެސް ކަމުދިޔައީއެއް ނޫން. މިހާރު ކޮންމެހެން އަޅުގަނޑުމެންނަށް ޑރ. މުއިއްޒު ކަމުދާންވީ ސަބަބެއް ވެސް ނެތް،" ހަސަން ވިދާޅުވިއެވެ.

ހަމައެއާއެކު ޑިމޮކްރެޓުން ސަރުކާރާއެކު މަސައްކަތްކުރަން ގަބޫލުކުރާ ހަމައަކީ ސިޔާސީ މަގާމުތަކެއް އެ ޕާޓީގެ މެމްބަރުންނަށް ދިނުން ނޫންކަމަށް ވެސް ފާހަގަކުރެއްވިއެވެ.

އެ ޕާޓީން ހުށަހަޅަނީ އެ ޕާޓީން ގަބޫލުކުރާ ސިޔާސަތުތަކަކާއި ހަމަތަކެއްކަމަށް ވެސް ވިދާޅުވިއެވެ. އަދި އެ ކަންކަން ސަރުކާރުން ގަބޫލުކުރިނަމަ އެ ޕާޓީން ވެސް ތިބޭނީ ސަރުކާރާއެކުގައި ކަމަށް ހަސަން ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރާއެކީ މަސައްކަތް ކުރުމުގެ މަޝްވަރާތައް ހުއްޓި، އެކުގައި މަސައްކަތް ނުކުރަން ނިންމީ، އިންތިގާލީ މަރުހަލާގައާއި ސަރުކާރާ ހަވާލުވެ ރައީސާ ބައްދަލުކޮށް ވެސް އެ ކަން ހުށަހެޅުމުން އެ ކަންކަން ގަބޫލުނުކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނުފެނޭ މި ސަރުކާރު މިހާރު މި ދާ ގޮތަށް ދަންޏާ ޑިމޮކްރެޓުން ސަރުކާރަށް ތާއީދުކުރާނެ ތަނެއް،" ހަސަން ވިދާޅުވިއެވެ.

ހަސަން އިތުރަށް ވިދާޅުވީ ސަރުކާރާ ހަވާލުވުމަށްފަހު އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އަމަލުތައް ބަހައްޓަވާން ތަން ވެސް ނުފެންނަ ކަމަށެވެ. މިސާލަކަށް، އޭނާ ދެއްކެވީ ދައުލަތުގެ ޚާރިޖީ ސިޔާސަތުތައް ބައްޓަންކުރަމުން އަންނަ ގޮތެވެ.

އެގޮތުން މިއަދު ޚާރިޖީ ކަންކަން ނިންމާއިރު، އަވަށްޓެރި ގައުމަކާ ޖެހޭ ގޮތަށް ކަންކަން ނިންމަމުން އަންނަކަން ފެންނަކަން ފާހަގަކުރައްވައި ހަސަން ވިދާޅުވީ އެއީ ކުރުން ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އަދި އެ ކަމުގެ ނުރަނގަޅު ނަތީޖާތައް ފެންނަކަމަށާއި އެއީ ޒިންމާދާރު ސަރުކާރަކުން ކުރާނެ ކަމެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.

މިއަދު ޑިމޮކްރެޓުންވަނީ އިދިކޮޅު އެމްޑީޕީއާއެކު ސިޔާސީ މަސައްކަތް ކުރަން ނިންމައިފައެވެ. ނަމަވެސް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ދެ ޕާޓީން ވެސް ވާދަކުރާނީ ވަކިންކަމަށް ޕާޓީތަކުގެ ވެރިން ވިދާޅުވިއެވެ.

comment ކޮމެންޓް