ކެންސަރު ބަލީގައި ނިޔާވި ފިރިމީހާގެ ހަނދާނުގައި މިސްކިތެއް އަޅަނީ

އަލީމް ފައުންޑޭޝަންގެ ޗެއާޕާސަން ނަބީލާ އަދި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް --- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

ބައިލް ޑަކްޓް ކެންސަރު ބަލި ޖެހި، ބަލީގެ އެންމެ ފަހު ސްޓޭޖުގައި ދުނިޔެއާ ވަކިވި އަހުމަދު އަލީމްގެ ހަނދާނުގައި މިސްކިތެއް އެޅުމުގެ އެއްބަސްވުމުގައި، އޭނާގެ ހުވަފަތް އަނބިމީހާ، ނަބީލާ ޝިހާބު މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދު ހެނދުނު، ހިލޭ އެހީގެ ދަށުން މިސްކިތްތައް އިމާރާތް ކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ތިން ކުންފުންޏަކާ އެކު އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައެވެ.

މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އަލީމް، ނަބީލާ އަދި ދެމަފިރިންނަށް ލިބިފައިވާ ދެ ކުދިން އޮސްޓްރޭލިއާގައި ދިރިއުޅެމުން ދަނިކޮށް، އަލީމަށް ކެންސަރު ބަލި ޖެހިފައިވާކަން އެނގުނީ ޖެނުއަރީ 14، 2022 ގައެވެ. އޭނާ ނިޔާވީ އޭގެ ހަތަރު މަސް ފަހުން، އެޕްރީލް މަހުގެ 15 ގައެވެ.

އަލީމް ފައުންޑޭޝަނުން މި މިސްކިތް އެންމެ ފުރަތަމަ އަޅަން ގަސްތުކުރީ އޮސްޓްރޭލިއާގެ ޕާތުގައެވެ. އެކަމަށް ފަންޑްރެއިސިން ހަރަކާތްތައް ހިންގައި، ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބުނެވެ.

ނަމަވެސް، އޮސްޓްރޭލިއާގައި މިސްކިތެއް އަޅާނަމަ އެންމެ ފުރަތަމަ ޖެހެނީ ބިން ގަންނާށެވެ. އެއާ ޚިލާފަށް، ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ވަނީ ހިލޭ ބިން ހަމަޖައްސައިދޭނެކަމަށް އެއްބަސްވެފައެވެ.

އެހެންކަމުން، މާލީގޮތުން އެ ލިބުނު ލުޔާއެކު ނަބީލާ ނިންމީ ފިރިމީހާގެ ހަނދާނުގައި ފުރަތަމަ ރާއްޖޭގައި މިސްކިތް އަޅާށެވެ. ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި މިސްކިތުގެ ޑިޒައިން މިނިސްޓްރީއަށް ހުށަހަޅާނެއެވެ.

އެއަށް ފަހު، ފަގީރުންނަށް ކާންދިނުމަށް ސޫޕް ކިޗަންއަކާއި އެކީ މިސްކިތަކާއި ހިނަވާގެއެއް އަލީމް ފައުންޑޭޝަނުން އޮސްޓްރޭލިއާ ގައި އަޅާނެއެވެ.

އަލީމް ވަނީ ފުލުހުންގެ ހިދުމަތުގައި 17 އަހަރު ހޭދަކުރައްވައިފައެވެ. އަދި، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ އިސްވެރިއެއްގެ ގޮތުގައި ވެސް އަލީމް ވަނީ ހިދުމަތް ކުރައްވާފައެވެ.

comment ކޮމެންޓް