ޒިޔާދަށް ސާބިތުނުވި ހުކުމުގެ އިސްތިއުނާފު އަނބުރާ ގެންގޮސްފި

ކުރީގެ އިސްލާމިކް މިނިސްޓަރު ޒިޔާދު: އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކުރި ހުކުމުގެ އިސްތިއުނާފު ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދު ބާޤިރުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ސާބިތު ނުވި މައްސަލައިގެ އިސްތިއުނާފު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އިއްޔެ އަނބުރާ ގެންގޮސްފިއެވެ.

ޒިޔާދުގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް އޭސީސީގެ ތަހުގީގަކުން ހާމަވުމުންނެވެ.

މި މައްސަލައިގައި ޒިޔާދުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އެންޑޯޒްމަންޓް ސެކްޝަންގެ ވެރިއަކަށް އޭރު ހުރި، މ. މުހައްމަދީއާބާދު، އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށް ވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލިއެވެ. ނަމަވެސް ދެ ބޭފުޅުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް 2021 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރީ 2022 ވަނަ އަހަރުއެވެ.

އިސްތިއުނާފު ހައިކޯޓުގައި ކުރިއަށް ދަނިކޮށް، ޕީޖީ އޮފީހުން ވަނީ އެ މައްސަލަ ރިވިއުކުރުމަށް ފަހު، އިތުރަށް އިސްތިއުނާފު ކުރިއަށް ގެންދަން ބޭނުންނުވާކަން އިއްޔެ ހައިކޯޓަށް އަންގައިފައެވެ. އެހެންވެ، ހައިކޯޓުން ވަނީ އެ މައްސަލަ ފައިލްކޮށްފައެވެ.

ޒިޔާދުގެ މައްޗަށް ތުހުމަތުވާ މައްސަލައާ ގުޅިގެން މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނީ އެންޑޯޒްމަންޓް ސެކްޝަންގެ ވެރިއެއްގެ ހައިސިއްޔަތުން އިބްރާހިމް ޢަބްދުﷲ ސަޢީދު ޕްރޮޕޯސަލްތަކާ ގުޅޭ ޓެކްނިކަލް ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓުގައި އެސްޖޭ ކޮންސްޓްރަކްޝަނަށް ޒިކުރާ މިސްކިތުގެ މަސައްކަތް ހަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ބަޔާންކޮށްފައިވަނީ އެ ކުންފުންޏަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކަމަށް ތަހުގީގަށް ސާބިތުވާ ކަމަށެވެ.

އިބްރާހީމް ޢަބްދުﷲ ސަޢީދާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު މަސްލަހަތު ފުށުއަރާފަދަ ގުޅުން އޮންނަކަން ތަހުގީގަށް ފާހަގަކުރެވޭ ކަމަށް ވެސް އޭސީސީއިން ބުނެފައިވެއެވެ.

އެ މައްސަލަ ސާބިތުނުވާކަމަށް ބުނެ ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ, ފަންގިފިލާގެ އަދަދު ނުބައިކޮށް އެއްބަސްވުމުގައި އޮތްކަން ފާހަގަވި ހިސާބުން އެކަން އިސްލާހުކުރަން އޭރުގެ އިސްލާމިކް މިނިސްޓްރީން މަސައްކަތްކޮށްފައިވާކަން ދެ ހެކިވެރިންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ. އަދި، އެއީ ގަސްތުގައި ކުރި ކަމެއް ކަން ސާބިތުކުރެވޭ ވަރުގެ ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް