މި ފިހާރައިން ކާން، 43 އަހަރު މަޑު ކުރަން ޖޭހެނެ!

އަސަހިޔާ ނަމަކަށް ކިޔާ ފިހާރައަކީ ޖަޕާުނުގެ އާއިލާއަކުން ހިންގާ ކުޑަ ފިހާރައެއް، ---

ތަންތަނުން އެއްޗެހި ކެއުމަށްޓަކައި ދިގު ކިޔު ހަދައި ވެއިޓިން ލިސްޓުތަކުގައި ޖަހައިގެން ގިނައިރަކު މަޑު ކުރާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ނަމަވެސް މިއީ ގިނަ ފަހަރަށް ބޮޑެތި ލަގްޒަރީ ބްރޭންޑުތައް ނުވަތަ ޓްރެންޑީ ތަންތަނުގައި ވާ ކަމެކެވެ. އެކަމަކު ޖަޕާނުގެ އާދައިގެ ފިހާރައެއްގައި ހުންނަ އެއްޗެއް ކެއުމަށްޓަކައި އެތައް އަހަރެއް ކުރީން ލިސްޓަށް ލާން ޖެހެއެވެ.

ޖަޕާނުގެ ހުޅަނގުން ޓަކަސާގޯ ސިޓީގެ އާއިލާއަކުން ހިންގާ މަސް ފިހާރައެއް ކަމަށްވާ އަސަހިޔާއިން މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތަކީ މަސް ކަނޑައި އެ ވިއްކުމެވެ. ނަމަވެސް އެ ތަނުގެ ގެރި މަހުގައި ހަދާ ހާއްސަ ކްރޮކެޓް އެއްގެ މަގުބޫލުކަމާ އެކު އެތައް ބަޔަކު ވަނީ އެ ކާން ބޭނުންވެފައެވެ.

މި ކްރޮކެޓްގެ މަގުބޫލު ކަމުގެ ސަބަބުން އެތައް ބަޔަކު އެ ކެއުމަށް ކެތްމަދުވެފައިވެއެވެ. ނަމަވެސް މި ކެވެން އޮންނަނީ ހާއްސަ ވެއިޓިން ލިސްޓެއްގައި ނަން ނޯޓު ކޮށްގެނެވެ. ކޮންމެ ދުވަހަކު ވެސް އެ ތަނުގައި ކްރޮކެޓް ހަދަނީ ލިމިޓެޑް އަދަދަކަށެވެ. އެއާ އެކު މިހާރު ނަން ނޯޓު ކޮށްފި ނަމަ އެންމެ އަވަހަށް އެ ލިބެން އޮތް ދުވަހަކީ މީގެ 43 އަހަރު ފަހެވެ. އެހެން ނަމަވެސް އެ ލިސްޓު އަންނަނީ ދުވަހެއް ދުވަހަށް އިތުރުވަމުންނެވެ.

އަސަހިޔާ ހުޅުވީ 1926ގައި ނަމަވެސް އެ ފިހާރައިން ގެރި މަސް އަޅާފައި ހުންނަ ކްރޮކެޓް ވިއްކަން ފެށީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހުގައެވެ. އެ ކްރޮކެޓް މަގުބޫލު ވާން ފެށީ 2000ގެ ކުރީކޮޅުގައެވެ. މަގުބޫލު ވެފައިވާ ކްރޮކެޓް ފިހާރައިން ވިއްކަނީ އެންމެ ދެ ޑޮލަރަށެވެ.

އަސަހިޔާގެ ވެރިޔާ ޝިގެރޫ ނިއްޓާ ބުނާގޮތުގައި ކްރޮކެޓް ވިއްކަން ފެށީ އަސްލު ވަރަށް އަގުހެޔޮކޮށް، އަޖުމަ ބަލާލުމުގެ ގޮތުންނެވެ. އެ ކްރޮކެޓްގައި ބޭނުންކޮށްފައިވަނީ އެންމެ މޮޅު ކޮލިޓީގެ ކޯބީ ގެރި މަހެވެ. އަދި އެ ވިއްކަން ފެށީ ކޯބީ ގެރި މަސް ގަންނަ މީހުންގެ އަދަދު އިތުރުވާނެ ކަމުގެ އުއްމީދުގައެވެ.

"މި ގެރި މަހުގެ ކޮލިޓީގެ ގޮތުން މިއީ ވަރަށް އަގުބޮޑު އެއްޗެއް. އެހެންވެ އެ ގަންނަން ގިނަ ބަޔަކު ޖެހިލުންވޭ،" އޭނާ ކިޔައިދިނެވެ.

އެހެންކަމުން ނިއްޓާ އުއްމީދުކުރީ އެ ކްރޮކެޓް ކެއުމަށް ފަހު، އޭގައި ބޭނުންކޮށްފައިވާ ގެރި މަސް ވަކިން ގަންނަން މީހުން އަންނާނެ ކަމަށެވެ. އަދި، ފުރަތަމަ ކްރޮކެޓް ވިއްކަމުން ދިޔައީ ގެރި މަހަށް ވުރެ ވެސް އަގު ހެޔޮކޮށް، ގެއްލުމުގައި ކަމަށް ނިއްޓާ ބުންޏެވެ.

ނަމަވެސް ފަހުން ކްރޮކެޓްގެ އިތުރުން ކޯބީ ގެރި މަސް ގަންނަ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އަދި އެހާ އަގުހެޔޮކޮށް ކްރޮކެޓް ވިއްކުމުގެ ނަތީޖާއަކަށްވީ އެއަށް ޑިމާންޑު ބޮޑުވެ ވެއިޓިން ލިސްޓު ދިގުވެގެން ދިޔުމެވެ.

މީގެ ސަބަބުން ކޯބީ މަސް ގަންނަން އަންނަ މީހުންގެ އަދަދު ގިނަވެ ފިހާރައަށް ލިބޭ ފައިދާ ބޮޑުވުން ކަމުގައި އޭނާ ފާހަގަކުރެއެވެ.

comment ކޮމެންޓް