މަސައްކަތްތަކެއް ކުރުމަށް، ކަޅުވަކަރު މިސްކިތާއި ޕާކު ބަންދުކުރަނީ

އޮކްޓޫބަރ 18، 2020: ކަޅުވަކަރު މިސްކިތް: އެ މިސްކިތާއި ޕާކު ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރުމަށް ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ނިންމާފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބައެއް މަސައްކަތްތައް ކުރުމަށް ކަޅުވަކަރު މިސްކިތާއި ޕާކު ސަރަހައްދު މާދަމާ ބަންދުކުރަން ނިންމާފައިވާ ކަމަށް ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.

އެވުޒާރާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މަސައްކަތް ނިންމުމަށްފަހު އަންނަ މަހުގެ ތެރޭގައި ކަޅުވަކަރު މިސްކިތާއި ޕާކު ސަރަހައްދު އާންމުންނަށް ހުޅުވާލާނެ ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގައި ކުރަނީ ކޮން މަސައްކަތެއް ކަމެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

މާލޭގައި ހުރި އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ކަޅުވަކަރު މިސްކިތަކީ އެންމެ ގިނަ ސަރަހައްދުތަކަށް "ދަތުރު"ކޮށްފައިވާ މިސްކިތް ވެސް މެ އެވެ.

ކަޅުވަކަރު މިސްކިތަކީ ގާތްގަނޑަކަށް 200 އަހަރުގެ ދިގު ތާރީޚެއް އޮތް މިސްކިތަކަށް ވާއިރު އެ މިސްކިތް ވަނީ އެކި ސަރުކާރުތަކުގައި އެކި ތަންތަނަށް ގެންގޮސްފައެވެ.

އެ މިސްކިތް ކުރިން ހުރީ މަޖީދީމާގާއި ކަރަންކާމަގު އިންވާ ހުޅަނގު އުތުރު ކަންމަތީގައެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި އެ މިސްކިތް ވަނީ ނީލަން ކިޔައި ފުރަނަފުށީގައި ބަހައްޓައިފައެވެ.

ފުރަނަފުށީގައި އެ މިސްކިތް ބަހައްޓާފައި ހުއްޓައި، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1980 ވަނަ އަހަރުގެ ފެބްރުއަރީގައި އެ މިސްކިތް އަލުން މާލެ ގެނައެވެ. އެއަށް ފަހު އެ މިސްކިތް ބަހައްޓާފައި ހުރީ ސަލްޓަން ޕާކް އިރު ދެކުނު ކަނުގައެވެ.

ގިނަ ދުވަސްތަކެއް ވަންދެއް ކަޅުވަކަރު މިސްކިތް އެތަނުގައި ހުއްޓެވެ. އަދި ކަޅުވަކަރު މިސްކިތުގެ އާބާތުރަ ފިލުވައި ގިނަ ދުވަހަށް ދެމިހުންނާނެ ގޮތަށް ހިމާޔަތްކުރުމުގެ މަސައްކަތަށް އެތަން ބަންދުކުރިއެވެ. އެ މަސައްކަތް ނިންމާލުމަށް ފަހު ކަޅުވަކަރު މިސްކިތް ހުޅުވާފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭޕްރިލް 19، 2009ގައިއެވެ.

https://sun.mv/145706

އެއަށް ފަހު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެ މިސްކިތް ރޫޅާލުމަށް ފަހު ސަލްޓަން ޕާކުން ނެގިއެވެ. އެ މިސްކިތް ރާވައި، މިހާރު ހުރި ތަނުގައި ގާއިމުކުރީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައެވެ.

އެ ސަރުކާރުގައި ހެރިޓޭޖު މިނިސްޓްރީއާ ހަވާލުކޮށްގެން މިސްކިތް އަލުން ރޭވީ، މިސްކިތުގެ ބައިތައް ހޯދައި ރައްކާތެރިކޮށް، އެ ބައިތައް ދެމިހުންނާނެ ގޮތަކަށެވެ.

comment ކޮމެންޓް