ހުޅުމާލެ ފޭސް އެކެއްގައި މިސްކިތާއެކު ސްކޫލެއް އިސްލާމީ ތައުލީމަށް ޚާއްސަކޮށް އަޅަނީ

މިސްކިތަކާއި އެއްކޮށް ސްކޫލެއް ތަރައްޤީކުރުމަށް، އެޗްޑީސީ އަދި އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި --- ފޮޓޯ: ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން

ހުޅުމާލެ ރެޑްވޭވް ސިޓީ ސްކޮއަރ ކައިރީގައި ހުންނަ ވަގުތީ މިސްކިތް ތަރައްގީކޮށް، މިސްކިތާއި އެއްކޮށް ސްކޫލެއް އެޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަލީ އަހްސަންއެވެ.

އަދި، އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

މި އެއްބަސްވުމުގެ ދަށުން، އެ ސަރަހައްދުގައި މިހާރު ހުރި ވަގުތީ މިސްކިތް ތަރައްގީ ކުރާނީ ސްކޫލާއި މިސްކިތް ގުޅިގެންދާ ގޮތަށެވެ.

އޭގެ ބޭނުމަކީ މި ސްކޫލުން ދަރިވަރުންނަށް ފުރިހަމަ އިސްލާމީ ތަޢުލީމު އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުން ކަމަށް އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުންޏެވެ.

މީގެ އިތުރުން، ފުދުންތެރިކަން ދަށް ކުދިންނަށާއި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް މި ސްކޫލުން ހިލޭ ކިޔެވޭނެއެވެ.

ކުރިއަށް އޮތް ދެ އަހަރާއި ތިން އަހަރާ ދެމެދު، މި ސްކޫލުގައި ޕްރީސްކޫލް ދަރިވަރުންނަށް ކިޔަވައިދޭން ފަށާނެކަމަށް އެޗްޑީސީން ބުންޏެވެ. އެއަށްފަހު، ގްރޭޑް އެކަކުން ދިހައަކާ ހަމައަށް ކިޔަވައިދެވޭ ފެންވަރަށް ތަރައްގީކުރާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެއަށްފަހު، މަތީ ތައުލީމު އުނގަންނައިދެވޭ ފެންވަރަށް މި ސްކޫލް ތަރައްގީ ކުރެވިގެންދާނެ ކަމަށް ވެސް ބުންޏެވެ.

ހުޅުމާލެ ފޭސް އެކެއްގެ ވަގުތީ މިސްކިތް ތަރައްގީކުރުމަށް މިއަދު ސޮއިކޮށްފައިވާއިރު، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ހުޅުމާލެ ފޭސް ދޭއްގައި ވަގުތީ މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް ވެސް އެޗްޑީސީން މިހާރު ވަނީ ފަށައިފިއެވެ.

comment ކޮމެންޓް