ޑިންގީއެއް ބަންޑުންޖަހާލުމުން ކަނޑުވި ދެ މީހަކު ސަލާމަތްކޮށްފި

ކޯސްޓްގާޑުގެ އުޅަނދެއް --- ފޮޓޯ: އެމްއެންޑީއެފް

ށ. ފޯކައިދޫ ކައިރިން ބަންޑުން ޖަހާލި ޑިންގީއެއްގައި ތިބި ދެ މީހަކު ކަނޑުވުމުން، އެ ދެ މީހުން މިރޭ ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައިވާ ގޮތުން އެ ޑިންގީ ބަންޑުން ޖަހާލީ ށ. މިލަންދޫން ފުރައިގެން ހދ. ކުޅުދުއްފުށްޓަށް ދަތުރުކުރަމުން ދަނިކޮށެވެ. އެ ހާދިސާގެ މައުލޫމާތު ލިބުނީ 22:23ގައި ކަމަށް ވެސް ސިފައިން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ޑިންގީގައި ތިބި ދެ މީހުން ސަލާމަތް ކުރުމަށް، ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވި ކަމަށެވެ.

ނަމަވެސް އެ ދެ މީހުން ފެނިގެން، އެ ދެ މީހުން ސަލާމަތްކުރީ އެ ސަރަހައްދުން ދަތުރުކުރި ކަންނެލި ދޯންޏަކުން ކަމަށް ސިފައިން ބުންޏެވެ. އެކަން ކޯސްޓްގާޑަށް އަންގައިފައި ވަނީ 00:21ހާއިރު ކަމަށާއި އެ މީހުންގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ޑިންގީއަކަށް އަރައިގެން ކަނޑުމަތީގައި އުޅުމުގެ ތެރޭގައި މީހުން ގެއްލުން ފަދަ ނުރައްކާތެރި ހާދިސާތައް މީގެ ކުރިން ދިމާވެފައި އެބަހުއްޓެވެ.

comment ކޮމެންޓް