ގަތަރުން ފޮކްސް ނޫހާ ދެކޮޅަށް ދައުވާ ކުރަނީ

ޓެކްސަސްގެ ރިޕަބްލިކަން ޕާޓީގެ ސެނެޓާ ޓެޑް ކްރޫޒް. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

އެމެރިކާގެ ނޫހެއް ކަމަށްވާ ފޮކްސް ނޫހާ ދެކޮޅަށް ދައުވާކޮށްފައިވާކަން ގަތަރުން އިއުލާނުކޮށްފިއެވެ.

ގަތަރުން އެ ނޫހާ ދެކޮޅަށް ދައުވާކުރީ ފަލަސްތީނުގެ ޣައްޒާގެ ވެރިކަންކުރާ ހަމާސް އާއި މުސްލިމް ބްރަދަހޫޑާއި ދެކޮޅަށް ވާހަކަ ދައްކާ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ގަތަރުން ޖާސޫސްކުރާ ކަމަށް ބުނުމުންނެވެ.

އެމެރިކާގައި ހުންނަ ގަތަރުގެ އެމްބަސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފޮކްސް ނޫހުން ލިޔެފައިވާ އެ ހަބަރު ލިޔުނު ނޫސްވެރިޔާއަކީ މީގެކުރިން ވެސް ގަތަރާ ދެކޮޅަށް ރިޕޯޓުތައް ގެނެސްފައިވާ ނޫސްވެރިއެކެވެ. އަދި އޭނާއާ ދެކޮޅަށް ގާނޫނީ ގޮތުން ތަހުގީގުކުރަންޖެހޭ ހުރިހާ ތަހުގީގެއް ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ގަތަރު އެމްބަސީން އެގޮތަށް ހާމަކޮށް ބަޔާން ނެރެފައި ވަނީ އެމެރިކާގެ ޓެކްސަސްގެ ރިޕަބްލިކަން ޕާޓީގެ ސެނެޓާ ޓެޑް ކްރޫޒް ހިމެނޭހެން ހަމާސް އާއި މުސްލިމް ބްރަދަހޫޑާ ދެކޮޅަށް ގާނޫނުހަދާ މަޖިލީހުގައި ވާހަކަ ދައްކަވާ މެމްބަރުން ބަދުނާމު ކުރުމަށް ސީއައިއޭގެ ކުރީގެ އެޖެންޓެއްގެ އެހީ ގަތަރުން ހޯދި ކަމަށް ފޮކްސް ނޫހުން ބުނުމުންނެވެ.

ފޮކްސް ނޫހުން އިތުރަށް ބުނެފައިވާ ގޮތުން ޖާސޫސުކުރުމަށް ގަތަރުން އަންނަނީ 2017 ވަނަ އަހަރުން ފެށިގެން ފައިސާ ހޭދަކުރަމުންނެވެ.

އެ ޖާސޫސުކޮށްފައިވާ ކަމަށް ހެކި ދޭ ލިޔެކިޔުންތައް އެ ނޫހުން ހޯދައިފައިވާ ކަމަށްވެސް ފޮކްސް ނޫހުން ވަނީ ބުނެފައެވެ.

ގަތަރުން ޖާސޫސުކުރަނީ މުސްލިމު ބްރަދަހޫޑާއި ހަމާސްއާއި ދެކޮޅަށް ހަދާ ޤާނޫނުތައް ހެދިޔަ ނުދޭން ކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

މުސްލިމް ބްރަދަހޫޑް، ހަމާސް އަދި އެހެން "ޓެރަރިސްޓް ޖަމާއަތްތައް" ޕްރޮމޯޓްކޮށް ފައިނޭންސް ކުރުމަށް ގަތަރު ސަރުކާރުން އެތައް ބިލިއަން ޑޮލަރެއް ހޭދަކުރާ ކަމަށް ކްރޫޒް ތުހުމަތުކުރެއެވެ.

comment ކޮމެންޓް