އަޖޭއާއި އަކްޝޭގެ ފިލްމު ބޮޑު ކުރިމަތިލުމަކަށް

އަޖޭ ދޭވްގަން ފިލްމު "މައިދާން"ގެ މަންޒަރެއްގައި-- ފޮޓޯ/ބޮލީވުޑް ހަންގާމާ

އަކްޝޭ ކުމާރު އަދި ޓައިގާ ޝްރޮފް ލީޑު ރޯލު ކުޅޭ ފިލްމު "ބަޅޭ މިޔާން ޗޯޓޭ މިޔާން" ރިލީޒް ކުރާ ދުވަސް އިއުލާނުކޮށްފައިވަނިކޮށް އަޖޭ ދޭވްގަންގެ ފިލްމު "މައިދާން" ވެސް ހަމަ އެ ދުވަހު ރިލީޒް ކުރާނެކަން އިއުލާނުކޮށްފިއެވެ.

މި ދެ ފިލްމު ވެސް ރިލީޒް ކުރުމަށް ނިންމާފައި ވަނީ މި އަހަރުގެ ފިތުރު ޢީދާ ދިމާކޮށެވެ.

ޕްރޮޑިއުސަރު ބޮނީ ކަޕޫރާއި ޒީ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ ފިލްމު "މައިދާން" ރިލީޒް ކުރާނެ ތާރީޚެއް އިއުލާނުކޮށްފައި ވަނީ ފިލްމު ރިލީޒް ކުރުން ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައި ވަނިކޮށެވެ. އެންމެ ފުރަތަމަ ފިލްމު 2020ވަނަ އަހަރު ތެރޭ ރިލީޒް ކުރާނެކަން އިއުލާނުކޮށްފައި ވަނިކޮށް ކޮވިޑް-19އިގެ ބަލިމަޑުކަމާ ގުޅިގެން ފިލްމު ވަނީ އެކި ފަހަރު މަތީން ފަސްކުރެވިފައެވެ.

ފިލްމު "ބަޅޭ މިޔަ ޗޯޓޭ މިޔާ" އަދި "މައިދާން"ގެ ޕޯސްޓަރެއް-- ފޮޓޯ/އިންޓަނެޓް

މި ފިލްމުގައި އަޖޭ ދޭވްގަން ފެންނާނީ ތަޖުރިބާކާރު ފުޓުބޯޅަ ކޯޗެއްގެ ރޯލުންނެވެ. ފިލްމު "މައިދާން" ރިލީޒްކުރާ ތާރީޚުގައި ސިނަމާއަށް ގެންނަން އިއުލާނުކުރި "ބަޅޭ މިޔާން ޗޯޓޭ މިޔާން"އަކީ ވެސް ބެލުންތެރިން މި އަހަރު އެންމެ ބޮޑަށް އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމެވެ. މި ދެ ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކުރިމަތިލުމަކަށް ދާން ޖެހިފައިވާއިރު ދެ ފިލްމަކީ ވެސް ވަރަށް ވަރުގަދަ ޕްރޮޑަކްޝަން ޓީމަކުން ގެނެސްދޭ އެހާމެ މަގުބޫލު އެކްޓަރުން ލީޑުން ފެންނާނެ ދެ ފިލްމެވެ.

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "އާރްއާރްއާރް"އާ އެކު ފިލްމު ރިލީޒް ކުރަން ނިންމުމާ ގުޅިގެން މިދިޔަ އަހަރު ވެސް ފިލްމު "މައިދާން"އަށް ޖެހުނީ ފަހަތަށް ޖެހޭށެވެ. މިދިޔަ އަހަރަކީ އަޖޭގެ ގިނަ ފިލްމުތަކެއް ވަރަށް ކައިރި ކައިރީގައި ރިލީޒްކުރި އަހަރެއް ކަމުން ޕްރޮޑިއުސަރު ބޮނީ ކަޕޫރު ބޭނުންވީ ބެލުންތެރިން އެ ފިލްމުތައް މަތިން ހަނދާންނެތޭހާ ވަގުތު ދިނުމަށްފަހު "މައިދާން" ރިލީޒްކުރުމަށެވެ.

comment ކޮމެންޓް